Advertisement

ތިނަދޫ އަށް "ހަވަރުތިނަދޫ" ކިޔުނީ ކީއްވެ؟ އެއީ ފަހުރުވެރިވާން ޖެހޭ ނަމެއްތަ؟

15 ޖަނަވަރީ 2022 - 09:19 6

ގދ. ތިނަދޫ

މުހައްމަދު ހަމްދޫން

މުހައްމަދު ހަމްދޫން

1960 ގެ އަހަރުތަކުގައި ތިނަދޫގައި ހިނގައިދިޔަ މައްސަލައަކާ ގުޅިގެން އެ ރަށަށް އަމަން ބަލަހައްޓަން ވަޑައިގެންނެވި ސިފައިންގެ ބޭކަލެއް ކަމަށްވާ ކ.ދ އަހުމަދު މަނިކު އެ ރަށުގެ ބަޔަކާ އެކު.


ތިނަދޫ އަށް "ހަވަރުތިނަދޫ" ކިޔުނީ ކީއްވެ؟ އެއީ ފަހުރުވެރިވާން ޖެހޭ ނަމެއްތަ؟

15 ޖަނަވަރީ 2022 - 09:19 6

ގދ. ތިނަދޫ

ހުވަދު އަތޮޅު ދެކުނު ބުރީގެ ވެރިރަށް ތިނަދޫ އަށް އަރައިގެން ދާއިރު ލޮލުގައި އެންމެ ބޮޑަށް އަޅައިގަންނަ ލަފުޒަކީ "ހަވަރު" އެވެ. އެ ނަމުން ނަން ދީފައިވާ އޮޑިދޯނިފަހަރާއި ހޮޓާހޮޓަލާއި ޓެކްސީ ސެންޓަރުތަކާއި ނޫސް މަޖައްލާތަކާއި ކުޅިވަރު ކްލަބްތައް އެބަހުއްޓެވެ. އެ ރަށަށް ކުރިން ކިޔާ އުޅުނު "ހަވަރުތިނަދޫ" ގެ ނަމުން މި ޒަމާނަށް ފުރޭނިގެން އައި އެ ލަފްޒު މިއަދުގެ ޖީލުން ބަލައިގަނެ ދިރުވަމުން އަންނަ ފަދަ އެވެ. "ހަވަރު" މިއީ ތިނަދޫ އަށް ދީފައިވާ ލަގަބެއް ހެއްޔެވެ؟ ނުވަތަ މިއީ ތިނަދޫގެ ނަމުގެ ކުރިއަށް ކުރިން ރަސްމީކޮށް އިތުރުކޮށްފައިވާ ލަފްޒެއް ހެއްޔެވެ؟ މިއީ ތިނަދޫ ރައްޔިތުން ފަހުރުވެރިވާން ޖެހޭ ނަމެއް ބާވަ އެވެ؟

"ހަވަރު" އަކީ އިހުގެ ސިފައިންނާއި ފުލުހުންނަށް ކިޔާ ނަމެވެ. އެއީ އޭރު ރަސްގެފާނުގެ ލަޝްކަރެވެ. އޭރު އަމަން ބަލަހައްޓާ ލަޝްކަރަށް "ހަވަރު" ކިޔަނީ އެ ލަޝްކަރު އެކުލަވާލެވިފައިވަނީ 6 ވަރު ނުވަތަ 6 ކޮމާންޑުގެ މައްޗަށް ކަމަށް ވާތީވެ އެވެ. އެ 6 ވަރަކީ "ދޮށިމޭނާވަރު"، "ވެލާނާވަރު"، "ހަކުރާވަރު"، "މާފަތްވަރު"، "ދަހަރާވަރު" އަދި "ފާމުލަދޭރިވަރު" އެވެ.

ހަކީމީ ބޭސްވެރިކަމުގައި ބޭނުންކުރާ ވިނައެއް ކަމަށްވާ ޔުފޯބިއާ ހިރްތާ (ތިނަ ވިނަ) އިން ނަން ދެވިފައިވާ ތިނަދޫ އަށް "ހަވަރުތިނަދޫ" ކިޔަން ފަށާފައިވަނީ، ތާރީހީ މަސްދަރުތައް ބުނާ ގޮތުގައި އައްސުލްތާނުލް ޣާޒީ މުހައްމަދު ތަކުރުފާނުލް އައުޒަމް (އުތީމު ރަދުން/ ބޮޑުތަކުރުފާނު) ގެ ރަސްކަމުގައި ހަވަރުން އެ ރަށުގައި ކުރި ހަނގުރާމައަކާއި ގުޅިގެންނެވެ. އަދި އެ ހަނގުރާމަ އަށް ފަހު ހަވަރުގެ ބެލުމުގެ ދަށުގައި ތިނަދޫ އޮތުމުންނާ އެކު ވެސް މެ އެވެ. އެކަމަކު އެ ހަނގުރާމަކުރަން ޖެހުނު ސަބަބާއި އެ ރަށް ހަވަރުގެ ބެލުމުގެ ދަށަށް ދިޔަ ސަބަބާ ބެހޭ ގޮތުން ދެ ގޮތަކަށް ވާހަކަދެކެވެ އެވެ.

