Advertisement

އިންޑަސްޓްރިއަލް ޒޯން، ނައްތާނުލެވުނު ކުނިގޮނޑަކަށް ވެއްޖެ

8 ޖަނަވަރީ 2022 - 10:32 1

ފާތިމަތު އަޖްފާން

ފާތިމަތު އަޖްފާން

އިންޑަސްޓްރިއަލް ވިލެޖު ސަރަހައްދަށް ކުނި އަޅާފައި-- ފޮޓޯ: އާއިމް ޒަމީރު / އަދަދު


އިންޑަސްޓްރިއަލް ޒޯން، ނައްތާނުލެވުނު ކުނިގޮނޑަކަށް ވެއްޖެ

8 ޖަނަވަރީ 2022 - 10:32 1

ތޮއްޖެހިފައި އޮތް މާލޭގައި ކުނީގެ މައްސަލަ ބޮޑެވެ. މަގުމަތީ ކުނި ގިނުވުމާއި ކުނި އުކުމުގެ ކަންކަން އާންމެވެ. ވެމްކޯއިން ކުނި ނަގައި އުކާލިޔަސް, އަދި ދަންވަރު ގަޑީ ބަޔަކު ނުކުމެ މަގުތަކުން ކުނި ކެހި ނަމަވެސް, މާލޭގެ މަގުތައް ހަމަ ގޮނޑެވެ. ސަބަބަކީ, ޖެހޭ ކޮންމެ ތާކަށް ކުނި އެޅުން ނޫނީ ގެންގުޅޭ ފުޅި, ދަޅު އެއްލާލުމުގެ އާދައިން ނެއްޓެން ނޭނގުމެވެ.

މި މަންޒަރު އެންމެ ރަނގަޅަށް ފެންނަނީ ސިނާއީ މަސައްކަތްތައް ކުރާ ފަރާތްތަކަށް ހާއްސަކޮށް 2016 ވަނަ އަހަރު މާލޭގެ ހުޅަނގު ދެކުނު ސަރަހައްދުން 6.9 ހެކްޓަރުގެ ބޮޑު ބިމެއް ހިއްކައި ހަދާފައިވާ "އިންޑަސްޓްރިއަލް ވިލެޖް" އިންނެވެ.

މާލޭގެ ހަލަބޮލި މާހައުލަށް އިތުރު ލުޔެއް ލިބިގެން ދާނެ ކަމަށް ބުނެ ކުރީ ސަރުކާރުން ތަރައްގީ ކުރި އިންޑަސްޓްރިއަލް ވިލެޖްގެ މަސައްކަތް މިއަދާ ހަމައަށް އައިސްފައި ވަނީ ކުޑަ ބަދަލެކެވެ. މަދު އަދަދެއްގެ ގުދަންތަކާއި ގަރާޖުތައް ފަދަ ސިނާއީ މަސައްކަތް ކުރާ ތަންތަން އެ ތަނަށް ބަދަލުކުރި އެވެ.

އިންޑަސްޓްރިއަލް ޒޯން: އެ ސަރަހައްދަށް އެކި ބާވަތުގެ ކުނި އަޅާފައި-- ފޮޓޯ: އާއިމް ޒަމީރް


ސިނާއީ ސަރަހައްދަކަށް ބަދަލުކުރުމުގެ ޕްލޭނެއްގެ ދަށުން ބިން ހިއްކައިގެން ގާއިމް ކުރި އިންޑަސްޓްރިއަލް ވިލެޖަށް އެކި ކަހަލަ ކުނިތައް ޖަމާވުމުގެ މައްސަލަތައް މީގެ ކުރިން ވެސް އައީ ފެންމަތިވަމުންނެވެ.

ކުނި އަޅާ މީހުން އަޅަނީ އެވެ. ދެތިން ފަހަރަކު މާލެ ސިޓީ ކައުންސިލާ ވެމްކޯ ގުޅިގެން ސާފުވެސް ކޮށްފި އެވެ. މިދިޔަ ކައުންސިލާއި އާ ކައުންސިލުންވެސް ސާފު ކުރި އެވެ. ސާފު ކުރުމަށްފަހު ޕާކު ކުރާނެ އުސޫލަކާއެކު ބޮޑު ބަދަލެއްވެސް ގެނަ އެވެ.

އެގޮތުން އެ ސަރަހައްދުގައި ހުރި ބޮޑެތި ވެހިކަލްތަކާ ބޭނުން ނުކޮށް ގިނަ ދުވަސްވެ ވީރާނާ ވެފައިވާ އުޅަނދުތައް ނަގާ ޕާކިން ޒޯންތަކެއް ވެސް ވަނީ ކުރަހާފަ އެވެ. އެގޮތަށް ބަދަދު ކުރީ މާލެގައި މީހުން ދިރިއުޅޭ ސަރަހައްދުގައި ހުރި ގުދަން ފަދަ ތަންތަން އިންޑަސްޓްރިއަލް ވިލެޖަށް ބަދަލު ކުރުމަށް ކަމަށް ބުނެ އެވެ.

