Advertisement

ޕެޓްރޯލާއި ޑީސަލް ލިބުން ދަތިވެ، ކޮންޓްރޯލްކޮށްގެން ވިއްކަން ފަށައިފި

3 ޖަނަވަރީ 2022 - 11:33 0

ހުސެއިން އަރުބާން ފައްވާޒް

ހުސެއިން އަރުބާން ފައްވާޒް

ޕެޓްރޯލް ޝެޑެއްގައި ސައިކަލަކަށް ތެޔޮ އަޅަނީ: ހޯކްސް ކުންފުނީގެ ތެޔޮ ޝިޕްމަންޓެއް ތިން ދުވަހުގެ ތެރޭގައި ލިބޭނެ ކަމަށް ލަފާ ކުރެވޭ -- ފޮޓޯ: އަދަދު ފައިލް


ޕެޓްރޯލާއި ޑީސަލް ލިބުން ދަތިވެ، ކޮންޓްރޯލްކޮށްގެން ވިއްކަން ފަށައިފި

3 ޖަނަވަރީ 2022 - 11:33 0

ޕެޓްރޯލާއި ޑީސަލް އެތެރެ ކުރާ އަމިއްލަ ދެ ކުންފުންޏެއްގެ ޝިޕްމެންޓް އެއްކޮށް ހުސްވުމާ ގުޅިގެން ދިވެހިރާއްޖޭގެ ވަރަށް ގިނަ ހިސާބުތަކުން ތެޔޮ ލިބުން ދަތިވެ، ކޮންޓްރޯލްކޮށްގެން ވިއްކަން ފަށައިފި އެވެ.

މިވަގުތު، މެދުރާއްޖެ ތެރޭގެ ޅ. އާއި ނ. އާއި ރ. އަތޮޅުގައި ޕެޓްރޯލާއި ޑީސަލް ވިއްކަނީ ކޮންޓްރޯލްކޮށްގެނެވެ. އަދި އުތުރުން ހދ. ކުޅުދުއްފުއްޓާއި ދެކުނުން ފުވައްމުލަކާއި އައްޑޫގައި ވެސް ތެޔޮ ވިއްކަމުންދަނީ ކޮންޓްރޯލްކޮށްގެނެވެ.

ތެޔޮ ލިބުން ދަތިވެގެން އުޅެނީ ވިލާ ހަކަތަ އާއި ދަ ހޯކްސް ޕްރައިވެޓް ލިމިޓެޑުން އެތެރެ ކުރި ސްޓޮކް ހުސްވުމުން ކަމަށް އެސްޓީއޯ އިން އެތެރެ ކުރާ ތެޔޮ ރާއްޖެގައި ވިއްކާ ފިއުލް ސަޕްލައިސް މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ގަސަމް "އަދަދު" އާ ވާހަކަ ދައްކަވަމުން ވިދާޅުވި އެވެ.

"އަޅުގަނޑުމެން ތެޔޮ ގެންނަނީ އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް ވިއްކޭ ވަރަށް. މިހާރު ދިމާވެގެން މިއުޅެނީ ވިލާ އާއި ހޯކްސްގެ ކަސްޓަމަރުންނަށް ވެސް އަޅުގަނޑުމެންގެ ތެޔޮ ދޭން ޖެހުމުން އައި ޝޯޓޭޖެއް،" މިހާރު ދިމާވެގެން އުޅޭ މައްސަލަ އޮޅުންފިލުވައިދެއްވަމުން ގަސަމް ވިދާޅުވި އެވެ.

ހޯކްސް ކުންފުނީގެ ސްޓޮކް ހުސްވިއިރު ވެސް އާ ޝިޕްމެންޓެއް ނުގެނެވިގެން އުޅެނީ ދުނިޔޭގެ ތެޔޮ ބާޒާރުތަކަށް ދިމާވި "ތާއްޓެއްގެ" ސަބަބުން ކަމަށް އެ ކުންފުނީގެ ޖެނެރަލް މެނޭޖަރު ހުސައިން އަމަން ވިދާޅުވީ އެވެ.

"އަޅުގަނޑުމެންގެ ބޯޓު [މިދިޔަ ޑިސެމްބަރު މަހުގެ] 21 ވަނަ ދުވަހު ތެޔޮ ލޯޑްކުރަން ފޮނުވައިފިން. އެކަމަކު ލޯޑްވާވަރުވީ 28 ގައި. މިއީ ދުނިޔޭގެ ބާޒާތަށް އައި ދަތިކަމެއް. އެކަމަކު ރާއްޖެ ސަވައިވް ވާ ވަރަށް ތެޔޮ އެބަހުރި އަޅުގަނޑުމެން އަތުގައި،" އަމަން ވިދާޅުވި އެވެ.

