Advertisement

ފާޑުކިޔުންތަކަށް ފުރަގަސްދީ ޓާޓާ އެއްބަސްވުމުގައި ސޮއިކޮށްފި

15 ޖަނަވަރީ 2022 - 18:41 0

އަމަން ހަލީމް

އަމަން ހަލީމް

ހައުސިން އަޅަން ޓާޓާއާ ހަވާލުކުރި ނާދީ ބިން: މިވީ 11 އަހަރުގެ ތެރޭގައި މިތަނުގައި އެއްވެސް މަސައްކަތެއް ނުކުރޭ. -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު


ފާޑުކިޔުންތަކަށް ފުރަގަސްދީ ޓާޓާ އެއްބަސްވުމުގައި ސޮއިކޮށްފި

15 ޖަނަވަރީ 2022 - 18:41 0

މާލޭގެ ހަތަރު ބިމެއްގައި 500 ހައުސިން ޔުނިޓު ތަރައްގީކުރަން މީގެ 11 ކުރިން ޓާޓާއާ އެކު ވެވުނު އެއްބަސްވުމަށް ބައެއް ބަދަލުތައް ގެނެސް، ކުރީގެ އެއްބަސްވުމަށް އަލުން ރުޖޫއަވާން ނިންމާ ބުރާސްފަތި ދުވަހު ސޮއިކޮށްފި ކަމަށް ހައުސިން މިނިސްޓްރީން މިއަދު ހާމަކޮށްފި އެވެ.

މައްސަލަ އުފެދުނު އެއްބަސްވުމަކީ ޓާޓާއާ ގުޅުން އޮންނަ އިންޑިއާގެ ކަރްގަވާލް އެސްޖީ18 ޑިވެލޮޕާސްއާ 2010 ވަނަ އަހަރު، އޭރު ވެރިކަންކުރަމުން އައި ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން ސޮއިކުރި އެއްބަސްވުމެކެވެ.

ބޯހިޔާވަހިކަމުގެ ވައުދު ފުއްދަން އޭރުގެ ސަރުކާރުން މި އެއްބަސްވުމުގައި ސޮއިކުރީ ދެ ފިޔަވައްސަކަށް ބަހާލައިގެން ޑިވެލޮޕަރު އަމިއްލައަށް ފައިނޭންސް ކޮށްގެން ޕްރޮޖެކްޓު ކުރިޔަށް ގެންދާ ގޮތަށެވެ.

އެގޮތުން ފުރަތަމަ ފިޔަވަހީގެ ދަށުން 350 ފްލެޓާއި 35 ލަގްޒަރީ ވިލާ އަދި ދެވަނަ ފިޔަވަހީގެ ދަށުން 150 ހައުސިން ޔުނިޓު އަދި 15 ލަގްޒަރީ ވިލާ އަޅާ ގޮތަށް ހަމަޖެހުނެވެ. އަދި، ޕްރޮޖެކްޓުގެ މަސައްކަތްތައް އެއްކޮށް ނިންމާލަން އެއްބަސްވީ ބިންތައް ހަވާލުކުރާތާ 33 މަސް ދުވަހުގެ ތެރޭގަ އެވެ.

އެސްޖީ 18 އަދި ޓާޓާއާއެކު ވެވުނު އެއްބަސްވުމާ އެއްގޮތަށް ފުރަތަމަ ފިޔަވަހި ހިންގަން ފަހުން ހަވާލުކުރީ އެޕެކްސް ރިއަލްޓީ ޕްރައިވެޓް ލިމިޓެޑާ އެވެ. އެޕެކްސް ރިއަލްޓީއަކީ ޓާޓާ ހައުސިންގެ 65 ޕަސެންޓު ހިއްސާ އަދި އެސްޖީ 18 ޑިވެލޮޕާސްގެ 35 ޕަސެންޓު ހިއްސަވާ ޖޮއިންޓް ވެންޗާއެކެވެ.

