Advertisement

ހުއްޓިފައި އޮތް ޓޫރިޒަމް މާސްޓާޕްލޭނުގެ މަސައްކަތް މާޗުގެ ނިޔަލަށް ނިންމަނީ

3 ޖަނަވަރީ 2022 - 13:00 0

އަމަން ހަލީމް

އަމަން ހަލީމް

ލޯކަލް ޓޫރިޒަމުގައި މަޝްހޫރު ކ. ތުލުސްދޫގައި ޓޫރިސްޓަކު ރާޅަށް ދަނީ: ޓޫރިޒަމް މާސްޓާޕްލޭނުގައި ލޯކަލް ޓޫރިޒަމް ފުޅާކުރަން ސަރުކާރުން ގެންގުޅޭ ސިޔާސަތުތައް ވެސް ހިމެނޭނެ. -- ފޮޓޯ: ހުސެއިން ޝަޔާހު/އަދަދު


ހުއްޓިފައި އޮތް ޓޫރިޒަމް މާސްޓާޕްލޭނުގެ މަސައްކަތް މާޗުގެ ނިޔަލަށް ނިންމަނީ

3 ޖަނަވަރީ 2022 - 13:00 0

މީގެ ދެ އަހަރު ކުރިން އިފްތިތާހުކުރި ފަސްވަނަ ޓޫރިޒަމް މާސްޓާޕްލޭން އެކުލަވާލުމުގެ މަސައްކަތް ހުއްޓިފަ އޮތުމަށްފަހު، މާޗުގެ ނިޔަލަށް މަސައްކަތް ނިންމަން އަމާޒު ހިފާ ޓޫރިޒަމް މިނިސްޓްރީން މަސައްކަތް ފަށައިފި އެވެ.

ފަސްވަނަ މާސްޓާޕްލޭން އެކުލަވާލުމުގެ މަސައްކަތް ފެށީ، ކުރީގެ މިނިސްޓަރު އަލީ ވަހީދުގެ ވަޒީރުކަމުގައި ޖުލައި 29، 2019 ގަ އެވެ. އޭރު މި ޕްލޭން އެކުލަވާލާ ގޮތަށް އޮތީ 2025-2020 އަށް، ފަސް އަހަރުގެ ތެރޭގައި ޓޫރިޒަމުން ހާސިލުކުރަން ބޭނުންވާ ކަންކަމަށް އަލިއަޅުވާލާ ގޮތަށެވެ.

އެކަމަކު އެ އަހަރުގެ ތެރޭގައި މިކަމަށް ބޭނުންވާ ފައިސާ ހަމަނުޖެހިގެން އުޅެނިކޮށް، ޖެހިގެން އައި އަހަރު ކޮވިޑު ބަލިމަޑުކަން ލައިގަތުމާ ގުޅިގެން މަސައްކަތް ވަގުތީ ގޮތުން ހުއްޓުނީ އެވެ. އެފަހުން މަސައްކަތް ފަށަން މަސައްކަތްކުރި ނަމަވެސް، ފަންޑިން އާއި ކޮވިޑު ހުރަސްތަކުގެ ސަބަބުން މަސައްކަތް ނުފެށުނު ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފައިވެ އެވެ.

މި މާސްޓާޕްލޭނުގެ މަސައްކަތް އަލުން ފެށޭނެ މަގުފަހިވީ، ނިމުނު އަހަރުގެ މެދުތެރޭގައި ފަންޑިން ހަމަޖެހިގެންނެވެ. އެ ފައިސާގެ އެހީ ދިނީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކު (އޭޑީބީ) އިންނެވެ. ފަންޑިން ހަމަޖެހުމާއެކު ޓޫރިޒަމުން ވަނީ 10 ކޮންސަލްޓަންޓުން ނަގަން އިއުލާނުކޮށްފަ އެވެ.

މި މަސައްކަތަށް ބޭނުންވާ ކޮންސަލްޓަންޓުގެ ތެރޭގައި ހިމެނެނީ ލީޑް ކޮންސަލްޓަންޓަކާއި މާސްޓާޕްލޭނުގައި އަލިއަޅުވާލަން ބޭނުންވާ ނުވަ ދާއިރާގެ ކޮންސަލްޓަންޓުންނެވެ. ކޮންސަލްޓަންޓުގެ ތެރެއިން ލީޑް ކޮންސަލްޓަންޓު ފިޔަވާ، ވަކި ދާއިރާތަކަށް ނެގި ހުރިހާ ކޮންސަލްޓަންޓުންނަކީ ދިވެހިންނެވެ. ލީޑް ކޮންސަލްޓަންޓަކީ އެމެރިކާ ރައްޔިތެކެވެ.