ތިނަދޫ އަތިރިމަތި 1960 ގެ އަހަރުތަކުގައި.


މީގެ ތެރެއިން އެއް ވާހަކަ ގުޅެނީ އެ ރަށު މީހުން އިސްލާމް ދީނަށް އެނބުރުމަށް ފަހު ޚުރާފީ ވާހަކައެއް ގަބޫލުކޮށް އަނެއްކާ ވެސް ޣައިރު ބަދަލުވުމާ އެވެ. އެކަމަކު މިއީ ދޫދޫ މަތިން ދެކެވޭ ވާހަކައެކެވެ. އެފަދަ ވާހަކަތަކާ ހަވާލާދެއްވައި، ދިވެހި ތާރީހު ވަކިން ހާއްސަކޮށް ހުވަދުގެ އަތޮޅުގެ ތާރީހު ދިރާސާކުރައްވާ ތިނަދޫ އަބްދުﷲ ހިލްމީ ވިދާޅުވި ގޮތުގައި ޕޯޗުގީޒުންގެ އަތްދަށުން ރާއްޖެ މިނިވަންކުރެއްވުމަށް ފަހު އުތީމު ރަދުން ރަސްކަމަށް އިސްވެވަޑައިގެންނެވި އިރު ތިނަދޫ އަށް އިސްލާމް ދީން ނުފޯރާ ކަމަށެވެ. އެކަމަކު އެ ރަދުން އެ ރަށަށް ކުރެއްވި ޒިޔާރަތެއްގައި އިސްލާމް ދީން އުނގަންނަވައިދެއްވުމުން ދީން ގަބޫލުކުރި ކަމަށް ކިޔާ އުޅޭ ކަމަށެވެ.

"ކޮންމެ އަކަސް ދެން ވީގޮތެއް ކަމަށް ބުނެ އުޅެނީ އުތީމު ރަދުން ތިނަދޫ އިން ފުރާވަޑައިގަތްތާ ދުވަސް ކޮޅެއް ފަހުން ތިނަދޫގައި ވިހާ ކުދިން މަރުވާން ފެށުނެވެ. މިކަންބޮޑުވެ، ރަށުގެ މީހުން ހަދާނެ ގޮތެއް ނޭނގިގެން މި ފިކުރުތެރޭ އުޅެނިކޮށް އޭރު މީހުން އުޅުނު ރަށެއް ކަމުގައިވާ "ރަހަދޫ" ގައި އިން އަންހެނަކު، ތިނަދޫގެ ކުދިން މަރުވާ ސަބަބަކީ ކުރިން އެ މީހުން އުޅުނު ދީން ދޫކޮށްލީމާ ވާގޮތެއް ކަމަށް ބުނުމުން އަނެއްކާ ތިނަދޫ މީހުން ޣައިރު ދީނަށް ވަނީ އެވެ،" ހިލްމީ ލިޔުއްވާފައިވެ އެވެ.

ތިނަދޫ މީހުން އިސްލާމް ދީން ދޫކޮށްލި ހަބަރު އުތީމު ރަދުން އަށް ލިބިވަޑައިގަތުމުން ހަވަރު ލަޝްކަރު ފޮނުއްވީ އެވެ.

އެކަމަކު ހިލްމީ ވިދާޅުވި ގޮތުގައި ހަވަރު ފޮނުވަން ޖެހުނު ސަބަބަކީ އެއީ ކަމަށް އޭނާ އަށް ގަބޫލެއް ނުކުރެއްވޭ ކަމަށެވެ.

