Advertisement

ހޯމްސްޓޭ:އިސްލާމިކް ޓޫރިޒަމްގެ ނަމޫނާ ދައްކަން ލިބޭ ރަނގަޅު ފުރުސަތެއް

7 ޖަނަވަރީ 2022 - 08:19 10

ރޫޙުލްއަމީން ޢަބްދުﷲ

ރޫޙުލްއަމީން ޢަބްދުﷲ

އާޓްވޯކް: އަބްދުﷲ ޝަފީއު(އަބޯ) / އަދަދު


ހޯމްސްޓޭ:އިސްލާމިކް ޓޫރިޒަމްގެ ނަމޫނާ ދައްކަން ލިބޭ ރަނގަޅު ފުރުސަތެއް

7 ޖަނަވަރީ 2022 - 08:19 10

ޒަމާންތަކެއް ވަންދެން ބުދަށް އަޅުކަންކުރަމުންދިޔަ އަހަރެމެންގެ ދިވެހި ކާބަފައިން އިސްލާމްވީ، ރާއްޖެއަށް ދަތުރުކޮށްފައި އައި އަރަބިކަރައިގެ ފަތުރުވެރިއެއްގެ އަތްމައްޗަށެވެ. ރާއްޖޭގެ ފަނޑިޔާރުގެ މަޖިލިހަށް އަންނަ އާންމުން އައުރަ ނިވާނުކޮށް ވަނުމުގެ އާދަކާދައަށް ނިމުން ގެންނެވީ، ޝަރުޢީ އުސޫލުތަކެއްގެ މަތީން ފަނޑިޔާރުކަން ކުރެއްވި، ރާއްޖެއަށް އަރަބި ކަރައިން ވަޑައިގެންނެވި ޓޫރިސްޓެއްކަމަށްވާ ތާރީހު އިލްމުވެރިޔާ އިބްނުބަތޫތާ އެވެ. އަރަބި ކަރައިން ވަޑައިގެންނެވި ފަތުރުވެރިން ރާއްޖޭގައި ރަސްކަން ކުރައްވާފައިވާކަމާއި، އެ ޒަމާނުގެ ގިނަ ދިވެހި ރަސްރަސްކަލުންނަށް ވުރެ އެ ބޭފުޅުންގެ އަދުލުވެރިކަން ބޮޑުކަމުގެ މައްޗަށް ތާރީހު ހެކި ދީފައި ވެއެވެ.

މިއިން އެނގެނީ އަހަރެމެން ދިވެހިން ދިރިއުޅޭ މުޖުތަމައުގެ ތެރެއަށް ބޭރުން އަންނަ ފަތުރުވެރިންގެ ސަބަބުން ކުރާ އަސަރުގެ ބޮޑުކަމާއި ވަރުގަދަކަން އެކަންޏެއް ނޫނެވެ. އިސްލާމީ ހިދާޔަތުގެ ދަންމަރުގެ އަލީގެ ގަދަކަމާއި ތޫނުކަމެވެ. އާދޭހެވެ. ދިވެހިން އަބުލްބަރަކާތު ޔޫސުފުލް ބަރްބަރީ ނުވަތަ ތަބްރޭޒީކަލޭގެފާނުގެ އަތްމައްޗަށް އިސްލާމްވީ އޭނާއަކީ ބޭރުކަރަޔަކުން ވަޑައިގެންނެވި ހަށިގަނޑުން ދޮން ރީތި ބޭކަލަކަށްވެގެންނެއް ނޫނެވެ. އެބޭކަލަކު ގޮވާލެއްވި ދީނުގެ މަތިވެރިކަމާއި ހިދާޔަތުގެ ވަރުގަދަކަމުންނެވެ. އިންސާނުން އުޅޭން އޮތް މަގަކީ އިސްލާމްދީންކަން އެނގުމުންނެވެ.

