Advertisement

ފެލިވަރު ބޮޑު ހިޔާނާތުގެ އަޑުއެހުން ކުރިއަށް ނުގެންދެވުނު

10 ޖަނަވަރީ 2022 - 17:22 3

ހުސެއިން އަރުބާން ފައްވާޒް

ހުސެއިން އަރުބާން ފައްވާޒް

މުހައްމަދު އިމްތިޔާޒް: މަގާމުގެ ނުފޫޒު ބޭނުންކޮށްގެން އަމިއްލަ ވިޔަފާރިއަކަށް ނާޖާއިޒް ފައިދާ ހޯދަދިން ކަމުގެ ދައުވާ ވަނީ އުފުލާފައި -- ފޮޓޯ: ފައިލް


ފެލިވަރު ބޮޑު ހިޔާނާތުގެ އަޑުއެހުން ކުރިއަށް ނުގެންދެވުނު

10 ޖަނަވަރީ 2022 - 17:22 3

މީގެ ނުވަ އަހަރު ކުރިން ފެލިވަރުގައި ހިނގި 1.5 މިލިއަން ރުފިޔާގެ ބޮޑު ހިޔާނާތުގެ މައްސަލާގައި ތުހުތުވާ މުހައްމަދު އިމްތިޔާޒް ހުލާސާ ބަޔާނަށް ތައްޔާރު ނުވާތީ މިއަދުގެ އަޑުއެހުން ކްރިމިނަލް ކޯޓުގައި ކުރިއަށް ނުގެންދެވިގެން ހުއްޓާލާފި އެވެ.

މިހާރު މިކްފޯގެ ދަށުން ފެލިވަރު ހިންގި ނަމަވެސް އޭރު އެރަށް ހިންގީ ފިޝަރީޒް މޯލްޑިވްސްގެ ދަށުންނެވެ. މި މައްސަލަ އުފަންވީ 1،535،063ރ. ގެ އަގުހުރި 2000 ދަޅު މަސް ކޭސް އޭރު ފެލިވަރު ފިޝަރީސް މޯލްޑިވްސްގެ ޗެއާމަނެއްގެ މަގާމުގައި ހުރި އިމްތިޔާޒްގެ އާއިލީ ވިޔަފާރީއަކަށް ކްރެޑިޓަށް ދޫކުރި މައްސަލައާ ގުޅިގެންނެވެ.

ހަތް އަހަރުވެފައިވާ މި މައްސަލަ ނިމުމަކާ ހަމައަށް ވާސިލްވެފައިވާއިރު، ކްރިމިނަލް ކޯޓުގައި މިއަދު އަޑުއެހުމެއް ތާވަލްކޮށްފައި ވަނީ ހުލާސާ ބަޔާން އިއްވުމަށެވެ. ދައުލަތުން ހުލާސާ ބަޔާން އިއްވަން ތައްޔާރުވެގެން އައި ނަމަވެސް އިމްތިޔާޒުގެ ވަކީލް އާދަމް އާސިފް ވިދާޅުވީ އޭނާ ތައްޔާރު ނޫން ކަމަށާއި އިތުރު ވަގުތު ބޭނުންވާ ކަމަށެވެ.

"ތަފާތު ފަނޑިޔާތުން ބަލާ ގިނަ ދުވަސްވީ މައްސަލައަކަށް ވީމަ ރިކޯޑިން ބަޔާން ލިބިގެން ހުލާސާ ބަޔާނަށް އަޅުގަނޑުމެންނަށް ތައްޔާރު ވެވޭނީ،" މީގެ ކުރިން ގާޒީ އަލީ ރަޝީދު ކުރިއަށް ގެންދެވި އަޑުއެހުންތަކުގެ ރިކޯޑިން ބަޔާންތައް ހޯދުމަށް އެދިފައިވާކަން ފާހަގަކުރައްވަމުން އާސިފް ވިދާޅުވި އެވެ.

ނަމަވެސް ގާޒީ އަލީ ރަޝީދު ކްރިމިނަލް ކޯޓުން ސުޕްރިމް ކޯޓުގެ ބެންޗަށް ޕްރޮމޯޓްވުމާއި ގުޅިގެން މި މައްސަލަ މިހާރު ބައްލަވަމުން ގެންދަވާ ގާޒީ އަލީ އާދަމް ވިދާޅުވީ އިމްތިޔާޒުގެ ފަރާތުން އެ އަޑުއެހުންތަކުގެ އޯޑިޔޯ ބަޔާންތައް ހޯދަން ހުށަހަޅާފައި ވަނީ ރޭ ދަންވަރު ކަމަށެވެ. އެހެންކަމުން އިޖުރާއަތްތައް ފުރިހަމަވުމާއި އެކު އެ ބަޔާންތައް ދޫކުރާނެ ކަމަށާއި މި މައްސަލާގައި އެއްވެސް ސިއްރު ހެއްކެއް ނެތް ނެތް ކަމަށް ވިދާޅުވި އެވެ.

އެ ބަޔާންތައް ދިރާސާ ކުރުމަށް ގާޒީ ހަފްތާއެއްގެ މުއްދަތު ދޭން ނިންމީ ގިނަ ދުވަސްވެފައިވާ މައްސަލައަކަށް ވާތީ އެވެ. އަދި އަންނަ ހަފްތާގެ ބުރާސްފަތި ދުވަހަށް މި މައްސަލައިގެ އަޑުއެހުމއް ތާވަލްކޮށްފައި ވާތީ އެވެ.