"ޔޯޅަ ބަހަކަށް ވުރެ މިމަތިވެރި އިސްލާމްދީން ދޫކޮށްލާވަރަށް ވުރެ އޭރު ތިބި މީހުންގެ އަގީދާ ވެސް ވަރުގަދަވާނެ،"

ހަވަރު ފޮނުވަން ޖެހުނު ސަބަބު ކަމަށް ކިޔާ އުޅޭ ދެ ވަނަ ގޮތަކީ އަދި އިތުބާރު ހިފޭ ގޮތަކީ، ހިލްމީ ވިދާޅުވި ގޮތުގައި އުތީމު ރަށުން ޕޯޗުގީޒުން ބަލިކޮށް މާލެ ހިއްޕެވުމުން، ފިލަން ވެގެން އަތޮޅުތެރެއަށް މިސްރާބު ޖެހި ޕޯޗުގީޒުންގެ ބަޔަކު ތިނަދޫ އަށް އެރުމެވެ. އެ ބަޔަކު އެ މީހުންގެ ކޮންޓްރޯލުގެ ދަށަށް ތިނަދޫ ގެންގޮސް ޣައިރު ދީން ފަތުރަން މަސައްކަތްކުރީ އެވެ. ނުވަތަ ފެތުރީ އެވެ.

ހަވަރު ފޮނުވީ އެ މީހުންނާ ހަނގުރާމަކުރަން ކަމަށް ހިލްމީ ވިދާޅުވެ އެވެ.

"ހުވަދުއަތޮޅު ތިނަދޫގައި ހިނގާފައިވާ ކަންތައްތަކުގެ ތެރެއިން އެންމެ ދުވަސްވީ ކަމެއްގެ ގޮތުގައި އެނގެނީ އިސްލާމުންނާއި ކާފަރުން ތިނަދޫގައި ކުރި ހަނގުރާމައެއްގެ ވާހަކަ އެވެ،" އެ ވާހަކައަށް ބާރު ދެއްވައި ހިލްމީ ލިޔުއްވާފައިވެ އެވެ.

ތިނަދޫގެ މަލަމަތި 1960 ގެ އަހަރުތަކުގައި.


އެފަދަ ހަނގުރާމައެއް ކުރެވުނު ކަމުގެ ހެއްކެއްގެ ގޮތުގައި ހިލްމީ ދެއްކެވީ މިހާރު ހިއްކާފައިވާ ބައި ކުރިން އަތިރިމައްޗެއްގެ ގޮތުގައި އޮތްއިރު ގިރައިގެން ދާ ދުވަސްތަކުގައި ބިޔަ ބޮޑެތި މީހުންގެ ގަބުރުތަކެއް ފެނުމެވެ.

"އެއީ ދިވެހިން ނޫންކަން އެނގޭ. ހަށިގަނޑުން ބިޔަ ބަޔެއް އެއީ. ވަޅުލާފައި ވަނީ ވެސް އެކި ގޮތްގޮތަށް. ވަކިވަކިން އިސްލާމުން ވަޅުލާ ގޮތަކަށް ނޫން، ފުންޏަކަށް ވަޅުލާފައި ހުރީ،" "އަދަދު" އަށް ދެއްވި އިންޓަވިއުއެއްގައި ހިލްމީ ވިދާޅުވި އެވެ.

"އޭރު ތިނަދޫގައި ތިބޭ މުސްކުޅިން ވެސް ބުނަނީ މިއީ އިސްލާމުންނާއި ކާފަރުންނާއި ކުރި ހަނގުރާމައިގައި މަރުވި މީހުންގެ ގަބުރުތައް ކަމަށް."

އެ ހަނގުރާމަ އަށް ފަހު ތިނަދޫ ހަވަރުގެ ބެލުމުގެ ދަށަށް ގެންދިޔައީ އެވެ. އަދި ތިނަދޫގެ ދަނޑުކޮޅާއި މެދުރުއްގަނޑާއި ބަރާސީލާއި ތިނަދޫމާފުއްޓާއި އެ އަތޮޅު ކޫއްޑޫ އާއި މިހާރު އެއާޕޯޓް ހަދާފައިވާ ކާޑެއްދޫ އަކީ ވެސް ހަވަރަށް އޮންނަ ތަންތަން ކަމަށް ކަނޑައަޅައި އެ ތަންތަން ވަރުވާ އަށް ތިނަދޫ ރައްޔިތުންނަށް ދޫކުރި އެވެ.