މެހެމާންދާރީ އަދާކުރުމަކީ މުސްލިމުންގެ މައްޗަށް އޮތް ފާޅުކަންބޮޑު އިރުޝާދެކެވެ. މެހެމާންދާރީ އަދާކުރެވެނީ ޣައިރު މުސްލިމަކަށް ކަމުގައިވީ ނަމަވެސް، އޭނާއަށް ހެޔޮކޮށް ހިތުމަށް ދީން އިރުޝާދުދެ އެވެ.

އަޅުގަނޑުވެސް އެއްބަހެވެ. ދިވެހިން ދިރިއުޅޭ ރަށްތަކުގައި ބޭރުން އަންނަ ބަޔަކު ރާބޮއިގެން އުޅެން ފަށައިފިނަމަ، އަޅުގަނޑުމެންގެ ގައުމުގެ އިޖުތިމާއީ ފޭރާމެއް ނޯންނާނެ އެވެ. އަޅުގަނޑުމެންގެ މީހުން ދިރިއުޅޭ ރަށްތަކުގައި ނާސިގެތަކާއި ނުވަތަ އަމިއްލަ ގެތައް ނާސިގެތަކަށް ބަދަލުކޮށްފިނަމަ، އިސްލާމްކަން ހޯދާ ބަލާކަށް ނުފެންނާނެ އެވެ. އެކަމަކު އަޅުގަނޑަށް އެއްބަސްނުވެވޭ ކަމަކީ ޓޫރިޒަމަކީ ރާބުއިމާއި ޒިނޭކުރުމާއި ޖުވާކުޅުން ކަމަށް ބަޔަކު ގަބޫލުކޮށްގެން އުޅޭ އުޅުމެވެ. 'ފަތުރުވެރިޔާ' އަކީ ރާބޮއި، ދިމާވާހާ ބަޔަކު ރަލަށް ޝައުގުވެރިކުރުވާ، އަދި ޖެހުނު ކޮންމެ މީހަކާ ޒިނޭ ކުރާ މީހާ ކަމަށް ސިކުނޑިތަކަށް ވިސްނުވައިދޭން މަސައްކަތްކުރަނީ ބައެއްގެ ސިކުނޑީގައި ހުރި އުނިކަމެއްގެ ސަބަބުންކަން ކަށަވަރެވެ.

ޓޫރިޒަމޭ ކިޔައިފިނަމަ، ރާ ވިއްކަން ޖެހޭނެ ކަމާއި ޒިނޭ ކުރެވޭ ގޮތަށް މަގުފަހިވެފައި އޮންނަންވާނެކަމާއި، ޖުވާވެސް ކުޅެވެންވާނެ ކަމާއި، ވީހާ ބޮޑަކަށް އައުރައިން ބަޔެއް ހާމަކުރެވެން ވާނެކަމަށް ބަޔަކު މީހުން ވިސްނާ ވިސްނުމަކީ - މި ޒަމާނުގެ ކުދިންގެ ބަހުރުވައިން ދަންނަވާ ނަމަ - 'ކަޓު' ވިސްނުމެކެވެ. އެކަމަކު ކަންބޮޑުވެ އިންތިހާއަށް ހިތާމަކުރަންޖެހޭ ކަމަކީ، ދީނީ އިލްމުވެރިންގެ ގޮތުގައި ތިއްބެވި ނުހަނު އިހުތިރާމު ލިބިގެންވާ ބޭފުޅުން ވެސް ޓޫރިޒަމް މާނަކުރައްވަނީ އެގޮތަށް ކަމުގައި ދޭހަވާ މޭރުންތަކުން ވާހަކަފުޅު ދައްކަވާތީ އެވެ.

ޓޫރިޒަމްއަކީ ފުޅާ ދާއިރާއެކެވެ. އޭގެ ތެރެއިން އިސްލާމިކް ޓޫރިޒަމްއަކީ މިހާރު ދުނިޔޭގައި ވައިގައި ހިފަމުންދާ މައިގަނޑު ސެކްޓަރެވެ. އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން ގެ ސްޓެޓިސްޓިކަލް، އިކޮނޮމިކް އެންޑް ސޯޝަލް ރިސާޗް އެންޑް ޓްރެއިނިން ސެންޓަރުން ތައްޔާރު ކުރި މި މަގުޗާޓަށް ބައްލަވާށެވެ.

