Advertisement

އޮބާމަޔަން އަށް މެޗު ނުކުޅެވުނީ ހިތުގެ މައްސަލައެއް ފާހަގަކުރެވިގެން

15 ޖަނަވަރީ 2022 - 09:38 0


އޮބާމަޔަން އަށް މެޗު ނުކުޅެވުނީ ހިތުގެ މައްސަލައެއް ފާހަގަކުރެވިގެން

15 ޖަނަވަރީ 2022 - 09:38 0

ޔައުންޑޭ، ކެމަރޫން (ޖެނުއަރީ 15) - އެފްރިކަން ކަޕް ނޭޝަންސްގައި ރޭ ގާނާއާ 1-1 އިން އެއްވަރުވި މެޗުގައި ގެބޮންގެ ތަރި ޕިއޭ އެމެރިކް އޮބާމަޔަން އަށް ނުކުޅެވުނީ އޭނާގެ ހިތުގެ މައްސަލައެއް ފާހަގަކުރެވިގެން ކަމަށް ގެބޮން ޓީމުން ބުނެފި އެވެ.

އެފްރިކަން ކަޕް އޮފް ނޭޝަންސް ކުޅެން ކެމަރޫނަށް އައިތަނުން އޮބާމަޔަން ކޮވިޑަށް ޕޮޒިޓިވްވި އެވެ. ކަޕް އޮފް ނޭޝަންސްގައި ގެބޮން ކުޅުނު ފުރަތަމަ މެޗުގައި 1-0 އިން ކޮމޮރޯސް އަތުން މޮޅުވީ އޮބާމަޔަން ނުލަ އެވެ. ކޮވިޑަށް ނެގެޓިވްވުމާ އެކު ރޭ ގާނާ މެޗަށް އޮބާމަޔަން ކުޅެން އަރާނެ ކަމަށް ބެލެވުނު ނަމަވެސް ހިތުގެ މައްސަލަައެއް ޓެސްޓްތަކުން ފާހަގަކުރެވި އޭނާ މެޗު ކުޅެން ހުއްދަ ނުލިބުނެވެ.

ގެބޮން ފުޓްބޯޅަ ފެޑެރޭޝަނުން ބުނީ އޮބާމަޔަން އާއި މާރިއޯ ލެމީނާ އަދި އެކްސަލް މާޔާ އަށް ވެސް ކުރިމަތިވީ ހިތުގެ އެއް ކަހަލަ މައްސަލައެއް ކަމަށެވެ. އެއީ "ކާޑިއަކް ލެސިއަން" އެވެ. ތިން ކުޅުންތެރިންނަށް ނުކުޅެވޭނެކަން އެންގީ މައްސަަލަ އެންމެ ސީރިއަސްނުވި ނަމަވެސް ހިތުގެ ކަމަކަށްވާތީ ރިސްކު ނުނެގުމަށެވެ.

ގެބޮންގެ ކޯޗު ޕެޓްރީސް ނެވޭއު ބުނީ ތިން ކުޅުންތެރިންނަށް ނުކުޅެވޭކަން އެންގީ މެޗު ފެށެން ދެ ގަޑިއިރަށްވެފައި ވަނިކޮށް ފޯން ކޯލަކުން ކަމަށެވެ. އުއްމީދަކީ ގްރޫޕް ސްޓޭޖުގައި ގެބޮން އިން ކުޅޭ ފަހު މެޗުގައި މޮރޮކޯއާ ދެކޮޅަށް އެ ތިން ކުޅުންތެރިންނަށް ކުޅެވޭނެ ކަމަށް ކަމުގައި ނެވޭއު ބުންޏެވެ.

އޮބާމަޔަން އަށް މި ދިމާވި ކަންތައްތަކުގެ މައުލޫމާތު ގެބޮން ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ އާސެނަލްގެ މެޑިކަލް ޓީމާ ހިއްސާކޮށްފަ އެވެ. މައްސަަލަ ސީރިއަސް ނޫންކަން ޔަގީންވުމުން އާސެނަލުން އޮބާމަޔަން އަނބުރާ ލަންޑަނަށް ނުގެންދަން ނިންމީ ކަމަށް އިނގިރޭސި މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ.

ދާދި ފަހުން އަހުލާގީ މައްސަލަ އަކާ ހެދި އާސެނަލުން ވަނީ އޮބާމަޔަން އަތުން އެ ޓީމުގެ ކެޕްޓަން ބޭންޑް ނަަގައިފަ އެވެ. އެންމެ ފަހުން އާސެނަލް ކުޅުނު މެޗުތަކުގައި ހުރީ ސްކޮޑުން ވެސް ބާކީކޮށްފަ އެވެ.