ދިވެހިރާއްޖޭގެ ޖޯގްރަފީގެ ވަނަވަރު ފޮތުގައި ތާރީހު އިލްމުވެރިޔާ އަލްއުސްތާޒް މުހައްމަދު އިބްރާހިމް ލުތުފީ ލިޔުއްވާފައިވާ ގޮތުގައި އައްސުލްތާން މުހައްމަދު މުއީނުއްދީން 1 ގެ ރަސްކަމާ ހަމަޔަށް ތިނަދޫގެ ކަންތައް ހިންގައި ބެލެހެއްޓުމުގެ ހަވަރުގެ 6 ބޮޑު ބޭކަލުންގެ ތެރެއިން ބޭކަލަކު އެ ރަށުގައި ހުންނަވާ ކަމަށެވެ. އޭގެ ފަހުން ތިނަދޫ އާއި ކާނޑެއްދޫ އާއި ކުބުއްޑޫން ހަވަރަށް ގެންނަން ޖެހޭ ތަކެތި ނަގައި މާލެ ގެނައުމަށް އައްޔަންކުރެއްވީ ގޮއިވެރިއެކެވެ. ވާރުއޮޑީގައި އަހަރު އެއް ފަހަރު ގެނެވޭ ތަކެތި ހަވަރަށް ބައްސަވައިދެއްވަނީ މާލޭ ދެދޮރޯށި ދޭތެރޭގައި އޮންނަ ރަސްމިއްޔާތެއްގަ އެވެ. މިކަން ހުއްޓުނީ ސުމުއްވުލްއަމީރު އިބްރާހިމް ނާސިރު ރަންނަބަނޑޭރި ކިލެގެފާނުގެ ބޮޑުވަޒީރުކަމުގައި 1959 ވަނަ އަހަރު އެވެ. އެންމެ ފަހުން ހުރި ގޮއިވެރިޔަކީ އައްޑޫ ހުޅުދޫ މޫސާ މަނިކުފާނު (ތިނަދޫ މޫސާ ހިރިހަމައިދި ކަލޭފާނު) އެވެ.

ތިނަދޫގެ އެންމެ ފަހުގެ ގޮއިވެރިޔާ ހިރިހަމައިދި ކަލޭފާނު (ކ).


އޭރު ތިނަދޫ ރައްޔިތުންގެ އަތުން މާލޭ ހަވަރަށް ދައްކަން ނަގާ ތަކެތީގެ ތެރޭގައި 300 ބޮޑުވައްޓޭ ބޯޑި، 1200 ކުދުވަޓި، 1200 ކާނޑެއްދޫ ކުނާ ހިމެނެ އެވެ. އަދި ރަށުގެ ކޮންމެ ގެއަކުން ހުޅެވި ކުނަލާއި 16 ބުރި ވަކަރާއި 1 ގޮއިއޮޑީގެ ބޮއްކުރައަކާއި ރަށުގެ ކޮންމެ މީހެއްގެ އަތުން ދެ ސަމުސާ ކާށިތެޔޮ އަދި ބޮއިކޮއްޓޭ ބޮލި ނެގި ކަމަށްވެ އެވެ.

ތިނަދޫ އަކީ ހަވަރުގެ ބެލުމުގެ ދަށުގައި އޮންނަ ރަށަކަށްވާތީ ހާއްސަ އުސޫލުތަކެއް ވެސް އޮތެވެ. އެގޮތުން އައްޑޫ އާއި ފުވައްމުލަކު އޮޑިފަހަރު މާލެ އާއި ކޮޅުނބަށް ދިއުމަށް އެ އަތޮޅު އެތެރެވަރިއަށް ވަދެގެން ކުރާ ދަތުރުގައި ކާޑެއްދޫ ކަނޑުން ވަނުމާ އެކު އޮޑީގެ މަތިރިޔާ ނޫން ހުރިހާ ރިޔަލެއް ތިރިކުރަން ޖެހެ އެވެ. އަދި ތިނަދޫ މީހުން ނޫން މީހުން އެ ރަށުގައި ހުދު ލިބާސް ލައިގެން އުޅެން ޖެއްސުމާއި މަކަނަށް ފޮށާލައިގެން އުޅުން މަނާކުރުން ހިމެނެ އެވެ. ރާއްޖޭގެ ރަށްރަށުގެ މީހުންނަށް ޖެހޭ ބަންޑާރަ މަސައްކަތް ތިނަދޫ މީހުންނަށް ނުޖެހުމަކީ ވެސް ތަފާތެކެވެ.

"ތިނަދޫގެ ވެރިޔަކަށް މީހަކު ވަގަށް ގޮވައިފި ނަމަ އޭނާގެ އަތުން ދުރޯ ނެގުމުގެ އިތުރަށް ހަވަރަށް ވެސް ދުރޯ ނަގަ އެވެ. ދުރޯއަކީ 25 ލާރި އެވެ. އެ ޒަމާނުގައި މިއީ ވަރަށް ވެސް ބޮޑު އެއްޗެކެވެ،" ހިލްމީ ލިޔުއްވާފައިވެ އެވެ.