މިއީ އޯއައިސީގެ މެންބަރު ގައުމުތަކުގައި އިސްލާމިކް ޓޫރިޒަމް ފުޅާކުރުމަށް އެކުލަވާލެވިފައި އޮތް މަގުޗާޓެކެވެ. މިވަގުތުގެ ރޭންކިންއަށް ބަލާއިރު އިސްލާމިކް ޓޫރިޒަމްގައި އެއްވަނަ ރޭންކްގައި އުޅެނީ މެލޭޝިއާ އެވެ. ދެވަނައިގައި ތުރުކީ އެވެ. ހައިރާން ކަމެއް ފެންނަން ފަށާނީ ލިސްޓުގެ ތަންކޮޅެއް ފަހަތުންނެވެ. އިސްލާމިކް ޓޫރިޒަމްގައި ދުނިޔޭގެ ރޭންކިންގ ގެ 20 ވަނައިގައި އޮތީ ތައިލޭންޑެވެ. ފަންސަވީސް ވަނައަށް އޮތީ އިނގިރޭސި ވިލާތެވެ. އެއްތިރީސް ވަނައަށް ފްރާންސް އޮތްއިރު ތިރީސް ހަތަރު ވަނައިގައި އޮތީ އެމެރިކާ އެވެ. ސައްތައިން ސައްތަ މުސްލިމް، ދިވެހިރާއްޖޭގެ ނަން މި ލިސްޓުގެ އެއްވެސް ހިސާބަކު ލައްވައެއް ނުލި އެވެ.

އިސްލާމިކް ޓޫރިޒަމްއޭ ކިޔަނީ، އިސްލާމީ އުސޫލުތަކާ އެއްގޮތަށް، އެ އުސޫލުތަކަށް ތަބާވެގެން އުޅޭން ބޭނުންވާ މީހުންނަށް އަމާޒުކޮށްގެން ހިންގޭ ފަތުރުވެރިކަމަށެވެ. ރަލާއި، އެނޫންވެސް ހަރާމް ކުރެވުނު ތަކެތި ބޭނުންނުވާ ފަތުރުވެރިޔާއަށް ހާއްސަވާ ޓޫރިޒަމެކެވެ. އާންމު ގޮތެއްގައި މި ބާވަތުގެ ފަތުރުވެރިކަން އަމާޒުކުރަނީ މުސްލިމުންނަށް ކަމުގައިވީ ނަމަވެސް، މުސްލިމް ނޫން މީހުން ވެސް އިސްލާމީ ދިރިއުޅުން ތަޖުރިބާކުރުމަށްޓަކައި މި ހިދުމަތް ހޯދާކަމަށް އޯއައިސީގެ އިކޮނޮމިކް އެންޑް ސޯޝަލް ރިސާޗް އެންޑް ޓްރެއިނިން ސެންޓަރުން ފާހަގަކުރެ އެވެ.

އޯއައިސީގެ މި މަގުޗާޓުގެ ބޭނުން ހިފައި ދިވެހިރާއްޖޭގައި ހޯމްސްޓޭ ޓޫރިޒަމްގެ ތެރެއިން އިސްލާމިކް ޓޫރިޒަމް ކުރިއެރުވިދާނޭ މަންޒަރު އަޅުގަނޑަށް އެބަފެނެ އެވެ.