ހައުސިން ޔުނިޓުތައް އަޅަން ޓާޓާއަށް މާލެއިން ދިން ބިންތައް

  • ގ. ގާކޮށި
  • މ. އޯޑިއޯން
  • ހ. ބްލޫހެވަން (ކުރީގެ ނާދީ)
  • މއ. ވޭސައިޑް (ކުރީގެ އަރަބިއްޔާ)

ޕްރޮޖެކްޓު ފެށިތާ ކައިރީގައި ވަރަށް ބާރު ދުވެލީގައި މަސައްކަތްތައް ކުރިޔަށް ދިޔަ ނަމަވެސް، ފަހުން އެކި މައްސަލަތަކުގެ ތެރޭގައި ދުވެލި މަޑުޖެހިގެން ދިޔަ އެވެ. މި މައްސަލަތަކުގެ ތެރޭގައި އެޕެކްސްއިން ލޯކަލް ކޮންޓްރެކްޓަރު، އައިމާ ކޮންސްޓްރަކްޝަނަށް ޑޮލަރުން ފައިސާ ނުދޭ މައްސަލަ އާއި އިމާރާތަށް ބޭނުންވާ މުދާ ނުލިބި ލަސްވުން ހިމެނެ އެވެ.

މިކަމާއި ގުޅިގެން ހައުސިން މިނިސްޓްރީން ނެރުނު ނޫސް ބަޔާނެއްގައި ބުނީ އެއްބަސްވެވުނު ގޮތަށް މަސައްކަތް ކުރިޔަށް ނުދާތީ ފުރަތަމަ ނޯޓިސް ފޮނުވީ އޭޕްރިލް 2014 ގައި ކަމަށެވެ. ނޯޓިސް ފޮނުވި ސަބަބަކީ ނާދީ އާއި އޯޑިއޯން ބިމުގައި އެއްވެސް މަސައްކަތް ކުރިޔަށް ނުދާތީ އެވެ.

އެކަމަކު، އެޕެކްސް (ޓާޓާ) އާއި އޭރުގެ ސަރުކާރާ މަޝްވަރާކުރުމަށް ފަހު ނިންމީ އެއްބަސްވުން އިސްލާހުކޮށްގެން އަލުން ކުރިޔަށް ދާށެވެ.

މި އެއްބަސްވުމުގެ ތަފްސީލުތައް ހިއްސާނުކޮށް ސަރުކާރުން އޭރު ބުނީ، އެއްބަސްވުން އިސްލާހުކުރީ އަހަރު ދުވަހުގެ ތެރޭގައި ބާކީ ދެ ބިމުގައި ހައުސިން ޔުނިޓުތައް އަޅާ ނިންމާ ގޮތަށް ކަމަށެވެ. އެކަމަކު އެ އެއްބަސްވުމާ އެއްގޮތަށް ވެސް އެޕެކްސްއިން މަސައްކަތް ނުކުރެ އެވެ.

ޓާޓާއަށް ދީފައިވާ ނާދީ ބިން: މި މަޝްރޫއު ފަށަން ވަށާ ޓިނު ޖެހުން ފިޔަވާ އިތުރު މަސައްކަތްތަކެއް އެތަނުން ފެންނާކަށް ނެތް. -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު


އޭރު ބޮޑު ބައި މަސައްކަތް ނިމިފައި ހުރި އަރަބިއްޔާ އަދި ގާކޮށި ފްލެޓުތައް ވެސް އެ ކުންފުންޏަށް ނިންމުނީ އެތައް ފަހަރަކު ދިން ތާރީހުތައް ފަހަނައަޅާ ދިޔަ ފަހުންނެވެ. މި ޕްރޮޖެކްޓުގެ ފުރަތަމަ ފިޔަވަހީގެ ދަށުން އެޅި 288 ހައުސިން ޔުނިޓު ސަރުކާރާ ހަވާލުކުރީ އޭޕްރިލް 2016 ގަ އެވެ.

އެއީ އެއްބަސްވެވުނު ތާރީހު ފަހަނައެޅިތާ ދެ އަހަރަށް ވުރެ ގިނަ ދުވަސްވީ ފަހުންނެވެ.

މި ޔުނިޓުތައް ހަވާލުކުރި ފަހުން ވެސް އަނެއް ދެ ބިމުގައި މަސައްކަތް ނުފަށާތީ އެއްބަސްވުން ބާތިލުކުރަން އޭރުގެ ސަރުކާރުން ނޯޓިސް ފޮނުވީ އެ އަހަރުގެ ޑިސެމްބަރު މަހު އެވެ. އެ ނޯޓިސްގައި ބުނާ 90 ދުވަހުގެ މުއްދަތު ހަމަވުމުން، އެއްބަސްވުން ބާތިލުކުރީ އޭޕްރިލް 2017 ގަ އެވެ.

