Advertisement

ތެޔޮ އެބަހުރި، އުޅެނީ ލޯޑު ކުރުމުގެ ދަތިކަމެއް: ވިލާ ހަކަތަ

3 ޖަނަވަރީ 2022 - 14:43 1

ހަސަން މުހައްމަދު

ހަސަން މުހައްމަދު

ވިލާ ހަކަތައިގެ ތެޔޮ ރައްކާ ކުރާ ޓޭންކެއް: ވިލާއަށް ތެލާއި ސިމެންތި ވެސް ވަނީ ލިބިފައި -- ފޮޓޯ: ވިލާ ހަކަތަ


ތެޔޮ އެބަހުރި، އުޅެނީ ލޯޑު ކުރުމުގެ ދަތިކަމެއް: ވިލާ ހަކަތަ

3 ޖަނަވަރީ 2022 - 14:43 1

ވިލާ ހަކަތައަށް ޕެޓްރޯލާއި ޑީސަލްގެ ބޮޑު ޝިޕްމަންޓެއް ހުކުރު ދުވަހު ރާއްޖެ ގެނެސްފައިވާ ކަމަށާއި ޖެޓީ ބާރުބޮޑުވުމުގެ ސަބަބުން މިވަގުތު އުޅެނީ ކަސްޓަމަރުންނަށް ތެޔޮ ލޯޑުކޮށްދިނުމުގެ މައްސަލައެއް ކަމަށް އެ ކުންފުނީގެ ސޭލްސް މެނޭޖަރު ބާސިލް ނަފީސް ވިދާޅުވެއްޖެ އެވެ.

މި ދުވަސްވަަރު މެދުރާއްޖެތެރޭގެ ބައެއް ރަށްތަކާއި ފުވައްމުލަކާއި ކުޅުދުއްފުށި އަދި އައްޑޫ ސިޓީގައި ތެޔޮ ވިއްކަމުންދަނީ ކޮންޓްރޯލްކޮށްގެނެވެ. ސަރުކާރުގެ ކުންފުނި އެފްއެސްއިމްގެ ފަރާތުން ބުނީ ކޮންޓްރޯލްކޮށްގެން ތެޔޮ ވިއްކަންޖެހުނީ ދަ ހޯކްސް ޕްރައިވެޓް ލިމިޓެޑާއި ވިލާ ހަކަތައިން ތެޔޮ ހުސްވުމުން ކަމަށެވެ.

ނަމަވެސް ވިލާ ހަކަތައިގެ ސޭލްސް މެނޭޖަރު ބާސިލް ނަފީސް މިއަދު ވިދާޅުވީ ޕެޓްރޯލާއި ޑީސަލުގެ ޝިޕްމަންޓެއް ޑިސެމްބަރު 31، ގައި އެ ކުންފުނިން ރާއްޖެ އެތެރެކޮށްފައިވާ ކަމަށާއި މިދިޔަ ހޮނިހިރު ދުވަހު އެ މުދާ ބާލާފައިވާ ކަމަށެވެ. އަދި މިވަގުތު ހަމައެކަނި އުޅޭ މައްސަލައަކީ، ސިމެންތީގެ ޝިޕްމަންޓެއް ވެސް ހަމަ އެ ދުވަހު އައުމުން، ޖެޓީ ބިޒީވެ، ކަސްޓަމަރުންނަށް މުދާ ލޯޑުކޮށްދިނުމުގެ ދަތިކަން ކަމަށް އޭނާ ވިދާޅުވި އެވެ.

"ޕެޓްރޯލް ވެސް ޑީސަލް ވެސް އަޅުގަނޑުމެންގެ އަތުގައި އެބަހުރި. އަޅުގަނޑުމެންގެ ހުރިހާ ރެގިއުލާ ކަސްޓަމަރުން އަދި މުޅިން އާ ކަސްޓަމަރުންނަށް ވެސް ތެޔޮ ފޯރުކޮށްދެމުން މި ދަނީ،" ބާސިލް ވިދާޅުވި އެވެ.

ދަ ހޯކްސް ކުންފުނީގެ ޖެނެރަލް މެނޭޖަރު ހުސައިން އަމަން މި ނޫހާ ވާހަކަ ދައްކަވަމުން ކުރިން ވިދާޅުވެފައި ވަނީ ކުރިއަށް އޮތް ތިން ދުވަހުގެ ތެރޭގައި އެ ކުންފުންޏަށް ވެސް ތެޔޮ ލިބޭނެ ކަމަށެވެ. އަދި މިފަހަރުގެ ޝިޕްމެންޓް ލަސްވީ ދުނިޔޭގެ ތެލުގެ ބާޒާރަށް ކުރިމަތިވި ތަދުކަމެއްގެ ސަބަބުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ބޯޓު [މިދިޔަ ޑިސެމްބަރު މަހުގެ] 21 ވަނަ ދުވަހު ތެޔޮ ލޯޑްކުރަން ފޮނުވައިފިން. އެކަމަކު ލޯޑްވާވަރުވީ 28 ގައި. މިއީ ދުނިޔޭގެ ބާޒާތަށް އައި ދަތިކަމެއް. އެކަމަކު ރާއްޖެ ސަވައިވް ވާ ވަރަށް ތެޔޮ އެބަހުރި އަޅުގަނޑުމެން އަތުގައި،" އަމަން ވިދާޅުވި އެވެ.

ދުނިޔޭގެ ތެލުގެ ބާޒާރުގައި އަގު އުފުލެމުންދާތީ މިދިޔަ އަހަރުގެ އޮކްޓޯބަރުން ފެށިގެން ޕެޓްރޯލް ލީޓަރެއް ރާއްޖޭގއި ވިއްކަނީ 11.16ރ. އަށެވެ. އަދި ޑީސަލް ލީޓަރެއް ވިއްކަނީ 11.84ރ. އަށެވެ. ކުރިން ޕެޓްރޯލް ލީޓަރެއް ވިއްކީ 10.75ރ. އަށެވެ. ޑީސަލް ލީޓަރެއް ވިއްކީ 10.95ރ. އަށެވެ.