14 ޖަނަވަރީ 2022 - 09:40 0
14 ޖަނަވަރީ 2022 - 09:40 0
ކުދިންނަށް ކުޅޭ އެއްޗެހި ގަނެދިނުމަކީ ގިނަ ބެލެނިވެރިން މާ ބޮޑު ވިސްނުންތެރިކަމެއް ގެންގުޅޭ ކަމެއް ނޫނެވެ. ގިނަ ފަހަރަށް ގެންގުޅެވެނީ ކުއްޖާ އެއްޗަކަށް ބޭނުންވުމުން ވަގުތުން އެ އެއްޗެއް ހޯދައިދިނުމުގެ އުސޫލެވެ. އެކަމަކު އެނގޭ ހެއްޔެވެ؟ ޒަމާނީ ޕޭރެންޓިންގެ އެންމެ ސްމާޓް އެއް އުކުޅަކީ ކުޅުމުގެ ތެރެއިން ކުދިންނަށް ދުނިޔެ ދަސްކޮށްދިނުމެވެ. ތަފާތު ސްކިލް ދަސްކޮށްދިނުމެވެ.
އެހެންވީމާ، ކުދިންނަށް އާދަކޮށް ކުޅޭ އެއްޗެހި ގަނެދިނުމުގެ "ގޯސް އާދަ" ހަރުލާފައި ހުރި ނަމަ އެ އާދަ ކުއްޖާ އަށް ބޭނުންތެރި އާދައަކަށް ވާ ގޮތަށް ބަދަލުކޮށްލަން ކިހިނެއް ވާނެ ހެއްޔެވެ؟
މި ބުނި އެއްޗެއްގެ މާނަ މި ކިޔައިދެނީ އެވެ.
އެހެންވީމަ، މި ހިމަނާލަނީ ގިނަ ރުފިޔާ ހަރަދުކޮށްފައި ކުޅޭ އެއްޗެއް ގަނެދޭ އިރު ވިސްނުން ބެހެއްޓިދާނެ ބައެއް ގޮތް ގޮތެވެ.
ބެޓަރީ ލައްވައިގެން ނުވަތަ ރިމޯޓް ކޮންޓްރޯލުން ނުވަތަ ޗާޖުކޮށްގެން އަމިއްލައަށް މަސައްކަތްކުރާ ޒާތުގެ ކުޅޭއެއްޗިއްސަކީ ކުދިންނަށް މާ ބޮޑު ފައިދާއެއް ކުރާނެ އެއްޗިއްސެއް ނޫނެވެ. އެ ކުޅޭ އެއްޗަކުން ދަރިފުޅު ކުރަންޖެހޭ ހަމައެކަނި ކަމަކީ އެއަށް ބަލަން އިނުން ކަމަށް ވާނަމަ އޭގެ ފައިދާ އެއް ނެތެވެ. މިފަދަ ކުޅޭ އެއްޗިއްސާއި އެކީގައި ކުދިން ހޭދަކުރާ ވަގުތުތަކުގައި މާބޮޑު މުއާމަލާތު ތަކެއް ކުރުމުގެ ފުރުސަތު ނުލިބޭތީ އުނގެނުން ހުއްޓެ އެވެ. އަދި މިފަދަ އިލެކްޓްރޯނިކް ކުޅޭއެއްޗެހީގައި ބާރުގަދަ އަޑުތައް ހިމެނޭތީ މިއީ ވެސް ކުދިންގެ ހެދިބޮޑުވުމަށް އެހާ ރަނގަޅު ކަމެއް ނޫންކަމަށް ފަހުގެ ދިރާސާތަކުން ދައްކަ އެވެ.
ޕްލާސްޓިކް ކުޅޭ އެއްޗިއްސާއި ބީޕީއޭ ފްރީ ކުޅޭ އެއްޗިއްސަކީ ވެސް އޭގެ ސަބަބުން ކޮންމެވެސް ވަރެއްގެ ނުރައްކާތަކެއް ކުދިންނަށް ކުރިމަތިވާ ކަމެކެވެ. ޅައުމުރުގައި ތަކުރާރުކޮށް މިފަދަ ކުޅޭތަކެތި ކުދިންނަށް ދެވޭނަމަ ވިހަ މާއްދާތައް ކުދިންނާއި ހިސާބަށް ފޯރުން ގާތެވެ. ހާއްސަކޮށް ޕީވީސީ ހިމެނޭ ކުޅޭ އެއްޗެހި އަނގަޔަށް ލުމުން އޭގައި ހުންނަ ކެމިކަލްތައް ލީކުވުމަކީ އެކަށީގެންވާ ކަމެކެވެ.
މިހާތަނަށް މި ކިޔާދެވުނީ މުޅިން ވެސް ކުދިންނަށް ނުދޭންވީ ތަކެއްޗެވެ. އެހެންވީމާ ދޭންވީ ދެން ކޮން ކަހަލަ ކުޅޭ އެއްޗިއްސެއް ހެއްޔެވެ؟
ކުދިން ކުޅުމަށް ހޯދަންވީ އަދި ގަނެދޭންވީ ވީހާވެސް އެކުދިންގެ އުފެއްދުންތެރިކަން އިތުރުކޮށްދޭ ހިޔާލުތައް ތަނަވަސްކޮށްދޭނޭ ކުޅޭ އެއްޗިއްސެވެ. މެގްނެޓިކް ޓައިލްސްތަކާއި, ވުޑް ބްލޮކްސްއާ, ލެގޯއާ, ކާޑްބޯޑް ފޮށްޓާއި, ޕްލޭ ޑޯ އަދި ކްލޭ ފަދަ ތަކެއްޗަކީ މި ބޭނުމަށް ހަމަ އެންމެ ރަނގަޅު ތަކެއްޗެވެ. އަދި މިފަދަ ކުޅޭ އެއްޗެހީގެ އެންމެ ބޮޑު އެއް ލުއަކީ މިއީ ގިނަ ވަގުތު ކުދިންގެ ސަމާލުކަން ހިފަހައްޓައިދޭ ކުޅޭ އެއްޗިއްސަށް ވުމެވެ.
ގިނަފަހަރު ކުޅޭ އެއްޗެހި ގިނަކަމުން ކުދިންނަށް އެކުދިންގެ އަތުގައި ހުންނަ ސާމާނާ ނުހުންނަ ސާމާނު ވަކިނުވާ ހިސާބަށްދެ އެވެ. އަމުދުން ކުޅެން ފަށައިފިނަމަ މުޅި ހިސާބުގަނޑު ފުރާލާވަރަށް ކުޅޭ އެއްޗެހިތައް ހުންނާނީ އަޅާލާފަ އެވެ. މިއީ ކުދިންނަށް ވެސް އަދި ބަލަހައްޓަން ހުންނަ މީހަކަށް ވެސް ފަސޭހަކަމަކަށް ނުވެ އެވެ.
މިކަން ހުއްޓުވުމަށް، އެވަގުތެއްގައި ނުވަތަ އެ ހަފްތާއެއްގައި ކުދިން ކުޅެން ބައެއް ތަކެތި ނަގާ ވަކި ވަށިގަނޑަކަށް ނުވަތަ ކަބަޑަކަށް ލާފައި ބަހައްޓާށެވެ. އެ އެއްޗިއްސަށް ފޫހިވުމުން ނުވަތަ ކުރިން ކަނޑައެޅި މުއްދަތު ހަމަވުމުން އަނެއްކާ ވެސް އެހެން ދެތިން އެއްޗެއް ދޭނީ އެވެ. އާ އެއްޗެހި ގަންނަން ނުޖެހި, ކުދިންގެ ފޫހިވެސް ފިލާނެ އެވެ.
Comment