Advertisement

18 އަހަރުން މަތީ އެންމެނަށް މާދަމާ ބޫސްޓާ ޑޯޒް ޖަހަން ފަށަނީ

14 ޖަނަވަރީ 2022 - 11:04 0

ފާތިމަތު އަޖްފާން

ފާތިމަތު އަޖްފާން

ކޮވިޑަށް ޖަހާ ވެކްސިން ޖަހަނީ: ބޫސްޓާ ޑޯޒް ޖެހުމަށް އޮންލައިންކޮށް އެޕޮއިންޓަމަންޓް ހެއްދޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައި-- ފޮޓޯ: ހުސެން ޝަޔާހު / އަދަދު


18 އަހަރުން މަތީ އެންމެނަށް މާދަމާ ބޫސްޓާ ޑޯޒް ޖަހަން ފަށަނީ

14 ޖަނަވަރީ 2022 - 11:04 0

ކޮވިޑުން ދިފާއުވުމަށް ޖަހާ ވެކްސިންގެ ތިންވަނަ ޑޯޒު ނުވަތަ ބޫސްޓާ ޑޯޒް މާދަމައިން ފެށިގެން ޖަހަން ފަށާނެ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފި އެވެ.

ކޮވިޑް ވެކްސިންގެ ބޫސްޓާ ޑޯޒް ޖަހަން ފަށާފައިވަނީ މިދިޔަ އޮކްޓޫބަރު މަހުގެ ހަތަރަކުން ފެށިގެނެވެ. ބޫސްޓާ ޑޯޒެއްގެ ގޮތުގައި ދެނީ ފައިޒާ ވެކްސިނެވެ.

ކޮވިޑުން ރައްކާތެރިވުމަށް ބޫސްޓާ ޑޯޒް މީގެ ކުރިން ޖަހަމުން ދިޔައީ ފްރަންޓްލައިންގައި މަސައްކަތް ކުރާ ސިއްހީ ހިދުމަތްތެރިންނަށާއި 50 އަހަރުން މަތީގެ މީހުންނަށާއި އަދި ދިފާއީ ނިޒާމު ބަލިކަށި މީހުންނަށެވެ.

އެޗްޕީއޭއިން ބުނީ، ކޮވިޑް ވެކްސިނެއްގެ ކަނޑައެޅިފައިވާ ޑޯޒްތައް ފުރިހަމަކޮށް ހަ މަސް ފުރިހަމަ ވެފައިވާ 18 އަހަރުންމަތީގެ ހުރިހާ ފަރާތްތަކަށް ބޫސްޓާ ޑޯޒެއްގެ ގޮތުގައި މާދަމައިން ފެށިގެން ވެކްސިން ޖަހަން ފަށާނެ ކަމަށެވެ.

ބޫސްޓާ ޑޯޒް ޖެހުމަށް އޮންލައިންކޮށް އެޕޮއިންޓަމަންޓް ހެއްދޭނެ އިންތިޒާމު ވެސް އެޗްޕީއޭ އިން ވަނީ ހަމަޖައްސާފަ އެވެ.

ޑަބްލިއުއެޗްއޯގެ ކޮވެކްސް ފެސިލިޓީގެ ދަށުން ފައިޒާ ވެކްސިންގެ 100،620 ޑޯޒް ހިލޭ ލިބިފައިވެ އެވެ. މިދިޔަ ޑިސެމްބަރު މަހުގެ މެދުތެރޭ އާންމުކޮށް ހުޅުވާލައިގެން ފެށުމަށް ތާވަލު ކުރި، ކޮވިޑް ވެކްސިންގެ ބޫސްޓާ ޑޯޒު ޖެހުމުގެ ޕްރޮގްރާމް ފެށުން އެކަމަށް ބޭނުންވާ ސިރިންޖާ ލިބުން ދަތިވުމުންނެވެ.

އެޗްޕީއޭއިން އާންމު ކޮށްފައިވާ ކޮވިޑް ވެކްސިންގެ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު މީހާތަނަށް 397.123 މީހުން ކޮވިޑްގެ ފުރަތަމަ ޑޯޒް ހަމަކޮށްފަ އެވެ. އަދި 368,622 މީހުން ދެވަނަ ޑޯޒް ފުރިހަމަ ކޮށްފަ އެވެ. ބޫސްޓާ ޑޯޒް 29,089 މީހުން ވަނީ ޖަހާފަ އެވެ.

ކޮވިޑުގެ ބޫސްޓާ ޑޯޒެއް ޖަހަން ފަށަން ތައްޔާރުވެފައިމިވަނީ އެ ބަލީގެ އާ ރާޅަކާއެކު ބަލި ޖެހޭ މީހުން އަދަދު އިންތިހާއަށް މަތިވެފައިވާ ދަނޑިވަޅެއްގަ އެވެ.

ކޮވިޑުގެ އެންމެ ބާރަށް ފެތުރޭ އާ ވޭރިއަންޓެއްކަމަށްވާ އޮމިކްރޯން ވޭރިއަންޓު މިހާރު ރާއްޖޭންވެސް ފެނިފައިވާއިރު، މާލޭގެ އިތުރުން އަތޮޅު ތެރޭގައި ވެސް ބަލި ޖެހޭ މީހުންގެ އަދަދު ވަނީ މައްޗަށް ގޮސްފަ އެވެ.

މިގޮތުން، އިއްޔެ އެކަނިވެސް 816 މީހަކަށް ބަލި ޖެހިފައިވާއިރު، މިހާތަނަށް ކޮވިޑު ޖެހުނު މީހުންގެ އަދަދު ވަނީ އެއް ލައްކަ ހުރަސްކޮށްފަ އެވެ.

ބަލި ފެތުރޭ މިންވަރު އިތުރުވުމާ ގުޅިގެން އެޗްޕީއޭއިން ވަނީ ބައެއް ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށްފަ އެވެ.

މިގޮތުން، މާލެއިން ބޭރަށް ފުރާ ކޮންމެ މީހަކު ވެސް ޕީސީއާރް ޓެސްޓު ހަދުން މަޖުބޫރުކޮށްފައިވާއިރު، މާލެ ސަރަހައްދުގައި އިވެންޓްތަކާއި ހަފްލާ ފަދަ ކަންކަން 50 މީހުންނަށް ވުރެ މީހުން ހިމަނައިގެން ކުރިއަށް ނުގެންދަން ވަނީ އަންގައިފަ އެވެ.

އަދި ވެކްސިންގެ ޑޯޒްތައް ފުރިހަމަވެ 14 ދުވަސް ހަމަވެފައިވާ ފަރާތެއް ނަމަ ދަތުރުކުރުމުގެ 72 ގަޑިއިރު ނުވާ ޕީސީއާރު ނެގެޓިވް ނަތީޖާއެއް އޮންނަންޖެހޭ ގޮތަށް ވެސް އުސޫލު ވަނީ ބަދަލުކޮށްފަ އެވެ.