ދިވެހި، މުސްލިމް އާއިލާއަކާއެކު ޗުއްޓީ ހޭދަކުރުމަށް އަންނަ މީހާ އަންނަނީ އޭނާ އެ ހުންނަ މާހައުލުގައި ކަންކަން އޮންނާނޭ ގޮތް އެނގިހުރެގެންނެވެ. އޭނާ ހުންނަ ގޭގައި ބަނގުރާ ނުބޮވޭނޭކަން އޭނާއަށް އެނގޭނެ އެވެ. މުސްލިމް މުޖުތަމައުއަކަށް ވާތީ އައުރަ ނިވާނުވާ ހެދުންތަކުގައި ގޭތެރޭގައި، ގޭގައި ދިރިއުޅޭ މީހުންގެ ކުރިމަތީގައި ނޫޅެވޭނޭކަން އޭނާއަށް އެނގޭނެ އެވެ. ގެއިން ކާންލިބޭނީ 'ހަލާލްފުޑްސް' ކަން ވެސް އޭނާއަށް އެނގޭނެ އެވެ. މިކަންކަން އެނގިހުރެ، އޭނާ އެ އަންނަނީ ދިވެހި މުސްލިމް އާއިލާއެއްގެ ދިރިއުޅުން ތަޖުރިބާކޮށްލާށެވެ. މިއީ ހިފެހެއްޓުމެއް ނެތި ފުޅާކުރެވޭނޭ މާކެޓެކެވެ. މިކަމުގުގެ ސަބަބުން ދިވެހިރާއްޖެއިން އިސްލާމްދީން ފުހެވިގެން ހިނގައިދާނެޔޭ ބަޔަކު ބުންޏަސް، އެގޮތެއް ވިސްނައި ވިސްނައި އަޅުގަނޑަކަށް ނޭނގުނެވެ.

މެހެމާނުންނަށް ކަމޭހިތުމާއި މެހެމާންދާރީ އަދާކުރުމަކީ، ރަސޫލުންނާއި ނަބިއްޔުން ދެއްކެވި މަގެވެ. އިމާމް ޣަޒާލީ އަލްއިޙްޔާއު އޭ ކިޔުނު ފޮތުގައި ލިޔުއްވާފައިވެ އެވެ. އިބްރާހީމް ޢަލައިހިއްސަލާމް އެއްވެސް އެއްޗެއް ފަރިއްކުޅުއްވާނަމަ، މޭލެއް ނުވަތަ ދެމޭލެއްހާ ތަނަށް ވެސް ނުކުންނަވާކަމުގައިވެ އެވެ. އެކުގައި ފަރިއްކުޅުއްވާނެ މެހެމާނަކު ހޯއްދެވުމަށެވެ. އެންމެ ފުރަތަމަ އަށް މެހުމާން ސަރާއެއް ހެއްދެވީ އިބްރާހީމް ޢަލައިހިއްސަލާމެވެ. އަދި އެމެހުމާން ސަރާގައި ފިނިމޫސުމާއި ހޫނުމޫސުމަށް ހާއްސަ ހެދުމާއި ކައިބޮއިއުޅުމުގެ އިންތިޒާމު ހަމަޖެއްސެވިއެވެ.

އައްޛާރިޔާތު ސޫރަތުގެ 24 ވަނަ އާޔަތުން 26 ވަނަ އާޔަތަށް ނަޒަރުކުރައްވާށެވެ. "އިބްރާހީމްގެފާނުގެ މާތްވެގެންވާ މެހުމާނުންގެ ވާހަކަ، ކަލޭގެފާނާ ހަމަޔަށް އައިސްފައިވޭތޯ އެވެ؟ އެ މެހުމާނުން އެކަލޭގެފާނުގެ އަރިހަށް ގެންނެވިހިނދު، އެމެހުމާނުން ސަލާމް ވިދާޅުވުމުން، އެކަލޭގެފާނުވެސް ސަލާމް ވިދާޅުވި އެވެ. އަދި ހިތްޕުޅަށް އެރި އެވެ. މިއީ ނުދަންނަ ބަޔެކެވެ. ފަހެ އެކަލޭގެފާނު، އެކަލޭގެފާނުގެ އަހުލުވެރިންގެ ގާތަށް ސިއްރިޔާތުގައި ވަޑައިގަތެވެ. އަދި ރޫފަ ރަނގަޅު ޅަގެރިއެއް (ފިއްސަވައިގެން) ގެންނެވި އެވެ." މިއާޔަތްތަކަށް ވިސްނާފިކުރުކުރާއިރު، އެ މެހުމާނުންނަކީ މަލާއިކަތް ބޭކަލުންކަން އިބްރާހީމްގެފާނަށް އެނގިވަޑައިނުގަތީ އެކަންޏެއް ނޫންކަން އެނގެ އެވެ. އެ މެހުމާނުންނަކީ އެކަލޭގެފާނު ދެނެވަޑައިގަންނަވާ ބަޔަކަށްވެސް ނުވެ އެވެ. އެކަމަކު އެ މެހުމާނުންގެ ޝަރަފުގައި ފެންވަރުގެ ފަރިއްކޮޅެއް ތައްޔާރުކުރެއްވި އެވެ.