އެއްބަސްވުން ބާތިލުކުރުމުން އެޕެކްސްއިން މުމްބާއީ އާބިޓްރޭޝަނަށް މައްސަލަ ހުށަހެޅި އެވެ. އަދި، މުމްބާއީ އާބިޓްރޭޝަން ޓްރައިބިއުނަލުން ވަނީ މައްސަލަ ނިމެންދެން ބާތިލުކުރި ނޯޓިސްއަށް އަމަލުނުކުރުމަށާއި، އޯޑިއޯން އަދި ނާދީ ބިމުގައި މަސައްކަތް ފަށަން ހުއްދަ ދޭން ވަގުތީ އަމުރެއް ނެރެފަ އެވެ.

ވަގުތީ އަމުރުގެ އިތުރުން އެޕެކްސްއިން އާބިޓްރޭޝަނުގައި އެދުނީ، އެއްބަސްވުމަށް އަމަލުކުރަން ދިވެހި ސަރުކާރަށް އަންގާށެވެ. މިފަދަ އަމުރެއް ނުނެރެވޭނަމަ އެ ކުންފުނިން ބޭނުންވީ ބަދަލުގެ ގޮތުގައި 200.46 މިލިއަން ޑޮލަރު (ތިން ބިލިއަން ރުފިޔާ) އާއި އާބިޓްރޭޝަނަށް ހިނގި ހަރަދުތައް ނަގައިދޭށެވެ.

މި މައްސަލައިގައި ދިވެހި ސަރުކާރުގެ ފަރާތުން މުމްބާއީ އާބިޓްރޭޝަނުގައި ވަކާލާތުކުރާ ބޭރުގެ ގާނޫނީ މާހިރުން ލަފާދިނީ، އެއްބަސްވުމަށް އަލުން ރުޖޫއަވާން ކަމަށް ހައުސިން މިނިސްޓްރީން ބުނެ އެވެ.

ގާނޫނީ މާހިރުން އެގޮތަށް ލަފާ ދިނީ އެހާތަނަށް މައްސަލަ ކުރިޔަށް ގޮސްފައިވާ ގޮތަށް ބަލާއިރު ޓްރައިބިއުނަލުން ބުރަވަނީ އެއްބަސްވުން ބާތިލުކުރީ ގާނޫނާ ހިލާފަށް ކަމަށް އެ މީހުންނަށް ފާހަގަކުރެވޭތީ އެވެ. އަދި، އާބިޓްރޭޝަނުން ނަތީޖާ ހޯދުމުގެ ބަދަލުގައި ކޯޓުން ބޭރުގެ އެއްބަސްވުމަކަށް ދިޔުން ބުއްދިވެރި ކަމަށް ލަފާ ދިނެވެ.

މި ލަފާގެ މަތިން މައްސަލަ ހައްލުކުރަން މަޝްވަރާކުރާށާއި ސެޓްލްމަންޓު އެއްބަސްވުމަކަށް އަންނަން ދިވެހި ސަރުކާރާއި އެޕެކްސްއިން އެއްބަސްވީ ސެޕްޓެމްބަރު 6، 2018 ގަ އެވެ. އަދި، މަޝްވަރާތައް ކޮޅެއްގައި ޖެހި ސެޓްލްމަންޓު އެއްބަސްވުމަކަށް އައީ ސެޕްޓެމްބަރު 20، 2018 ގަ އެވެ.

ފުރަތަމަ ސެޓްލްމަންޓުގައި އެއްބަސްވެވުނު ކަންކަން

  • ނާދީ ބިން ތަރައްގީކުރަން ދިނުން
  • އޯޑިއޯންގެ ބަދަލުގައި މާލެ ކޮށި ނަމްބަރު 386 ބިން ދިނުން
  • ލަގްޒަރީ ވިލާ އަޅަން ދީފައިވާ ޅ. ޅޮއްސަފުށީގައި ރިސޯޓެއް އަޅަން ދިނުން
  • މުމްބާއީ އާބިޓްރޭޝަނުގެ ބަދަލުގައި ސިންގަޕޫރު އާބިޓްރޭޝަނަށް މައްސަލަތައް ހުށަހެޅުން

އެޕެކްސްއާ އެކު ވެވުނު އެއްބަސްވުން ދިފާއުކޮށް ހައުސިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި ކުރީ ސަރުކާރުން ސޮއިކުރި ސެޓްލްމަންޓް އެއްބަސްވުމަށް އަމަލުނުކުރެވުނީ، އެ އެއްބަސްވުމުގައި ބުނާ ހަތް ދުވަހުގެ މުއްދަތުގެ ތެރޭގައި ޅ. ޅޮއްސަފުށި ހަވާލު ނުކުރެވުމުންނެވެ. އެ ސެޓްލްމަންޓް އެއްބަސްވުމަށް އަމަލުނުކުރާތީ މުމްބާއީ އާބިޓްރޭޝަނުގައި ކުރިޔަށްދިޔަ މައްސަލަ އެޕެކްސްއިން ނުނަގަ އެވެ.