ސުވާލަކީ ހަވަރުގެ ބެލުމުގެ ދަށަށް ތިނަދޫ ދިއުމާ ގުޅިގެން އެ ރަށަށް "ހަވަރުތިނަދޫ" ކިޔަން ފެށީ އެ ނަން ރަސްމީކޮށް ރަސްކަމުން ދީގެން ހެއްޔެވެ؟

ހަނގުރާމައަށް ފަހު "ހަވަރުތިނަދޫ" އޭ ކިޔުމަށް ރަސްމީ އެއްވެސް އެންގުމެއް ނެތް ކަމަށް ހިލްމީ ވިދާޅުވެ އެވެ. އެގޮތުން ހިޖުރައިން 1201 އިން 1347 އަށް ރަސްކަންކުރެއްވި ރަސްކަލުންގެ ތެރެއިން ތިން ރަސްކަލަކު ތިނަދޫ އަށް ދެއްވި ތިން ފަތްކޮޅުތަކުގެ ތެރެއިން ތިނަދޫގެ ކުރިއަށް ހަވަރު ގެންނަވާފައިވަނީ އެންމެ ރަސްކަލެއް ކަމަށް ހިލްމީ ވިދާޅުވެ އެވެ. އަނެއް ދެ ރަސްކަލުން ނަމުގެ ކުރިއަށް ގެންނެވީ ހުވަދުއަތޮޅަށް އޭރު ކިޔާ ނަން ކަމަށްވާ ހުވަދުންމަތީ އެވެ.

ހިލްމީ ވިދާޅުވާ ގޮތުގައި ނަމުގެ ކުރިއަށް ހަވަރު" ގެންނަވާފައި އޮތީ ހިޖުރައިން 1284 ގައި ސުލްތާން މުހައްމަދު އިމާދުއްދީން ދެއްވި ތިނަދޫ ދެކުނުކޮޅު މިސްކިތުގެ ބޯގަފަތްކޮޅުގަ އެވެ. ހިޖުރައިން 1201 ގައި ސުލްތާން ހަސަން ނޫރައްދީން ދެއްވި ތިނަދޫގެ ހުއްދަ ފަތްކޮޅާއި ހިޖުރައިން 1347 ގައި ސުލްތާން މުހައްމަދު ޝަމްސުއްދީން ދެއްވި ތިނަދޫ ހުކުރުމިސްކިތުގެ ފަތްކޮޅުގައި އޮތީ ނަމުގެ ކުރިއަށް "ހުވަދުންމަތީ" އެވެ. އެއީ ހުވަދޫ އަތޮޅަށް އޭރު ކިޔާ ނަމެވެ. އަނެއް ނަމަކީ ސުވަދުންމަތީ އެވެ. ހުވަދޫ ހިމެނޭހެން ދެކުނުގެ ތިން އަތޮޅުން ފަހުން އުފެއްދި ސަރުކާރަށް ދިން ޔުނައިޓެޑް ސުވައިދީބް އެޓޯލްސް އައިސްފައިވަނީ އެ ނަމުންނެވެ.

"މިހެންވީމާ ތިނަދޫގެ ނަމުގެ ކުރިއަށް "ހަވަރު" ކިޔަމުން ގޮސްފައިވަނީ އެކަމަށް ދިވެހި ވެރިކަމުގެ އެންމެ އިސް ފަރާތުގެ ރަސްމީ ނިންމެވުމެއް އޮވެގެން ނޫން ކަމާއި އެފަދަ ނިންމެވުމެއް އޮތް ނަމަ ތިން ރަސްކަލެއްގެ ތެރެއިން ދެ ރަސްކަލެއްގެ ފަތްކޮޅުގައި ތިނަދޫގެ ކުރިއަށް "ހުވަދުންމަތީ" ބޭނުންފުޅު ނުކުރައްވާނެކަން އެނގެ އެވެ،" ހިލްމީ ވިދާޅުވެ އެވެ.

އަނެއް ސަބަބަކީ ހަވަރު ނިސްބަތްވާ ބޮޑުބޭކަލުން ވެސް އެ ރަށުގެ ނަމުގެ ކުރިއަށް ހަވަރު ގެންނަވާފައި ނުވުން ކަމަށް ހިލްމީ ވިދާޅުވި އެވެ. އެކަމަށް ދެއްވި ހެއްކަކީ ދެއްވަދޫ ރަސްގެފާނު ބިނާކުރެއްވި ތިނަދޫ ފުށިކޮޅު މިސްކިތަށް އެ ބޭކަލުން ދެއްވި އަލިފުޖެހި ބޯގަ ފަތްކޮޅެއްގައި ތިނަދޫގެ ނަމުގެ ކުރިއަށް ހަވަރުގެ ބަދަލުގައި ހުވަދުންމަތީ އޮތުމެވެ. ހިލްމީ ލިޔުއްވި ގޮތުގައި އެ ފަތްކޮޅަކީ އެ ބޭކަލުންގެ ކޮލީ ނަންފުޅާ އެކު އެ ބޭކަލުން ނިސްބަތްވާ ހަވަރު ވެސް އެނގޭ ގޮތަށް ލިޔުއްވާފައިވާ ފަތްކޮޅެއް ކަމަށެވެ.

