Advertisement

އިސްލާމިކް މިނިސްޓަރު ޒާހިރު އެމްޑީޕީގެ ކެމްޕެއިނުގައި ބައިވެރިވަޑައިގަނެފި

15 ޖަނަވަރީ 2022 - 14:57 0

ހުސެއިން އަރުބާން ފައްވާޒް

ހުސެއިން އަރުބާން ފައްވާޒް

އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު: އެމްޑީޕީގެ ކެންޑިޑޭޓުގެ ކެމްޕެއިންގައި މިއަދު މިނިސްޓަރު ބައިވެރިވަޑައިގަނެފި، މިރޭ ޖަލްސާގައިވެސް ބައިވެރި ވަޑައިގަންނަވާނެ -- ފޮޓޯ: ޓްވީޓާ، އެމްޑީޕީ


އިސްލާމިކް މިނިސްޓަރު ޒާހިރު އެމްޑީޕީގެ ކެމްޕެއިނުގައި ބައިވެރިވަޑައިގަނެފި

15 ޖަނަވަރީ 2022 - 14:57 0

އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު އަލީ ށ. ކޮމަންޑޫ ދާއިރާއަށް ވާދަކުރާ އެމްޑީޕީ ކެންޑިޑޭޓް މުހައްމަދު ރާޝިދުގެ ކެމްޕެއިން ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަންނަވަން ފަށައިފި އެވެ.

ސަރުކާރުގެ ކެންޑިޑޭޓަށް ތާއީދު ކުރާކަން ރަސްމީކޮށް އަދާލަތުން ނިންމާފައިނުވި ނަމަވެސް، އެ ދާއިރާގައި ހިމެނޭ ށ. މަރޮއްޓަށް ނިސްބަތްވެ ވަޑައިގަންނަވާ މިނިސްޓަރު ޒާހިރު ތާއީދުކުރައްވަނީ މުހައްމަދު ރާޝިދަށްކަން މިއަދު އޭނާ ހާމަކުރެއްވި އެވެ.

އެމްޑީޕީގެ ކެމްޕެއިންއަށް ނައިބު ރައީސް ފައިސަލް ނަސީމް މިއަދު މަރޮށްޓަށް ވަޑައިގެންނެވުމުން އެރަށުން އެމަނިކުފާނަށް މަރުހަބާ ދަންނަވަން މިނިސްޓަރު ޒާހިރު ވަޑައިގެން ހުންނެވި އެވެ. އަދި ރާޝިދުގެ ކެމްޕެއިނުގެ ބައެއް ހަރަކާތްތައް އިފްތިތާހު ކުރުމުގައި ވެސސް ޒާހިރު ބަައިވެރިވެވަޑައިގަތެވެ.

އެކަމާ ގުޅިގެން އަދާލަތުގެ ބަހެއް އަދި ނުލިބެ އެވެ. ފެބްރުއަރީގައި ބޭއްވުމަށް ހަމަޖެހިފައިވާ ބައި-އިލެކްޝަނުގައި އަދާލަތުން ކެންޑިޑޭޓަރު ނުނެރެ އެވެ. އަދި އެ އިންތިހާބުގައި އަދާލަތުން އަމަލު ކުރާނެ ވަކި ގޮތެއް ވެސް ކަނޑައަޅާފައެއްނުވެ އެވެ.

"ށ. ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި އަދާލަރުން ކެންޑިޑޭޓަކު ނެރިފައި ނުވި ނަމަވެސް، އެ ދާއިރާއަކީ އޭޕީގެ މެމްބަރުން އެކަށީގެންވާ އަދަދަކަށް ތިބި ދާއިރާ އަކަށްވާތީ، އެ ދާއިރާގެ ބައި އިލެކްޝަންގައި އޭޕީއިން ތާއީދުކުރާ ކެންޑިޑޭޓަކު ކުރިއަށް އޮތް ހަފްތާތެރޭގައި ނިންމާ އިއުލާނު ކުރާނަން،" އަދާލަތުގެ ތަރުޖަމާން، އަދި ހޯމް މިނިސްޓްރީގެ ސްޓޭޓް އަލީ ނަސީރު މީގެ ކުރިން ވިދާޅުވެފައިވެ އެވެ.

ނައިބު ރައީސް ކޮމަންޑޫ ދާއިރާއަށް ކުރައްވާ ދަތުރުގައި މިއަދު ހެނދުނު އެންމެ ފުރަތަމަ ވަޑައިގަތީ ފޯކައިދު އަށެވެ. އެއަށް ފަހު މަރޮއްޓަށް ވަޑައިގެން، އެރަށުގެ ބަނދަރު ހެދުމުގެ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި އެވެ. އަދި ކޮމަންޑޫގައި މިރޭ ބާއްވާ ކެމްޕޭނު ޖަލްސާގައި ނައިބު ރައީސް އާއި ޖޭޕީގެ ބައެއް މިނިސްޓަރުންގެ އިތުރުން އަދާލަތުގެ މިނިސްޓަރު ވެސް ބައިވެރިވެވަޑައިގަންނަވާނެ އެވެ.

ރާޝިދުގެ ކެމްޕެއިނަށް މިދިޔަ ހަފުތާގެ ހުކުރު ދުވަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ކޮމަންޑޫ ދާއިރާގެ ތިން ރަށަށް ވަޑައިގެންނެވި އެވެ. ރައީސްއާއެކު އެ ދަތުރުގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް އާއި ތިމާވެއްޓާ ބެހޭ ވަޒީރު އައިމިނަތު ޝައުނާ އާއި އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ ވަޑައިގެންނެވި އެވެ.

ރާޝިދުގެ ކެމްޕޭނު ހަރަކާތުގައި ބައިވެރިވެވަޑައިގަތުމަށް ބުދަ ދުވަހު ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި ފޮރިން މިނިސްޓަރު އަދި އދ. އާންމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ވެސް އެ ރަށަށް ވަޑައިގެންނެވި އެވެ. އަދި އެ ދާއިރާގައި ހިމެނޭ ތިން ރަށުގައި ކެމްޕެއިން ޖަގަހަތައް ހުޅުވި އެވެ.