Advertisement

އެމްބާޕޭ އާ އަހަރު ފެށީ ހެޓްރިކަކުން

4 ޖަނަވަރީ 2022 - 12:42 0


އެމްބާޕޭ އާ އަހަރު ފެށީ ހެޓްރިކަކުން

4 ޖަނަވަރީ 2022 - 12:42 0

ވަނޭ (4 ޑިސެމްބަރު) - ފޯވަޑް ކިލިއަން އެމްޕާބޭގެ ހެޓްރިކާ އެކު، ފްރެންޗް ކަޕްގައި ރޭ ވަނޭ އަތުން 4-0 އިން މޮޅުވެ، ޕީއެސްޖީ ގަަދަ 16 އިން ޖާގަ ހޯދައިފި އެވެ.

ރޭގެ މެޗުގައި ޖެހި ގޯލުތަކާ އެކު އެމްބާޕޭ ވަނީ ޕީއެސްޖީގެ ޖޯޒީގައި 150 ލަނޑު ހަމަކޮށްފަ އެވެ. މި ސީޒަނުގެ ނިޔަލަށް ޕީއެސްޖީގެ ކޮންޓްރެކްޓްގައި ހުރި އެމްބާޕޭ ދާދި ފަހުން ވަނީ މި މަހުގެ ޓްރާންސްފާ މާކެޓްގައި ޕީއެސްޖީ ދޫނުކޮށްލާނެ ކަމަށް ބުނެފަ އެވެ.

"މި މެޗާ މެދު ވަރަށް ހިތްހަމަޖެހޭ. އަހަރެން ބޭނުންވަނީ މި ކްލަބްގައި ހުރިހާ ދުވަހަކު އަހަރެންގެ 100 ޕަސެންޓް ދޭން،" ރޭގެ މެޗަށް ފަހު އެމްބާޕޭ ބުންޏެވެ.

ހަތަރު ވަނަ ޑިވިޝަންގެ ވަނޭއާ ދެކޮޅަށް ޕީއެސްޖީ ނިކުތްއިރު، އެ ޓީމުގެ ފަސް ކުޅުންތެރިން ކޮވިޑަށް ޕޮޒިޓިވްވެ، މި މެޗުގައި ނުކުޅެ އެވެ. އޭގެ ތެރޭގައި ޕީއެސްޖީގެ ތަރި ލިއޮނެލް މެސީ އާއި ޑެނީލޯ ހިމެނެ އެވެ. އެކަމަކު މި ކުޅުންތެރިން ނުލައި ވެސް، ވަނޭއާ ދެކޮޅަށް ކުޅުނު މެޗުގައި ޕީއެސްޖީ އަށް މާބޮޑު އުނދަގުލެއް ކުރިމަތިނުވި އެވެ.

މެޗުގެ 28 ވަނަ މިނިޓުގައި ޕީއެސްޖީ އަށް ލީޑު ހޯދައިދިނީ ކެޕްޓަން ބޭންޑް އަޅައިގެން ކުޅެމުންދިޔަ ޕްރެސްނެލް ކިމްޕެމްބޭ އެވެ. މި ލަނޑު ޖެހުމުގެ އިރުކޮޅެއް ކުރިން، ސްޓޭޑިއަމް މަތިން ޑްރޯނެއް ދުއްވުމުގެ ސަބަބުން ކުޑައިރުކޮޅަށް މެޗުގެ ކުޅުން މެދުކަނޑާލަން ޖެހުނެވެ.

ކިމްޕެމްބޭ ތަނަވަސްކޮށްދިން ފުރުސަތަކުން، ޕީއެސްޖީގެ ދެވަނަ ލަނޑު އެމްބާޕޭ ޖެހީ 59 ވަނަ މިނިޓުގަ އެވެ. އަދި މެޗުގެ 71 އަދި 76 ވަނަ މިނިޓުގައި ކިމްޕެމްބޭ ވަނީ އިތުރު ދެ ލަނޑު ޖަހައިފަ އެވެ.

މެޗަށް ފަހު ޕީއެސްޖީގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ބުނީ މެޗުގެ ނަތީޖާއާމެދު ވަރަށް ހިތްހަމަޖެހޭ ކަމަށާއި ދެވަނަ ހާފުގައި ޓީމުގެ މެދުތެރެއަށް ގެނައި ބަދަލާއެކު ޓީމުގެ ކުޅުން ރަނގަޅުވެގެންދިޔަ ކަމަށެވެ.

އެންމެ ފަހުން ބޭއްވި ފްރެންޗް ކަޕްގެ ހަތް މުބާރާތުގެ ތެރެއިން ހަ މުބާރާތް ކާމިޔާބުކޮށްފައިވަނީ ޕީއެސްޖީ އެވެ. ދެހާސް ފަނަރަ އަހަރުން ފެށިގެން، ޕީއެސްޖީ ވަނީ ކޮންމެ އަހަރަކު ވެސް ފްރެންޗް ކަޕްގެ ފައިނަލްގައި ވާދަކޮށްފަ އެވެ. -- އޭއެފްޕީ