މި މައްސަލަ ވަކިކޮޅެއްގައި ނުޖެހޭތީ މިހާރުގެ ސަރުކާރުން ނިންމީ އޭރު އޮތް ސެޓްލްމަންޓު އެއްބަސްވުމަށް އިތުރަށް މަޝްވަރާކޮށްގެން ހައްލެއް ހޯދާށެވެ. އެ މަޝްވަރާތަކަށް ފަހު އާ އެއްބަސްވުމެއްގައި ސޮއިކުރީ ކުރިން އެއްބަސްވެވުނު ކަންކަމަށް ބަދަލު ގެނައުމަށް ފަހު އެވެ.

ފަހުގެ ސެޓްލްމަންޓުގައި އެއްބަސްވެވުނު ކަންކަން

  • ނާދީ އާއި އޯޑިއޯން ބިން ތަރައްގީކުރަން ދިނުން
  • މުމްބާއީ އާބިޓްރޭޝަނުގެ ބަދަލުގައި ސިންގަޕޫރު އާބިޓްރޭޝަނަށް މައްސަލަތައް ހުށަހެޅުން
  • ސެޓްލްމަންޓު އެއްބަސްވުމުގައި ސޮއިކުރުމުން މުމްބާއީ އާބިޓްރޭޝަނުގައި އޮތް މައްސަލަ ނެގުން
  • ލަގްޒަރީ ވިލާ އަޅަން ޅ. ޅޮއްސަފުށިން 360،000 އަކަފޫޓުގެ ބިމެއް ދިނުން (ކުރިން ދިނީ މުޅި ރަށް)

ފަހުން ސޮއިކުރި އެގްރީމެންޓުގައި ކުރިން އަތުލަން ނިންމި އޯޑިއޯން ބިން އަލުން ޓާޓާއަށް ދޭން ވަނީ އެއްބަސްވެފަ އެވެ. އަދި ކުރިން ރިސޯޓު އަޅަން ދޭން ނިންމި ޅޮއްސަފުށި އެއްކޮށް ދިނުމުގެ ބަދަލުގައި އަކަފޫޓަކަށް 25 ޑޮލަރު ރޭޓުން ކުއްޔަށް ދޭގޮތަށް ވަނީ ހަމަޖެހިފަ އެވެ.

ހައުސިން މިނިސްޓްރީން ބުނީ ޅޮއްސަފުށީގައި ލަގްޒަރީ ވިލާ އަޅަން ދިން ބިމުން ސަރުކާރަށް ނުވަ މިލިއަން ޑޮލަރު (138 މިލިއަން ރުފިޔާ) ގެ އާމްދަނީއެއް ލިބޭނެ ކަމަށެވެ. އަދި، އޯޑިއޯނާއި ނާދީގެ ބިން ތަރައްގީކުރަން ދިނީ އެ ދެ ބިމުގެ މިލްކުވެރިކަން ނުގެއްލޭ ގޮތަށް ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

ޓާޓާއާ އެކު އެއްބަސްވުމަކަށް ދިޔުމާ ގުޅިގެން އިދިކޮޅު ސިޔާސީ ފިިކުރުގެ މީހުންނާއި ބައެއް އަމިއްލަ މީހުން އަންނަނީ މި މައްސަލައިގައި ކަންބޮޑުވުން ފާޅުކުރަމުންނެވެ. ވަކިން ހާއްސަކޮށް އެއްބަސްވުމުގައި ބުނާ މަސައްކަތްތައް ނުކުރާ ބަޔަކަށް ބަދަލެއް ދޭތީ ގިނަ ބަޔެއްގެ ފާޑުކިޔުން ވަނީ އަމާޒު ވެފަ އެވެ.

މި ފާޑުކިޔުންތަކަށް ރައްދު ދެމުން ސަރުކާރުން ބުނީ މިފަހަރު އެއްބަސްވުން މިހެދީ ސަރުކާރަށް އެންމެ ގެއްލުން ކުޑަ ގޮތަށް ކަމަށެވެ.