"މިހެންވީމާ ހުވަދު އަތޮޅު ތިނަދޫ ނަމުގެ ކުރިއަށް ހަވަރު ގެނެސްފައިވަނީ ރަސްމީ ނިންމެވުމެއް އޮވެގެން ނަމަ ނުވަތަ ހަވަރު އެ ރަށަށް ކުރީއްސުރެ ކިޔާ ނަން ކަމަށްވާ ނަމަ ނުވަތަ ހަވަރު އެއީ އެ ރަށަށް ޣާޒީ ރަދުން ދެއްވި ފަހުރުވެރި ނަމެއް ނަމަ ހަވަރު ނިސްބަތްވާ ބޮޑުބޭކަލުން ހުވަދުއަތޮޅު ތިނަދޫގެ މިސްކިތަކަށް ދެއްވި ފަތްކޮޅެއްގައި "ހުވަދުންމަތީ ތިނަދޫ" ނޯންނާނެ އެވެ. އޮންނާނީ "ހަވަރުތިނަދޫ" އެވެ." ހިލްމީ ލިޔުއްވާފައިވެ އެވެ.

ނުރަސްމީކޮށް ހަވަރުތިނަދޫ އޭ ކިޔުނު ސަބަބަކީ ތިނަދޫކިޔާ އެހެން ރަށެއް ވެސް އޮތުމުންނާއި އެ ދުވަސްވަރު ހަވަރުގެ ބެލުމުގެ ދަށުގައި އޮތުމުން ކަމަށް ހިލްމީ ވިދާޅުވެ އެވެ. އަދި އަތޮޅު އެނގޭ ގޮތަށް ހުވަދުންމަތީ ތިނަދޫ ކިޔަނީ ވެސް އެހެން ތިނަދޫ އެއް އޮތުމުން ކަމަށް ވެސް ވިދާޅުވި އެވެ.

ރައީސް މައުމޫން ހުވަދު އަތޮޅަށް ކުރެއްވި ދަތުރުފުޅެއްގައި ވާހަކަދައްކަވަނީ.


ރަސްމީ ނަމެއް ނޫން ނަމަވެސް ފަހަކާ ޖެހެންދެން އެ ރަށަށް ކިޔާ އުޅުނީ "ހަވަރުތިނަދޫ" އެވެ. ތިނަދޫގެ ނަމުން ހަވަރު އުނިކުރެއްވީ ރައީސް ރައީސް މައުމޫން އަބްދުލްގައްޔޫމް ވެރިކަމާ ހަވާލުވެވަޑައިގެންނެވެ. އެކަން އިއުލާންކުރެއްވީ އެމަނިކުފާނު އެ ރަށަށް ކުރެއްވި ފުރަތަމަ ޒިޔާރަތުގައި ޖޫން 27، 1979 ގައި ދެއްކެވި ވާހަކަފުޅުގަ އެވެ.

ޖެހިގެން އައި އަހަރު މައުމޫން ތިނަދޫ އަށް ކުރެއްވި ދަތުރުފުޅުގައި އެ ކަމަށް އިޝާރާތްކުރައްވައި ވިދާޅުވީ ނަން ބަދަލުކުރީ ކުރިން އޮތްގޮތަށް ކިޔުމުން، ރަށުގެ ވަރަށްގިނަ ބަޔަކަށް އެއީ ހިތްހަމަނުޖެހޭ ކަމަކަށްވާތީ ކަމަށެވެ.

"އެހެންވީމާ، އެއީ ވަރަށް މުހިންމު ކަމެއް. އަޅުގަނޑަށް އެރޭ އިއުލާނު ކުރެވުނު. އޭގެ ސަބަބުން ވަރަށްގިނަ ބައެއްގެ ހިތްހަމަޖެހުން ލިބުނު. އަދި އެކަމަށްޓަކައި ވަރަށްގިނަ ބަޔަކު އުފާކުރި ކަމެއް އެއީ،" މާޗު 12 1980 ވަނަ ދުވަހު މައުމޫން ވިދާޅުވި އެވެ.