އެގޮތުން ރާއްޖެއަށް އާންމުކޮށް ތެޔޮ އެތެރެ ކުރާ ސިންގަޕޫރާއި އަރަބި ބާޒާރަށް ތެލުގެ ދަތިކަން ކުރިމަތިވި ކަމަށް އަމަން ވިދާޅުވި އެވެ. ނަމަވެސް ކުރިއަށް އޮތް ތިން ދުވަހުގެ ތެރޭގައި ޕެޓްރޯލާއި ޑީސަލުގެ ޝިޕްމެންޓެއް ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ތެޔޮ ލިބުމުގެ ދަތިކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ކުޅުދުއްފުށި ސިޓީގައި ޕެޓްރޯލްގެ ހިދުމަތް ދެމުން އަންނަ އެތުމާ ފިއުލްގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ އާދަމް ވިދާޅުވީ އެ ރަށުގައި ޕެޓްރޯލާއި ޑީސަލް ވިއްކަމުން ދަނީ "ވަރަށް ބޮޑަށް" ލިމިޓްކޮށްގެން ކަމަށެވެ. އަދި މިހާރު ވިއްކާ ގޮތަށް ކޮންޓްރޯލްކޮށްގެން ތެޔޮ ވިއްކި ނަމަވެސް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި މިހާރު ހުރި ސްޓޮކް ހުސްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އާންމުކޮށް 70،000 ލީޓަރަށް ވެއްޓޭއިރަށް އަޅުގަނޑު ގެންނަން ޕެޓްރޯލް. [ހުސްނުވާ ވަރަށް] ސްޓޮކް ކޮށްފައި ހުންނާނީ. އެކަމަކު މިހާރު ނެތް. މިހާރު ހުރީ 60،000 ލީޓަރު. ލޯންޗުތަކަށް ދޫކުރާނަމަ މި ނުވާނެ ހަފްތާއަކަށް ވެސް،" އަބްދުﷲ ލަފާ ކުރެއްވި އެވެ.

އެތުމާ ފިއުލްގެ މެނޭޖަރު އަބްދުﷲ ވިދާޅުވީ އެފްއެސްއެމުން އޭނާގެ ކުންފުންޏަށް މިވަގުތު ދޫކުރަނީ ހަފްތާއަކަށް 7500 ލީޓަރުގެ ތެޔޮ ކަމަށެވެ. ނަމަވެސް އެއަށްވުރެ ތެލުގެ ޑިމާންޑު ބޮޑު ކަމަށާއި އެންމެ ދުވަހަކުން ވެސް 4000 ލީޓަރުގެ ޕެޓްރޯލް ވިކޭ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭގެ އިތުރުން، ކޮންޓްރޯލްކޮށްގެން ތެޔޮ ވިއްކި ނަމަވެސް މުޅި ރާއްޖެއިން ޕެޓްރޯލާއި ޑީސަލް ހުސްނުވާނެކަމުގެ ޔަގީންކަން އެފްއެސްއެމްގެ ގަސަމް ދެއްވި އެވެ.

"ރާއްޖެއިން ޕެޓްރޯލް ހުސްވެ، ކަންބޮޑުވާ ހިސާބަކަށް އަދި ނުދޭ. އަޅުގަނޑުމެން އަތުގައި ޕެޓްރޯލް އަދި އެބަހުރި،" އޭނާ ވިދާޅުވި އެވެ.

ދުނިޔޭގެ ތެލުގެ ބާޒާރުގައި އަގު އުފުލެމުންދާތީ މިދިޔަ އަހަރުގެ އޮކްޓޯބަރުން ފެށިގެން ޕެޓްރޯލް ލީޓަރެއް ރާއްޖޭގއި ވިއްކަނީ 11.16ރ. އަށެވެ. އަދި ޑީސަލް ލީޓަރެއް ވިއްކަނީ 11.84ރ. އަށެވެ. ކުރިން ޕެޓްރޯލް ލީޓަރެއް ވިއްކީ 10.75ރ. އަށެވެ. ޑީސަލް ލީޓަރެއް ވިއްކީ 10.95ރ. އަށެވެ.