އަމިއްލަ ފަރާތަކުން އިސްވެ، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހެޅި މި މައްސަލާގައި ދައުވާކޮށްދިނުމަށް އެ ކޮމިޝަނުން އެެދިފައި ވަނީ ސެޕްޓެމްބަރު 26، 2012 ގަ އެވެ. ދައުވާ ކުރަން އެދުނީ އިމްތިޔާޒުގެ މައްޗަށާއި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމުގައި އެއިރު ހުރި، އަލީ އަހްމަދު މައްޗަށެވެ.

މި ދެމީހުންގެ މައްޗަށްވެސް ދައުލަތުން ކުރަނީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދުމުގެ ކުށުގެ ދައުވާ އާއި، ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެ ނޫން ގޮތަކަށް އަމަލު ކުރުމުގެ ކުށުގެ ދައުވާގެ އިތުރުން ދައުލަތަށް ނުލިބިވާ -/1،235،060ރ (އެއްމިލިއަން ދެލައްކަ ތިރީސް ފަސްހާސް ފަސްދޮޅަސް ރުފިޔާ) ހޯދުމަށެވެ.

އޭރު ކްރެޑިޓަށް ފައިސާ ދޫކުރުމުގެ އުސޫލެއް ފެލިވަރުގައި ހެދިފައިނުވި ނަމަވެސް، ބޮޑު އަދަދެއްގެ މުދާ ކްރެޑިޓަށް ދޫކުރުމުގައި ބަލަން ޖެހޭ ވަރަށް ނުބަލާ، ކުންފުންޏަށް ގެއްލުންވާ ގޮތަށް މުދާ ދޫކޮށްފައި ވާތީ ކޮރަޕްޝަން ހުއްޓުވުމުގެ ގާނޫނުގެ ދަށުން އެ ދެމީހުންގެ މައްޗަށް ދައުވާކޮށްފައި ވަނީ ފެބްރުއަރީ 18، 2013 ގަ އެވެ.

ކުރީ ސަރުކާރުގައި މައްސަލައިގެ އަޑުއެހުންތައް ހުއްޓުނު


މި މައްސަލާގައި ކްރިމިނަލް ކޯޓުގައި ތާވަލް ކުރެވިފައިވާ އަޑުއެހުންތައް: 2014 - 2 އަޑުއެހުން 2015 - 4 އަޑުއެހުން 2016 - އެއްވެސް އަޑުއެހުމެއް ބޭއްވިފައި ނުވޭ 2017 - އެއްވެސް އަޑުއެހުމެއް ބޭއްވިފައި ނުވޭ 2018 - 1 އަޑުއެހުން 2019 - 3 އަޑުއެހުން 2020 - 7 އަޑުއެހުން 2021 - 10 އަޑުއެހުން

އޭގެ ކުރިން ބޭއްވި އަޑުއެހުމުގައި ދެ ހެކިވެރިއެއްގެ ހެކިބަސް ނަގާފައި ވެއެވެ.

މައްސަލަ ހިނގައި ދިޔަ ގޮތް

އޭސީސީން އާންމު ކުރި މި މައްސަލައިގެ ތަހުގީގީ ރިޕޯޓުގައިވާ މައުލޫމާތުތަކަށް ބަލާއިރު، 2000 ދަޅު ކޭސް މަސް އޭއެންޔޫ ފްރެޝް ފާމްއަށް ދޫކޮށްފައި ވަނީ އެ ކުންފުނީގެ ރަޖިސްޓްރޭޝަން އާ ނުކޮށްގެން ބާތިލްކޮށްފައި ވަނިކޮށެވެ. އަދި މިފަދަ ބޮޑު އަދަދެއްގެ މުދާ ކްރެޑިޓަށް ދޫކޮށްފައި ވާއިރު، ޑިޕޮސިޓެއް ނުވަތަ ގެރެންޓީއެއް ނަގާފައިނުވާ ކަމަށް އޭސީސީގެ ރިޕޯޓުގައި ބުނެފައި ވެއެވެ.

އޭސީސީން އެ މައްސަލާގައި ދައުވާ ކުރަން ފޮނުވިއިރު، އިމްތިޔާޒު ހުރީ ދުބާއީގަ އެވެ. އެއިރު އޭނާ ވިދާޅުވަމުން ގެންދެވީ އެ ތުހުމަތަކީ އޭނާ މަގާމުން ވަކިކުރުމަށް ސަރުކާރުން ދައްކާ ވާހަކައެއް ކަމަށެވެ. އަދި މަގާމުން ދުރުކުރުމަށްފަހު އެ މައްސަލަ އޮބޭނެ ކަމަށެވެ.

ފެލިވަރު ފިޝަރީޒް މޯލްޑިވްސްގެ ޗެއާމަންގެ މަގާމަށް އޭނާ އައްޔަން ކުރީ ޖުމްހޫރީ ޕާޓީން އޭނާގެ ނަން ހުށަހެޅުމާއި ގުޅިގެންނެވެ. އޭރު އޭނާއަކީ ޖުމްހޫރީ ޕާޓީގެ ރަޖިސްޓްރާ ޖެނެރަލްގެ މަގާމު ފުރުއްވަމުން ދިޔަ ބޭފުޅެކެވެ. އޭނާއަކީ ހުޅުމާލޭގައި އެންމެ ފުރަތަމަ ފިހާރައެއް ހުޅުވި މީހާ އެވެ.