ސުވާލަކީ ހިލްމީ ވިދާޅުވާ ގޮތުން ނަމަ ނުރަސްމީ އެ ނަން އަދި މައުމޫން ވިދާޅުވާ ގޮތުން ނަމަ އެ ރަށުން މީހުން ހިތްހަމަނުޖެހޭ އެ ނަން، މިއަދުގެ ޖީލަށް ފެޝަނަކަށް، ފަހުރަކަށް ވަނީ ކީއްވެ ހެއްޔެވެ؟ އޭގެ އެއް ސަބަބަކީ އެ ނަމަކީ، އެ ރަށުގެ މީހުން އެކަމަކާ ހިތާމަކުރާ ހާދިސާއެއް ކަމަށްވާ ނާސިރުގެ ދައުރުގައި އެ ރަށުން މީހުން ބޭލުމާ ގުޅިފައިވާ ނަމެއް ކަމަށް ހީވެފައިވުމެވެ. އެއީ އެއަށް ވުރެ ކުރީގެ ހާދިސާއަކާ ގުޅޭ ނަމެއްކަން އެނގޭ ބައެއް މީހުން ވެސް ހީކުރަނީ އެއީ ބޮޑުތަކުރުފާނު ދެއްވި ޝަރަފްވެރި ނަމެއް ކަމަށެވެ.

"އެ ނަމާ މެދު ފަހުރުވެރިވަން. އެއީ އެކަމުން އެނގެނީ ތިނަދޫގައި ވަރުގަދަ ތާރީހެއް އޮތްކަން،" ނަން ކިޔާ ސަބަބު ނޭގޭ ޒުވާނަކު ބުންޏެވެ.

"ހަވަރު ތިނަދޫއޭ ބުނީމާ އެބަ އެނގޭ މިއީ ކިހާ ވަރުގަދަ ރަށެއްކަން،" އެހެން ޒުވާނަކު ބުންޏެވެ.

ތިނަދޫ "ހަވަރު ސްޕޯޓްސް" އިން ބޭއްވި "ހަވަރު ޔޫތު ކަޕް" ގެ އިނާމު ދިނުމުގެ ރަސްމިއްޔާތުގައި މުބާރާތުގެ ސްޕޮންސާ އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް އިނާމް ދެއްވަނީ. --ފޮޓޯ: ހަވަރު ސްޕޯޓްސް


އެ ނަމާ މެދުގެ މިއަދު ޖީލު ގަޔާވާކަން އެނގެނީ އެ ނަމުގައި ބާއްވާ ފުޓްބޯޅަ މުބާރާތްތަކުން އެކަންޏެއް ނޫނެވެ. ތިނަދޫގެ ނަމަށް "ހަވަރު" އިތުރުކުރަން 2011 ވަނަ އަހަރުގެ ޖުލައި މަހު އޭރުގެ ރަށު ކައުންސިލުން މަސައްކަތްކޮށްފައިވެ އެވެ. ކައުންސިލުން އެކަމަށްޓަކައި އޭރުގެ ރައީސް މުހައްމަދު ނަޝީދުގެ ލަފާފުޅަކަށް އެދި ސިޓީ ފޮނުވި އެވެ. ކައުންސިލްގެ ރައީސް އަހުމަދު ނަސީރު އެ ދުވަސްވަރު "ސަން އޮންލައިން" އަށް ވިދާޅުވީ ރަށުގެ ނަމާމެދު ދެވަނަ ވިސްނުމަކަށް ދާންޖެހުނީ ރަށުގެ ނަމުގައި ހިމެނޭ "ހަވަރު" އެބަޔާ ބެހޭ ގޮތުން ރާއްޖޭގެ އެކި ހިސާބުގައި އެކި ގޮތަށް މާނަ ކުރަމުންދާތީ ތިނަދޫގެ ނަމުގައި ހަވަރު ބޭނުން ކުރެވޭ ގޮތުގެ ހަގީގީ މާނަ އޮޅުންފިލުވައިދީ އޭގެ ބޭނުން ހިފުމަށް ކަމަށެވެ.

"އަސްލު އެއީ ރަސްކަން އޮތް ޒަމާނުގައި މިރަށަށް ދެވުނު ލަގަބެއް. އެކަން ތަފާތު ގޮތްގޮތަށް މާނަ ކުރާއިރު އެކަން އޮޅު ފިލުވައިދެވޭނީ އެބައި ބޭނުން ކޮށްގެން ކަމަށް އަޅުގަނޑުމެނަށް ފެނުނީ،" އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން މި ވިސްނުން ގެންގުޅުނު ކަމަށް ވިޔަސް އެކަން އެގޮތަށް ނިމޭނީ ރައީސް އެގޮތަށް ނިންމެވުމުން، އަޅުގަނޑުމެން މިތިބީ ރައީސް ދެއްވާނެ ޖަވާބަކަށް."

