Advertisement

ސްރީލަންކާގެ ޕްރިޒަންސް ކޮމިޝަނަރު މަރަން ހުކުމްކޮށްފި

13 ޖަނަވަރީ 2022 - 11:55 1

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ސްރީލަންކާގެ ޕްރިޒަންސް ކޮމިޝަނަރު އެމިލް ރަންޖަން ލަމަހެވަގެ. -- ފޮޓޯ: ނިއުސް ފަސްޓް


ސްރީލަންކާގެ ޕްރިޒަންސް ކޮމިޝަނަރު މަރަން ހުކުމްކޮށްފި

13 ޖަނަވަރީ 2022 - 11:55 1

ކޮލޮމްބޯ، ސްރީލަންކާ (ޖެނުއަރީ 13) - ސްރީލަންކާގެ ޕްރިޒަންސް ކޮމިޝަނަރު އެމިލް ލަމަހެވަގެ މަރަން ހުކުމްކޮށްފި އެވެ.

ޖަލުތަކާ ބެހޭ އެންމެ އިސް އޮފިޝަލް މަރަން ހުކުމް ކުރީ ލަންކާގެ ޖަލެއްގައި 27 ގައިދީއަކު މެރި މައްސަލައިގެ ކުށް ސާބިތުވުމުންނެވެ.

ލަމަހެވަގެ އަށް ކުށް ސާބިތުވި ނަމަވެސް، އޭނާއާ އެކު ދައުވާ ކުރި ފުލުހުންގެ ކޮމާންޑޯ މޫސަސް ރަންގަޖީވާގެ މައްޗަށް ކުށް ސާބިތުވެފައެއް ނުވެ އެވެ.

އެ ދެ މީހުންގެ މައްޗަށް ތުހުމަތު ކުރީ ނޮވެމްބަރު 2012 ވަނަ އަހަރު ކޮލޮމްބޯގެ ވެލިކަޑަ ޖަލުގައި 27 ގައިދީންގެ ގަޔަށް ބަޑި ޖަހައި މެރި ކަމަށެވެ.

ނަމަވެސް ހެކި ލިބުނީ އަށް ގައިދީން މެރި ކަމަށެވެ. އެ މައްސަލައިގައި ދެ މީހުންގެ މައްޗަށް ދައުވާ ކުރީ ޖުލައި 2019 ވަނަ އަހަރު އެވެ.

ކޯޓު އޮފިޝަލަކު ބުނީ ތިން ފަނޑިޔާރުންގެ ބެންޗުން މަރުގެ ހުކުމެއް އިއްވީ، ލަމަހެވަގެ މައްޗަށް އެއް ގައިދީއަކު މެރި ކަމަށް ސާބިތުވުމުން ކަމަށެވެ.

އެ ހާދިސާ ހިނގީ ވެލިކަޑަ ޖަލުގައި ގައިދީން ހަމަނުޖެހުން އުފައްދައި، ހަތިޔާރު ގުދަނުން ހަތިޔާރުތަކެއް ވަގަށް ނެގުމުން، ޖަލު ކޮންޓްރޯލް ކުރަން ފުލުހުންގެ ކޮމާންޑޯ ޓީމެއް ނުކުތުމުންނެވެ.

ދައުލަތުގެ ވަކީލު ބުނީ އެ ހަމަނުޖެހުމަށް ފަހު ގައިދީންގެ ސަފެއް ހަދައި، އަށް ގައިދީންގެ ނަން ގޮވައި، ބޮލަށް ބަޑި ޖަހައި މަރާލި ކަމަށެވެ. އިތުރު ގައިދީން ވެސް މެރި ކަމަށް ވަކީލް ބުންޏެވެ.

ކޯޓުގެ ލިޔުންތަކުގައިވާ ގޮތުން ގައިދީން މެރުމަށް ފަހު، އެ މީހުން ޖަލު ގާޑުންނަށް ހަމަލާ ދޭން އުޅުނު ކަމަށް ދެއްކުމުގެ މަގުސަދުގައި ހަތިޔާރުތައް ޖަލު ތެރޭގައި ސްޓޭޖު ކުރި އެވެ.

ނަމަވެސް ގައިދީން މެރުމަށް އަމުރު ކުރީ ކާކުކަމެއް ކޯޓުގެ ލިޔުންތަކުގައި ބަޔާންކޮށްފައެއް ނުވެ އެވެ. ޖަލުގައި ހިނގި ހަމަނުޖެހުމާ އެކު ސްރީލަންކާ އަށް ބޭރުގެ ފިއްތުންތައް ކުރިމަތިވި އެވެ.

އެ ހަމަނުޖެހުމަކީ 1983 ވަނަ އަހަރުގައި 50 ގައިދީން މަރާލި ހާދިސާ އަށް ފަހު ސްރީލަންކާގެ ޖަލެއްގައި ހިނގި އެންމެ އަނިޔާވެރި ހާދިސާ އެވެ.