Advertisement

ދިއްލީގެ މާ ވިއްކާ މާކެޓަކުން ބޮމެއް ފެނިއްޖެ

15 ޖަނަވަރީ 2022 - 06:35 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ބޮން ފެނުމާ އެކު ފުލުހުން ވަނީ ކޮންޓްރޯލްކޮށްގެން އޭތި ގޮއްވާލާފައި. -- ފޮޓޯ: އޭއެފްޕީ


ދިއްލީގެ މާ ވިއްކާ މާކެޓަކުން ބޮމެއް ފެނިއްޖެ

15 ޖަނަވަރީ 2022 - 06:35 0

ނިއު ދިއްލީ، އިންޑިއާ (ޖެނުއަރީ 14) - އިންޑިއާގެ ވެރިރަށް ނިއު ދިއްލީގެ ކާރޫބާރޫ ބޮޑު މާ ވިއްކާ މާކެޓަކަށް އެއްލާލާފައި އޮތް ދަބަހަކުން ބޮމެއް ފެނިއްޖެ އެވެ.

"ފުލުހުން ވަނީ ސައިޓު ބަންދުކޮށްފައި އަދި ފެނިފައި ވަނީ އައިއީޑީއެއް،" ފުލުހުންގެ އޮފިސަރަކު އޭއެފްޕީ އަށް ބުންޏެވެ.

"އެހެން ހުރިހާ ކަމެއް ދަނީ ތަހުގީގު ކުރަމުން. ދަބަސް އެ ތަނަށް އެއްލާލީ ކާކުތޯ އާއި އޭގެ ތެރޭގައި އޮތީ ކޮން ބާވަތެއްގެ އައިޑީއެއްތޯ ތަހުގީގުން ހޯދާނެ."

ފުލުހުންގެ ކޮމިޝަނަރު ރާކޭޝް އާސްތާނާ އެންޑީޓީ އަށް ވިދާޅުވީ ދަބަސް އެ ތަނުގައި ބެހެއްޓީ ގާޒީޕޫރް ހޯލްސޭލް މާ ވިއްކާ މާކެޓަށް މާ ގަންނަން ދިޔަ ކަސްޓަމަރެއް ކަމަށެވެ.

މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން ފުލުހުން ވަނީ އައިއީޑީ ކޮންޓްރޯލްކޮށްގެން ގޮއްވާލާފަ އެވެ.

ދިއްލީގެ އިރުމަތީގައި ހުންނަ މާކެޓަކީ ކޮންމެ ދުވަހަކު ވެސް ހެނދުނާ އެތައް ހާސް ބަޔަކު ޒިޔާރަތް ކުރާ ތަނެކެވެ.

މާކެޓުން ބޮން ފެނުނު އިރު، ޖެނުއަރީ 26 ވަނަ ދުވަހު ފާހަގަކުރާ މިނިވަން ދުވަހާ ދިމާކޮށް އިންޑިއާގެ ސެކިއުރިޓީ ވަނީ ވަރުގަދަކޮށްފަ އެވެ.

އެ ދުވަހު ދިއްލީގައި އަސްކަރީ ޕެރޭޑެއް ބާއްވަން ތާވަލުކޮށްފައި ވެ އެވެ. މިދިޔަ އަހަރު މިނިވަން ދުވަހާ ދިމާކޮށް އިޒްރޭލް އެމްބަސީ ބޭރުގައި ކުޑަ ބޮމެއް ގޮއްވާލި މައްސަލައިގައި ހަތަރު މީހުން ހައްޔަރު ކުރި އެވެ.

އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވި ނަމަވެސް، ތިން ކާރެއްގެ ބިއްލޫރިތައް ތަޅައިގެން ދިޔަ އެވެ. އިޒްރޭލުން އެކަން ސިފަކުރީ ޓެރަރިސްޓް ހަމަލާއެއްގެ ގޮތުގަ އެވެ.

ފަހުގެ ތާރީހެއްގައި ދިއްލީގައި ދިން އެންމެ ބޮޑު ހަމަލާއަކީ ސެޕްޓެމްބަރު 2008 ވަނަ އަހަރު ކާރޫބާރު ބޮޑު، ވިޔަފާރި ކުރާ މީހުންގެ މެދުގައި މަގްބޫލް ޝޮޕިން ސަރަހައްދުތަކުގައި ދިން ބޮމުގެ ހަމަލާތަކެވެ. އެ ފަހަރު 24 މީހުން މަރުވެ، 90 މީހުންނަށް އަނިޔާވި އެވެ.