އެ ސިޓީއާ ގުޅިގެން ދިރާސާކުރައި މަޝްވަރާކުރަން ވަޒީރުންނާއި ސަރުކާރުގެ އިސްވެރިންގެ މައްޗަށް އެކުލެވޭ މަތީފެންވަރުގެ ވަފުދެއް ރައީސް ނަޝީދު ތިނަދޫ ފޮނުއްވެވި އެވެ. ރައީސް އޮފީހުން އޭރު ބުނި ގޮތުގައި ނަން ބަދަލުކުރުމާ ގުޅޭގޮތުން ސަރުކާރުގައި ހުރި ތާރީހީ މައުލޫމާތުތައް މި ވަފުދުގެ ބޭފުޅުން، ރައްޔިތުންނާ ހިއްސާ ކުރައްވައި މިކަމާގުޅޭގޮތުން މަޝްވަރާ ބަދަލުކުރައްވާނެ ކަމަށެވެ.

އެއާ އެކު އެ އަހަރުގެ އޮގަސްޓް 23 ވަނަ ދުވަހު ތިނަދޫގައި ތާރީހީ ކެބިނެޓް ބައްދަލުވުމެއް ނަޝީދު ބޭއްވެވި އެވެ. އަދި ތިނަދޫގެ ނަން ބަދަލުކުރުމުގައި، ރައްޔިތުންނަށް ފެންނަ ގޮތެއް ގޯދުމަށް އެރަށުގެ ރައްޔިތުންގެ މެދުގައި ވޯޓެއް ނަގަން އެ ބައްދަލުވުމުގައި ނިންމެވި އެވެ. އެކަމަކު ފަހުން އޭގެ ހަބަރެއް ނުވެ އެވެ. އޭގެ ހަ މަސް ދުވަސް ފަހުން ނަޝީދުގެ ސަރުކާރު ވެއްޓުމުން މެއާ އެކު އެކަމުގެ ތަފްސީލެއް ދެން އައި ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރުން ނުދެ އެވެ.

ރައީސް ނަޝީދު އެ ފަހަރު ތިނަދޫއަށް ކުރެއްވި ދަތުރުފުޅުގައި ދޯންޏަކުން ބަނދަރަށް ފައިބައިވަޑައިގަންނަވަނީ. --ފޮޓޯ: ރައީސް އޮފީސް


ރަށުގެ ތާރީހު ދަންނަ ހަރު އެހެން މީހަކު ބުނި ގޮތުގައި ނަޝީދުގެ ސަރުކާރުން ނަން ބަދަލުކުރުމުގެ މަސައްކަތް އިތުރަށް ކުރިއަށް ނުގެންދިޔައީ އެ ނަމުގެ ހަގީގަތް އެނގޭތީ ކަމަށެވެ. އަދި މާކުރިން ރައީސް މައުމޫން އެ ނަން އުނި ކުރެއްވީ ވެސް އެކަން އެނގިވަޑައިގެން ކަމަށް ވިދާޅުވި އެވެ.

"ނަޝީދަކީ ވެސް ތާރީހު ދަންނަ ބޭފުޅެއް. ރައީސް މައުމޫނުގެ އަރިހުގައި ވެސް ތާރީހު ދަންނަ ބޭފުޅުން ތިއްބެވި،" އޭނާ ބުންޏެވެ.

"އެހެން ކިޔުމަކީ ރަނގަޅު ކަމެއް ނޫން ނަން އޭގެ ނަން އައި ގޮތަށް ބަލާއިރު. ހަވަރު އައިސްފައި އޮތީ ސިފައިންގެ ބެލުމުގެ ދަށުގައި އޮތީމާ. ސިފައިންގެ ބެލުމުގެ ދަށަށް ރަށް އައީ ރަށުގެ ކަންތައްތަކެއް ހިނގައިގެން، އެގޮސް ގުޅެނީ ނުބައި ކަމަކާ. އަނެއްކާ ހަވަރުގެ ބެލުމުގެ ދަށަށް ގެންގޮސް ވަރުވާ ދައްކަން ޖެހުމަކީ ލިބުނު އަދަބެއް. އެއީ ފަހުރުވެރިވާން ޖެހޭ ކަމެއް ނޫން،" ރަށުގައި ޣައިރު ދީން ފަތުރަން ބަޔަކު ކުރި މަސައްކަތަށް އިޝާރާތްކޮށް އޭނާ ބުންޏެވެ.

"ދޫދޫ މަތިން "ހަވަރުތިނަދޫ" ކިޔަމުން އަޔަސް މިއީ "ހުވަދުއަތޮޅު ތިނަދޫ. އެކަން އެގޮތަށް އޮންނަން ޖެހޭ."