7 ޖަނަވަރީ 2022 - 20:40 0
7 ޖަނަވަރީ 2022 - 20:40 0
ލަންޑަން (ޖެނުއަރީ 7) - ފީފާ ބެސްޓް އެވޯޑްސްގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަށް ވާދަކުރާ ފައިނަލް ތިން ކުޅުންތެރިއަކަށް ޕީއެސްޖީގެ ލިއޮނަލް މެސީ، ލިވަޕޫލްގެ މުހައްމަދު ސަލާހު އަދި ބަޔާން މިއުނިކްގެ ރޮބަޓް ލެވަންޑޯސްކީ ހޮވިއްޖެ އެވެ.
ފްރާންސް ފުޓްބޯލް އިން އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަށް ދޭ ބެލޮންޑިއޯ އެވޯޑް، މިދިޔަ ނޮވެމްބަރު 29 ވަނަ ދުވަހު ހޯދީ މެސީ އެވެ. އެ އެވޯޑުން ދެ ވަނަ އަށް ދިޔައީ ލެވަންޑޯސްކީ އެވެ. ތިން ވަނަ އަށް ދިޔައީ ޗެލްސީގެ ޖޯޖީނިއޯ އެވެ.
ފީފާ އެވޯޑްގެ ގަދަ ތިނެއްގައި ހިމެނުނު ސަލާހު، ބެލޮންޑިއޯގެ ނޮމިނޭޝަނުން ދިޔައީ ހަތް ވަނަ އެވެ.
ފީފާ އެވޯޑްގައި ވޯޓުލަނީ ގައުމީ ޓީމުތަކުގެ ކޯޗުންނާއި ކެޕްޓަނުންގެ އިތުރުން ކޮންމެ ގައުމެއްގެ ނޫސްވެރިއެއްގެ އިތުރުން ފީފާ ރަސްމީ ވެބްސައިޓުގައި ރަޖިސްޓްރީވެފައިވާ ސަޕޯޓަރުންނަށެވެ.
މެސީގެ މިދިޔަ އަހަރުގެ އެންމެ ބޮޑު އުއްސައްޔަކީ އާޖެންޓީނާއާ އެކު ކޮޕަ އެމެރިކާ ކާމިޔާބު ކުރުމެވެ. މެސީ ވަނީ އެ މުބާރާތުގެ އިންޑިވިޖުއަލް ހުރިހާ ކާމިޔާބެއް ހާސިލްކޮށްފަ އެވެ. މެސީ ވަނީ 20 އަހަރަށް ފަހު ބާސެލޯނާ ދޫކޮށް ޕީއެސްޖީ އަށް ބަދަލުވެފަ އެވެ. ލެވަންޑޯސްކީ ވަނީ ބަޔާނާ އެކު ޖަރުމަނު ލީގު ކާމިޔާބުކުރިއިރު، ލެޖެންޑަރީ ފޯވާޑް ގާޑް މުލާގެ ތާރީހީ ދެ ރެކޯޑެއް މުގުރާލައިފަ އެވެ. އަދި ސަލާހު ވެސް ލަނޑު ޖެހުމުގެ ގިނަ ރެކޯޑްތަކެއް މުގުރާލާފައިވާއިރު، އޭނާ އަކީ މި ވަގުތު އިނގިރޭސި ޕްރިމިއާ ލީގުގެ އެންމެ ގިނަ ގޯލު ޖެހުމާއި އެންމެ ގިނަ އެސިސްޓް ފުރިހަމަކުރި ކުޅުންތެރިޔާ އެވެ.
މިރޭ އިއުލާނުކުރި ފީފާ ބެސްޓް އެވޯޑްސްގެ އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ މަގާމަށް ވާދަކުރަނީ ޗެލްސީގެ އޮސްޓްރޭލިއާ ކުޅުންތެރިޔާ ސޭމް ކާ އާއި ބާސެލޯނާގެ ދެ ކުޅުންތެރިން ކަމަށްވާ ޖެނިފާ ހާމޯސޯ އަދި އަލެކްސިއާ ޕުޓޭޔާސް އެވެ. އަލެކްސިއާ އަކީ ބެލޮންޑިއޯ އިން ހޮވި އެންމެ މޮޅު އަންހެން ކުޅުންތެރިޔާ އެވެ.
ބެސްޓް އެވޯޑްސްގެ އެންމެ މޮޅު ކޯޗުގެ މަގާމަށް ވާދަކުރަނީ މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ އާއި އިޓަލީގެ ރޮބާޓޯ މަންޗިނީ އަދި ޗެލްސީގެ ތޯމަސް ޓުޗެލް އެވެ.
ފީފާ ބެސްޓް އެވޯޑްސް އޮތީ ޖެނުއަރީ 17 ވަނަ ދުވަހު ވާޗުއަލްކޮށް ބޭއްވޭ ހަފުލާއެއްގަ އެވެ.
Comment