އިންޑަސްޓްރިއަލް ޒޯން: އެ ސަރަހައްދަށް ކުނިވާ ޒާތުގެ ކާބޯ ތަކެއްޗާއި ގޭތެރޭގައި ހިފާ ގެންގުޅޭ ސާމާނު އުކާލާފައި ހުރޭ-- ފޮޓޯ: އާއިމް ޒަމީރް


ނަމަވެސް މިހާރު އަނެއްކާ ވެސް އެ ސަރަހައްދަށް ވަނީ ގިނަ އަދަދެއްގެ ކުނި އަޅާފަ އެވެ. ކުނިވާ ޒާތުގެ ކުންޏާއި ބޭނުން ނުކޮށް އުކާލާ ގޭތެރޭގެ ސާމަނުތަކެވެ. ތެލި ތައްޓާއި ނެޕީ އެވެ. ފީވެ އުކާލާ މޭވާ އާއި ތަރުކާތީ އެވެ. އިންޑަސްޓްރިއަލް ޒޯންގެ އެންމެ ބޭރު މަގަށް ކުނި އަޅާ އެތަން ވަނީ ގޮނޑަކަށް ހަދާފަ އެވެ.

މި ފަހުން އެ ސަރަހައްދަށް ކުނި އަޅަން ފަށާފައި ވަނީ ވެމްކޯއިން ކުނި ނެގުމަށް ގެނައި ބަދަލުގެ ސަބަބުން ކަމަށް ބައެއް ފަރާތްތަކުން ބުނެ އެވެ. ކޮވިޑްގެ ހާލަތު ކުރިއަށްވުރެ ރަނގަޅުވާން ފެށުމާއެކު ވެމްކޯއިން ގޭގެއަށް ވަދެ ކުނި ނަގަން ފެށި އިރު ރަޖިސްޓްރީ ނުކުރާ ގެތަކުން ކުނި ނުނަގާ ގޮތަށް ނިންމި އެވެ.

އެއާއެކު އެންމެ ބޮޑު މައްސަލައަކަށް ދިމާވީ މާލޭގެ މަގުތަކަށް ކުނި ޖަމާކުރަން ފެށުމެވެ. ރަޖިސްޓްރީ ނުކޮށް ހުންނަ ގެ ތަކުންނާއި ވިޔަފާރިތަކުންނެވެ. މައްސަލަ ބޮޑުވެ އަނެއްކާވެސް ވެމްކޯއިން ގޭގެ މައްޗަށް އަރައިގެން ކުނި ނަގަން ނިންމި އެވެ.

އިންޑަސްޓްރިއަލް ޒޯނަށް ކުނި އަޅަނީ ކޮންމެވެސް ސަބަބަކާ ހުރެ ވެމްކޯއިން ކުނި ބަލާ ނުވަދެވޭ ގެތަކުން ނެވެ. ރަޖިސްޓްރީ ނުކުރުމެވެ. ނުވަތަ ގޭގެ ތިރިއަށް ކުނި ބާލާފައި ބެހެއްޓުމުންނެވެ. ކުނި ކޮތަޅު ހިފައިގެން ވެމްކޯ ކުނި އުކާ ސަރަހައްދަށް އެ ހަވާލުކުރަން ދިޔަނަމަވެސް މިހާރު އެގޮތަށް ކުނި ނޫކޭތީ އެންމެ ކައިރި އޮންނަ އިންޑަސްޓްރިއަލް ޒޯންގެ ކޮންމެވެސް ހިސާބަށް އެއްލާލާފައި އަންނަނީ އެވެ.

އެކަން ބަލާ ފިޔަވަޅުވެސް އަޅަން ޖެހޭ ކަންކަމެވެ. އެތައް ފަހަރަކު ސާފުކޮށް އެތައް ގޮތަކުން މައްސަލަ ހައްލުކުރަން މަސައްކަތް ކުރި ނަމަވެސް ހައްލު ވެފައި ނެތް ކަމެވެ. މިހާރަށްވުރެ ހަރުދަނާ ފިޔަވަޅުއަޅަން ޖެހިފައިވާ އިޖުތިމާއީ ބޮޑު މައްސަލައެކެވެ. ފަރުދީ ޒިންމާ އާއި މުއައްސަސާތަކުން ޒިންމާ ނަގަން ޖެހިފައިވާ ކަމެވެ. އެންމެންގެ ރައްކަލަށް އާންމު ސިއްހަތަށެވެ.