ޢަބްދުލްޤައިސްގެ ވަފުދު މާތް ނަބިއްޔާގެ އަރިހަށް އައި ހިނދު މަރުހަބާ ވިދާޅުވިކަމަށް ބުޚާރީގައި ރިވާވެފައި ވެއެވެ. އަދި އުންމުހާނީ މާތް ނަބިއްޔާގެ އަރިހަށް ވަޑައިގަތުމުން މަރުހަބާ ވިދާޅުވި ކަމަށް އުންމުހާނީ ރިވާކުރެއްވި ކަމަށް ބުޚާރީގައި އައިސްފައި ވެއެވެ. ބުޚާރީ އާއި މުސްލިމްގައި ރިވާވެފައިވާ މާތް ނަބިއްޔާގެ ހަދީސްގައި ވަނީ، ހަމަކަށަވަރުން ކަލެޔަށް ޒިޔާރަތްކުރާ މެހުމާނުންގެ ހައްގެއް ކަލޭގެ މައްޗަށް ވެއެވެ.

ތެދެކެވެ. ބަނގުރާ ހަރާމެވެ. ޒިނޭކުރުމާއި ކުރުވުމާއި ހަށިވިއްކުން ހަރާމެވެ. ޖުވާކުޅުން ހަރާމެވެ. އައުރަ ނިވާނުކޮށް މަގުތަކުގައި އުޅުން ހަރާމެވެ. އެކަމަކު ހޯމްސްޓޭ ޓޫރިޒަމްއަކީ މިކަންކަމެއް ނޫނެއް ނޫންތޯ އެވެ. ހޯމްސްޓޭ ޓޫރިޒަމް ހުއްދަވުމާއި ނުވުން އޮންނާނީ ވަޅިގެންގުޅުމުގެ ހުކުމާ އެއްފަދައިންނެވެ. މީހަކު ވަޅިއެއް ގެންގުޅެނީ ރާވައިގެން މީހަކު މަރާލުމަށް ރާވައިގެންކަމުގައިވެއްޖެނަމަ އެ ރޭވުން ހަރާމެވެ. އެ ޕްލޭން ތަންފީޒުކުރުން ހަރާމެވެ. އެކަމަކު ވަޅި ގެންގުޅުން ހުއްދަވާނެ އެވެ. ހޯމްސްޓޭ ހަރާމޭ ކިޔުމުން ނުކުންނަ ނަތީޖާއަކީ ސައުދީ އަރަބިއްޔާގެ ރިޔާޒުން އަންނަ މުސްލިމް ފަތުރުވެރިޔާ ދިއްގަރު ގެސްޓްހައުސްއަށް ވެއްދުންވެސް ހަރާންވުމެވެ.

