5 ޖަނަވަރީ 2022 - 12:58 0
ފާތިމަތު އަޖްފާން
ރައިސް ސޯލިހް ނ އަތޮޅަށް ކުރައްވާ ދަތުރުގެ ތެރެއިން: ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫއުތައް ބަލައި ނުގަންނަ ބަޔަކު ތިބޭނެ ކަމަށް ރައީސް ވިދާޅުވިއިރު، އެއީ އެމަނިކުފާނުގެ ވާދަވެރި ސިޔާސީ ޕާޓީތަކުން ތަރައްގީގެ މަޝްރޫއުތައް ހިންގުމުގައި މި ސަރުކާރު ލަސް ކަމަށް ބުނެ ދައްކާ ވާހަކަތަކަށް ދިން ރައްދެއް ކަމަށް--- ފޮޓޯ:
5 ޖަނަވަރީ 2022 - 12:58 0
މި ސަރުކާރުގެ މަޝްރޫއުތައް ހިންގާ މިންވަރު މަދުކަމާއި ލަސްކަމުގެ ފާޑުކިޔުންތަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރައްދު ދެއްވައި ކުރީ ސަރުކާރަށް ފާޑު ވިދާޅުވެއްޖެ އެވެ.
ދެ ދުވަހަށް ނ. އަތޮޅަށް ކުރައްވާ ދަތުރުގައި އެ އަތޮޅު މަނަދޫގެ އާ އިންޖީނުގެ އާއި އޮފީސް ހުޅުވުމަށް އެ ރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން ރައިސް ވިދާޅުވީ ދިވެހި ދައުލަތް ލާމަރުކަޒުކޮށް ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި މި ސަރުކާރުން ރަށަކަށްފަހު ރަށެއްގެ އިންޖީނުގެތައް ހުޅުވެމުންދާއިރު އެކަމާ ނުގަބޫލު ބަޔަކު ތިބޭނެ ކަމަށެވެ.
"އެ ބަޔަކަށް ނުކުރެވި އޮތް ކަމެއް ކުރާތަން ދެކުމަކީ ހިތް އެދޭނެ ކަމެއް ނޫން, އެ ބޭފުޅުންގެ ތަރައްގީ އާއި އަޅުގަނޑުމެންގެ ތަރައްގީގެ މިސްރާބު ތަފާތު, އަޅުގަނޑުމެންގެ ތަރައްގީ އަމާޒު ކޮށްފައި ވަނީ ރައްޔިތުންނަށް. ސީދާ ރައްޔިތު މީހާއަށް, ވަކިވަކި ފަރުދުންނަށް ދޭންޖެހޭ ފުރަތަމަ އަސާސީ ހިދުމަތްތައް ދިނުމަށް،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މި ސަރުކާރުގެ ވިސްނުމަކީ ލާމަރުކަޒީ ނިޒާމުގެ ދަށުން ކަންކަން ނިންމަމުން ގެންދިއުން ކަމަށެވެ.
ރައީސް ވިދާޅުވީ ރަށްރަށުގެ އިންޖީނުގެތައް ތަރައްގީ ކުރަމުން ދާއިރު އިއާދަކުރަނިވި ހަކަތައަށް ރުޖޫއަ ވުމަކީ މި ސަރުކާރުގެ ވިސްނުން ކަމަށެވެ. އެގޮތުން ބައެއް ރަށްރަށުގައި ސޯލާ ޓީވީ ގާއިމް ކުރުންފަދަ ކަންކަން ނިންމާފައިވާ ކަމަށް ރައީސްގެ ވާހަކައިގައި ވިދާޅުވި އެވެ.
"މި ސަރުކާރު ވެރިކަމާ ހަވާލުވި އިރު ރާއްޖޭގައި އޮތީ 16 މެގަވޯޓުގެ ގޯލާ އެނާޖީ. ނަމަވެސް ވޭތުވެ ދިޔަ ތިން އަހަރު ތެރޭ 20 މެގަވޯޓު އެއަށް އިތުރު ކޮށް މިހާރު ވަނީ ދެގުނަ އިތުރު ކޮށްފައި،" ރައީސް ވިދާޅުވި އެވެ.
މި ސަރުކާރުގެ އަމާޒަކީ ދައުރު ނިމެންވާއިރަށް، ޖުމުލަ 50 މެގަ ވޮޓްގެ ސޯލާ ޕަވަ ސިސްޓަމް ގާއިމް ވެގެން ދިއުން ކަމަށް ރައީސް ވިދާޅުވި އެވެ.
ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫއުތަކާއި މެދު ހިތްހަމަ ނުޖެހޭ ނުވަތަ އެކަން ބަލައި ނުގަންނަ ބަޔަކު ތިބޭނެ ކަމަށް ރައީސް ވިދާޅުވިއިރު، އެއީ އެމަނިކުފާނުގެ ވާދަވެރި ސިޔާސީ ޕާޓީތަކުން ތަރައްގީގެ މަޝްރޫއުތައް ހިންގުމުގައި މި ސަރުކާރު ލަސް ކަމަށް ބުނެ ދައްކާ ވާހަކަތަކަށް ދިން ރައްދެއް ކަމަށް ބެލެވެ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment