Advertisement

އުތުރު ކޮރެއާއިން އެއް މަސް ތެރޭ ތިން ވަނަ މިސައިލް ޓެސްޓެއް

15 ޖަނަވަރީ 2022 - 21:46 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

އުތުރު ކޮރެއާއިން ޓެސްޓު ކުރީ ޓެކްޓިކަލް މިސައިލެއް. -- ފޮޓޯ: ކޭސީއެންއޭ


އުތުރު ކޮރެއާއިން އެއް މަސް ތެރޭ ތިން ވަނަ މިސައިލް ޓެސްޓެއް

15 ޖަނަވަރީ 2022 - 21:46 0

ސޯލް، ދެކުނު ކޮރެއާ (ޖެނުއަރީ 15) - މި މަސް ތެރޭގައި އުތުރު ކޮރެއާއިން ތިން ވަނަ ފަހަރެއް މިސައިލް ޓެސްޓުކޮށްފައިވާ ކަމަށް އެ ގައުމުގެ ދައުލަތުގެ މީޑިއާއިން ރިޕޯޓުކޮށްފި އެވެ.

ދެކުނު ކޮރެއާގެ ސިފައިން ވެސް ބުނީ ހުކުރު ދުވަހުގެ މެންދުރު ކުރު ރާސްތާގެ ދެ ބެލިސްޓިކް މިސައިލް އުތުރު ކޮރެއާއިން ލޯންޗުކުރި ކަމަށެވެ.

އުތުރު ކޮރެއާގެ ކޭސީއެންއޭ ނިއުސް އެޖެންސީން ބުނީ މިސައިލް ޓެސްޓު ކުރީ "ރޭލުގެ އެހީގައި ފޮނުވާލާ މިސައިލްތައް މަސައްކަތް ކުރާ މިންވަރު ދެނެގަންނަން" ކަމަށެވެ.

ރޭލެއްގެ އެހީގައި މިސައިލް ފޮނުވައިގެން އުތުރު ކޮރެއާއިން އެންމެ ފުރަތަމަ މިފަދަ ޓެސްޓެއް ކުރި ސެޕްޓެމްބަރު 2021 ވަނަ އަހަރު އެވެ.

"މުޅި ގައުމުގައި ރޭލުގެ އެހީގައި މިސައިލް ފޮނުވޭނެ ނިޒާމް ގާއިމްކުރަން މަޝްވަރާތައް ވަނީ ކުރިއަށް ގެންގޮސްފައި،" ކޭސީއެންއޭއިން ބުންޏެވެ.

ދެކުނު ކޮރެއާގެ ޖޮއިންޓް ޗީފްސް އޮފް ސްޓާފް އިން ބުނީ ހުކުރު ދުވަހު ލޯންޗުކުރި މިސައިލް ދަތުރު ކުރީ 36 ކިލޯމީޓަރު އުސް ހިސާބަކުން 430 ކިލޯމީޓަރު ދުރަށް ކަމަށެވެ.

މިއީ އުތުރު ކޮރެއާއިން މި މަހު ހިންގި ތިން ވަނަ މިސައިލް ޓެސްޓެވެ. ޖެނުއަރީ ފަސް ވަނަ ދުވަހާއި 11 ވަނަ ދުވަހު ވެސް ދެ ހައިޕާސޮނިކް މިސައިލް ޓެސްޓު ކުރި އެވެ.

ރައްދުގައި އެމެރިކާއިން ވަނީ އުތުރު ކޮރެއާއާ ދެކޮޅަށް މުޅިން އާ ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅާފަ އެވެ. އެކަމާ ގުޅިގެން އުތުރު ކޮރެއާއިން ބުނީ އެމެރިކާއިން އުޅެނީ "ގަސްތުގައި މައްސަލަ ބޮޑުކުރަން" ކަމަށެވެ.