ފަސްވަނަ މާސްޓާޕްލޭންއަށް ކޮންސަލްޓަންޓުން ނެގި ދާއިރާތައް

  • ލީގަލް
  • ސެކިޔުރިޓީ
  • އެންވަޔަރަމެންޓް
  • ޓޫރިޒަމް ޕޮލިސީ
  • ހިއުމަން ރިސޯސް
  • ސޯސިއޯ-ކަލްޗަރަލް
  • މެރިން އެންޑް ލިވްއެބޯޑް
  • މާކެޓިން އެންޑް ޕްރޮޑަކްޓް ޑިވެލޮޕްމަންޓު
  • ބިޒްނަސް ޑިވެލޮޕްމަންޓް އެންޑް އިކޮނޮމިކް ޕްލޭނިން

ކޮންސަލްޓަންޓުން ނެގުމުގެ މަސައްކަތް ނިމި، މާސްޓާޕްލޭނު އެކުލަވާލުމުގެ އަމަލީ މަސައްކަތް ފެށީ މިދިޔަ ޑިސެމްބަރު މަހު އެވެ.

މިހާތަނަށް ކުރެވުނު މަސައްކަތްތައް ސާފުކޮށްދެއްވަމުން ޓޫރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް، ޕްލޭނިން އެންޑް ޑިވެލޮޕްމަންޓް އަލީ ޝިނާން "އަދަދު" އަށް ވިދާޅުވީ، ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ލީޑް ކޮންސަލްޓަންޓާ ބައްދަލުކުރައްވާ މަސައްކަތް ކުރިޔަށްގެންދަންވީ ގޮތް ހިއްސާކުރައްވާފައިވާ ކަމަށެވެ.

"މިހާރު ބްރީފިން އާއި އިންޓްރޮޑަކްޓަރީ މީޓިންތައް ނިމިއްޖެ. ކުރިޔަށް އޮތް ދުވަސްތަކުގެ ތެރޭގައި ކޮންސަލްޓަންޓުން އެކަކު އަނެކަކާ ބައްދަލުކޮށް މަސައްކަތް ކުރިޔަށް ގެންދާނެ ގޮތް މަޝްވަރާކޮށް ނިންމާނެ," އޭނާ ވިދާޅުވި އެވެ.

ޝިނާން ވިދާޅުވި ގޮތުގައި މިހާރު ކުރިޔަށްދަނީ އެ ވާކްޕްލޭނާ އެއްގޮތަށް މަސައްކަތްތައް ތާވަލުކުރާނެ ގޮތުގެ މަޝްވަރާތަކެވެ.

ލީޑް ކޮންސަލްޓަންޓަށް ރާއްޖެ ނާދެވޭތީ މި މަޝްވަރާތައް ކުރިޔަށް ދަނީ ވާޗުއަލްކޮށެވެ. އޭނާއަށް ނާދެވިގެން އުޅެނީ ކޮވިޑުގެ އޮމިކްރޯން ވޭރިއަންޓު ހުޅަނގުގެ ގައުމުތަކުގައި ބާރަށް ފެތުރޭތީ، ދަތުރުކުރަން ހުރަސްތައް ހުރުމުންނެވެ. އެކަމަކު، މަސް ނިމުމުގެ ކުރިން އޭނާ ރާއްޖެ ވަޑައިގެން، މަސައްކަތުގައި ޝާމިލުވާނެ ކަމަށް ޝިނާން ވިދާޅުވި އެވެ.

ކުރިން 2025-2020 އަށް މާސްޓާޕްލޭން އެކުލަވާލާ ގޮތަށް އޮތް ނަމަވެސް، މިހާރު އޭގެ ތެރެއިން ދެ އަހަރު ވޭތުވުމާ ގުޅިގެން ދެން މާސްޓާޕްލޭން އެކުލަވާލާނީ 2027-2022 އަށެވެ.

ފަސްވަނަ ޓޫރިޒަމް މާސްޓާޕްލޭނުގައި އިސްކަން ދެނީ ޓޫރިޒަމް މަސައްކަތްތެރިންނަށް ހުރި ގޮންޖެހުންތައް ހައްލުކުރުމަށާއި، ހުނަރުވެރި މުވައްޒަފުން ބިނާކުރުމަށާއި މުޅި ރާއްޖެއަށް ޓޫރިޒަމް ފުޅާކުރުމުގެ އިތުރުން ދެމެހެއްޓެނިވި ޓޫރިޒަމް ކުރިއެރުވުމަށާއި ޓޫރިސްޓުންނަށް ރައްކާތެރި މަންޒިލެއްގެ ގޮތުގައި ރާއްޖެ ދެމެހެއްޓުމަށާއި ޓޫރިޒަމް ސިންދަފާތުކުރުމަށެވެ.

ކުރީގެ މާސްޓާޕްލޭނުތަކާ ހިލާފަށް، މިފަހަރު ސިޔާސަތުތައް އެކުލަވާލުމުގައި ކޮވިޑް-19 ބަލިމަޑުކަމާ ގުޅިގެން ޓޫރިޒަމުން ލިބުނު ފިލާވަޅުތަކާއި، ދަސްވީ ކަންކަމަށް ހާއްސަ ސަމާލުކަމެއް ދެވޭނެ ކަމަށް ވެސް ޓޫރިޒަމުން މައުލޫމާތު ދެ އެވެ.