Advertisement

ބައެއް ރިސޯޓުތަކުން ބިދޭސީ މުވައްޒަފުންވެސް މިނިމަން ވޭޖްގައި ހިމަނައިފި

6 ޖަނަވަރީ 2022 - 19:53 1

ފާތިމަތު އަޖްފާން

ފާތިމަތު އަޖްފާން

އަންނަތާރާ ކިހާވަށް މޯލްޑިވްސްގެ މުވައްޒަފުންތަކެއް: އެ ރިސޯޓުން ވަނީ ދިވެހިނާ އެއް ގޮތަށް ބިދޭސީ މުވައްޒަފުންނަށްވެސް މިނިމަމް ވޭޖެގެ އެލަވެންސް ދިނުމަށް ނިންމާފައި-- ފޮޓޯ: ޓޯކެން ޓޭކް އޮފް


ބައެއް ރިސޯޓުތަކުން ބިދޭސީ މުވައްޒަފުންވެސް މިނިމަން ވޭޖްގައި ހިމަނައިފި

6 ޖަނަވަރީ 2022 - 19:53 1

މި އަހަރުން ފެށިގެން ދޭން ނިންމާފައިވާ އެންމެ ކުޑަމިނުން ލިބޭ އުޖޫރަ (މިނިމަމް ވޭޖު) ދިނުމުގައި ބައެއް ރިސޯޓުތަކުން ބިދޭސީ މުވައްޒަފުންވެސް ހިމަނައިފި އެވެ.

މިނިމަމް ވޭޖު ދިނުމަށް މަޖުބޫރު ވަނީ ދިވެހިންނަށެވެ. ނަމަވެސް ރިސޯޓުތަކުންނާއި ވިޔަފާރިތަކުން ބޭނުންނަމަ ބިދޭސީންނަށްވެސް ދެވެ އެވެ.

މިހާރު ދިނުމަށް ފަށާފައިވާ މިނިމަމް ވޭޖްގައި ބިދޭސީން ހިމެނުމަށް ނިންމާފައިވާ އެއް ރިސޯޓަކީ އަންނަތާރާ ކިހާވަށް މޯލްޑިވްސް އެވެ.

އެ ރިސޯޓުން މުވައްޒަފުންނަށް ފޮނުވި ސިޓީއެއްގައި ބުނީ ސަރުކާރުން މިނިމަމް ވޭޖް ދޭންޖެހޭ ގޮތަށް ނިންމާފައި ވަނީ ދިވެހިންނަށް ނަމަވެސް އެ ރިސޯޓުގެ ބިދޭސީ މުވައްޒަފުންނަށްވެސް މިނިމަމް ވޭޖްގެ މުސާރަ ދިނުމަށް ނިންމާފައިވާ ކަމަށެވެ.

އަނަންތާރާގެ އިތުރުން ޝެވަލް ބްލޮންކް ރަންދެލި ރިސޯޓުން ވެސް ވަނީ ބިދޭސީ މުވައްޒަފުންނަށް މިނިމަމް ވޭޖު ދޭން ނިންމައިފަ އެވެ.

މިނިމަމް ވޭޖާއެކު ޓޫރިޒަމް ސިނާއަތުގެ މުވައްޒަފުން ހާއްސަކޮށް ރިސޯޓު މުވައްޒަފުންނަށް އެންމެ މަދުވެގެން މުސާރައިގެ ގޮތުގައި 12،000ރ. ލިބޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

މިނިމަމް ވޭޖްގައި އެއްވެސް "އިން-ކައިންޑް ބެނެފިޓް" ނުހިމެނޭ ގޮތަށް ކަނޑައަޅާފައިވާއިރު، ކަސްޓަމާސާވިސްގެ ވަޒީފާތައް އަދާކުރާ މުވައްޒަފުންގެ އަސާސީ މުސާރައިގެ ތެރެއަށް ސާވިސް ޗާޖެއް ނުލެވޭނެ އެވެ.

ޕްރައިވެޓް ސެކްޓާގެ އިތުރުން ސަރުކާރުގެ މުވައްޒަފުންނަށް ދޭން ނިންމާފައި ވަނީ އަސާސީ މުސާރައަށް އެއްވެސް އުނިއިތުރެއް ނުގެނެސް، ފިކްސްޑް އެލަވަންސެއް ގޮތަށް ކަމަށް ޕޭ ކޮމިޝަނާއި ސިވިލް ސާވިސް ކޮމިޝަނުން ވަނީ ބުނެފަ އެވެ.

މިނިމަމް ވޭޖް އެލަވަންސް ލިބޭ ސަރުކާރުގެ މުވައްޒަފުންގެ ތެރޭގައި ހިމެނެނީ ސަޕޯޓް ސާވިސަސް އަދި ޖެނެރަލް ސާވިސަސްގައި މަސައްކަތްކުރާ އަށް ރޭންކެއްގެ މުވައްޒަފުންނެވެ.

މި މުވައްޒަފުންނަށް އެލަވަންސް ލިބޭ މިންވަރު ކަނޑައެޅީ މިހާރު ލިބޭ މުސާރައަށް ބަލާފައި، އެއްވެސް އުނި އިތުރުކަމެއް ނައިސް މިނިމަމް ވޭޖް ލިބޭ ގޮތަށެވެ.

މި ސިޔާސަތާ އެއްގޮތަށް މުސާރަތައް ޖަމާވާން ފެށުމުން ސިވިލް ސާވިސްގެ އެންމެ ދަށް ރޭންކު ކަމުގައިވާ ސަޕޯޓް ސާވިސް 1 (އެސްއެސް 1) ރޭންކު މުވައްޒަފުންނަށް 7،000ރ. އަދި ޖެނެރަލް ސާވިސް 1 (ޖީއެސް 1) މުވައްޒަފުންނަށް 7،015ރ. މުސާރައަށް ލިބޭނެ އެވެ.