ހޯމްސްޓޭ ޓޫރިޒަމް ނުވަތަ މީހުން ދިރިއުޅޭ ރަށްތަކުގައި މީހުން ދިރިއުޅޭ ގެތަކުގައި ޓޫރިސްޓުން ގެނެސް ގެންގުޅެވޭ ގޮތަށް ނިޒާމު ބަދަލުކުރުމަކީ އިސްލާމްދީން ނައްތާލުމަށް ދުރާލައި ރޭވޭ ޕްލޭނެއްކަމުގައި ބައެއް ބޭފުޅުން ސިފަކުރައްވަ އެވެ. އެގޮތަށް ސިފަކުރެއްވެނީ ބަނގުރަލާ ނުލައި ޓޫރިޒަމް ނޯންނާނެ ކަމަށް ދިވެހިންގެ ތެރެއިން ބަޔަކަށް ހީވެފައި އޮންނާތީ އެވެ. އަދި އިސްލާމީ އުސޫލުތަކަށް ޓޫރިޒަމް އަނބުރާލުމަކީ މުސްލިމުން ނޫން ބަޔަކު ރާއްޖެއަށް ނާންނާނެ ސަބަބެއް ކަމަށް ބަޔަކަށް ހީވެގެން އުޅޭތީ އެވެ. އަމިއްލަ ގައުމުގައި ރާބޮވެން ނެތިގެން ޓޫރިސްޓުންގެ ގޮތުގައި ބައެއް ދިވެހިން ފަހަރުގައި ގައުމުތަކަށް ގޮސްއުޅެފާނެ އެވެ. އެކަމަކު ރާއްޖެއަށް ޓޫރިސްޓުން އަންނަނީ އަމިއްލަ ގައުމުގައި ރާބޮވެން ނެތިގެންނެއް ނޫނެއް ނޫންތޯ އެވެ.

ރާއްޖޭގެ ޓޫރިޒަމް ވިޔަފާރިވެރިންނަށް އިސްލާމީ ޓޫރިޒަމް ތައާރަފުކޮށްދީ ނަމޫނާ ދެއްކުމަށް ދިވެހި އިލްމުވެރިންނަށް ހޯމްސްޓޭއަށް ވުރެ ރަނގަޅު އެހެން ފުރުސަތެއް ލިބިދާނެތޯ އެވެ؟ އާދޭހެވެ! އިލްމުވެރިން ދައްކަވަންވީ އެ ވާހަކަ އެވެ. ޓޫރިޒަމްގެ ދެމި އޮތުމަށް ބަނގުރާއާއި ފާހިޝް ކުރެއްވިހާ ކަންކަން ބޭނުން ނުވާ ވާހަކަ އެވެ. ހޯމްސްޓޭގެ ނަމޫނާއާއެކު އެކަން ސާބިތުކުރުމުގެ ވަގުތަކީ މިއީ އެވެ. ޓޫރިޒަމަކީ ސައްތައިން ސައްތަ ހަލާލު ނަފައެއް ނެރެވޭނެ ވިޔަފާރިއެއްކަމުގެ ނަމޫނާ ދެއްކުމަށް ލިބޭނެ ފުރުސަތަކީ މިއީ އެވެ.

ދިވެހިރާއްޖެއަށް ތަނަވަސްކަން ލިބުމަކީ އަޅުގަނޑުމެން އެންމެން އެދޭ ގޮތެވެ. އެއާއެކު، ރާއްޖޭގެ އިސްލާމީވަންތަކަން އެގޮތުގައި ދެމިއޮތުމަކީވެސް އަޅުގަނޑުމެން ލޮލާބޮލުން އެދޭގޮތެވެ. ހޯމްސްޓޭ ޓޫރިޒަމްއަކީ މަދު މުއްސަންޖެއްގެ ޖީބުގައި އޮތް ފަތުރުވެރިކަމުގެ ސިނާއަތުގެ މަންފާ އަޅުގަނޑުމެން ކަހަލަ އާދައިގެ ރައްޔިތުންނާ ހަމައަށްވެސް ފޯރާނޭ ހަމައެކަނި މަގެވެ. އެ ސިނާއަތާއެކު އަޅުގަނޑުމެންގެ ދީން ގެއްލިދާނޭ ކަމަށް ބުނަނީ ނުވިސްނޭ ހިތްތަކަކުންނެވެ. ބަޔަކު މީހުން ހަރާމޭ ހަރާމޭ ގޮވި ނަމަވެސް، ޓޫރިޒަމްއަކީ ރަލާއި މަސްތުވާތަކެއްޗާއި ޖުވާއާއި އައުރައަށް ކިޔާ ނަމެއް ނޫންކަން ދިވެހިރާއްޖޭގެ މުސްލިމުންނަށް ނޭނގި އޮވެދާނެޔޭ އަޅުގަނޑުގެ ހިތެއް ނުބުނެ އެވެ.