Advertisement

ރާޝިދުގެ ކެމްޕެއިންނަށް ނައިބު ރައީސް ވަޑައިގަންނަވަނީ

14 ޖަނަވަރީ 2022 - 16:25 0

ހުސެއިން އަރުބާން ފައްވާޒް

ހުސެއިން އަރުބާން ފައްވާޒް

މިދިޔަ ނައިބު ރައީސް ފައިސަލް ނަސީމް: ނައިބު ރައީސް ނިސްބަތްވާ ޖުމްހޫރީ ޕާޓީން ދާއިދު ކުރަނީ އެމްޑީޕީގެ ކެންޑިޑޭޓް ރާޝިދަށް. -- ފޮޓޯ: ރައީސް އޮފީސް


ރާޝިދުގެ ކެމްޕެއިންނަށް ނައިބު ރައީސް ވަޑައިގަންނަވަނީ

14 ޖަނަވަރީ 2022 - 16:25 0

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް، މުހައްމަދު ރާޝިދުގެ ކެމްޕޭނަށް ނައިބު ރައީސް ފައިސަލް ނަސީމް، އެ ދާއިރާގެ ރަށްތަކަށް މާދަމާ ވަޑައިގަތުމަށް ނިންމަވައިފި އެވެ.

ރާޝިދުގެ ކެމްޕޭނުގައި ހަރަކާތްތެރިވެވަޑައިގަންނަވާ، ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލޭ ދާއިރާގެ މެމްބަރު އަލީ ނިޔާޒު ވިދާޅުވީ ނައިބު ރައީސްގެ އަރިހުގައި ޖުމްހޫރީ ޕާޓީގެ ބައެއް މިނިސްޓަރުން ވެސް ވަޑައިގަންނަވާނެ ކަމަށެވެ.

"އެ ބޭފުޅުން ކެމްޕޭނު ޖަލްސާގައި ވެސް ބައިވެރިވެވަޑައިގަންނަވާނެ. އެ ބޭފުޅުންގެ ތާއިދު ލިބުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް. އެންމެން ވެސް އެބަ ގަބޫލުކުރޭ، ރަށްރަށަށް މި ސަރުކާރުން ގެނެސްދެމުން އަންނަ، އަދި ރާވާފައި ހުރި ތަރައްގީގެ ކަންކަން،" ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކޮއްކޯފުޅު، ނިޔާޒު ވިދާޅުވި އެވެ.

ނައިބު ރައީސް މާދަމާ ހެނދުނު ވަޑައިގަންނަވާނީ ފޯކައިދު އަށެވެ. އެއަށް ފަހު މަރޮއްޓަށް ވަޑައިގެން، އެރަށުގެ ބަނދަރު ހެދުމުގެ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވާނެ އެވެ. ކޮމަންޑޫގައި މާދަމާ ރޭ ބާއްވާ ކެމްޕޭނު ޖަލްސާގައި ނައިބު ރައީސް އާއި ޖޭޕީގެ ބައެއް މިނިސްޓަރުން ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ނިޔާޒު ވިދާޅުވި އެވެ.

ރާޝިދުގެ ކެމްޕޭނަށް މިދިޔަ ހަފުތާގެ ހުކުރު ދުވަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ކޮމަންޑޫ ދާއިރާގެ ތިން ރަށަށް ވަޑައިގެންނެވި އެވެ. ރައީސްއާއެކު އެ ދަތުރުގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް އާއި ތިމާވެއްޓާ ބެހޭ ވަޒީރު އައިމިނަތު ޝައުނާ އާއި އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ ވަޑައިގެންނެވި އެވެ.

ރާޝިދުގެ ކެމްޕޭނު ހަރަކާތުގައި ބައިވެރިވެވަޑައިގަތުމަށް ބުދަ ދުވަހު ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި ފޮރިން މިނިސްޓަރު އަދި އދ. އާންމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ވެސް އެ ރަށަށް ވަޑައިގެންނެވި އެވެ. އަދި އެ ދާއިރާގައި ހިމެނޭ ތިން ރަށުގައި ކެމްޕެއިން ޖަގަހަތައް ހުޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެ ދާއިރާށް ވެފައިވާ ވައުދުތައް:

ދެ ކޮމަންޑޫ ކޯޒްވޭ ބްރިޖަކުން ގުޅުވާލުން (ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދަދިނުމަށް) - އަމަލީ މަސައްކަތް ފަށައިފި

ކޮމަންޑޫ ކައިރި ފަޅުރަށެއް ރިސޯޓް ތަރައްގީ ކުރުމަށް ދޫކުރުން ( ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމަށް) - ވަރަށް އަވަހަށް ބީލަމަށް ހުޅުވާލާނެ

ފޯކައިދޫގެ ޗަކަ ބިން ހިއްކުމަށް ފަހު އެތަނުން ގޯތި ދޫކުރުމުގެ މަސައްކަތް (ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދާދިނުމަށް) - މިހަފްތާ ތެރޭ އަމަލީ މަސައްކަތް ފަށާނެ

މަރޮށީގެ ބަނދަރުގެ މަސައްކަތް (އުމްރާނީ ތަރައްގީ) - މި މަސް ތެރޭ އަމަލީ މަސައްކަތް ފަށާނެ

އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ ރާޝިދުއަކީ 10 އަހަރުވަންދެން ފޯކައިދޫ ކައުންސިލްގެ މެމްބަރުކަމާއި ރައީސް ކަން ކުރެއްވި ބޭފުޅެކެވެ. އޭނާއަކީ މިހާރު އެ އިދާރާގެ ސެކެޓްރީ ޖެނެރަލް އެވެ.