Advertisement

ކޮވިޑު ޖެހޭ މީހުން އިތުރުވެ، މިއަދު 161 މީހަކު ޕޮޒިޓިވްވެއްޖެ

2 ޖަނަވަރީ 2022 - 22:48 1

ހަސަން މުހައްމަދު

ހަސަން މުހައްމަދު

މަގުމަތީ ބާޒާރުގައި ބަޔަކު ވިޔަފާރި ކުރަނީ: ބާޒާރު ކުރާ ވަރަށް ގިނަ މީހުން އުޅެނީ މާސްކު ނާޅާ އަދި ގައި ދުރުކުރުން ނުބަހައްޓާ -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު


ކޮވިޑު ޖެހޭ މީހުން އިތުރުވެ، މިއަދު 161 މީހަކު ޕޮޒިޓިވްވެއްޖެ

2 ޖަނަވަރީ 2022 - 22:48 1

މި ދުވަސްވަރު ދިވެހިރާއްޖޭގައި ކޮވިޑް-19 ފެތުރޭ މިންވަރު ބޮޑުތަނުން އިތުރުވެ، މިއަދު އެކަނި ވެސް 161 މީހަކު އެ ބައްޔަށް ޕޮޒިޓިވްވި ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އެޗްޕީއޭގެ ފަރާތުން މިރޭ އާންމުކުރި ހިސާބުތަކަށް ބަލާއިރު ކޮވިޑަށް ޕޮޒިޓިވްވީ މާލޭ ސަރަހައްދުން 40 މީހަކާއި މީހުން ދިރިއުޅޭ އެހެން ރަށްތަކުން 41 މީހެކެވެ. އަދި ރިސޯޓުތަކުން 80 މީހުން އެ ބައްޔަށް ޕޮޒިޓިވްވެފައިވާ ކަމަށް ވެސް ހިސާބުތަކުން ދައްކަ އެވެ.

މިއަދު 161 މީހަކަށް ބަލިޖެހިފައި ހުރިކަން އެނގުނީ ޖުމްލަ 3209 މީހުން ޓެސްޓުކޮށްގެން ކަމަށް އެޗްޕީއޭއިން ބުނެ އެވެ. އަދި އޭގެ ތެރެއިން 712 މީހުން ޓެސްޓު ކުރީ ވެރިކަން ކުރާ މާލޭ ސަރަހައްދުން ކަމަށް ވެސް އެ އިދާރާއިން ބުނެ އެވެ.

އެޗްޕީއޭއިން މި ނޫހާ ވާހަކަ ދައްކަމުން ކުރިން ބުނެފައި ވަނީ މަގުމަތީ ބާޒާރުތައް މި ދުވަސްވަރު މާލޭގައި ބާއްވަނީ އެފަދަ ހަރަކާތްތައް ނުބޭއްވުމަށް އިލްތިމާސްކޮށްފައި އޮއްވައި ކަމަށެވެ.

"މިހާރު އަޅުގަނޑުމެން ނެރެފަ އިންނަ އުސޫލުން ނަމަ މަނައެއް ނުވާނެ. އެކަމަކު ނުކުރުމަށް ރިކޮމެންޑްކޮށްފަ އޮންނާނީ،" އެޗްޕީއޭގެ އޮފިޝަލަކު ބުނެފައިވެ އެވެ.

މިދުވަސްވަރު ފެތުރީ ކޮވިޑް-19 ގެ އެންމެ ފަހުގެ ވޭރިއަންޓް، އޮމިކްރޯން އެވެ. އޮމިކްރޯންގެ ގެއްލުން ކުޑަވި ނަމަވެސް އެ ވޭރިއަންޓު ފެތުރޭ މިންވަރު އާދަޔާ ހިލާފަށް ހަލުވި ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ބުނެ އެވެ.

މާލޭގައި އޮމިކްރޯން ފެތުރެމުންދާއިރު މީގެ ދެ ހަފްތާ ކުރިން ދަރުބާރުގޭ ސަރަހައްދުގައި ވަނީ މަގުމަތީ ބާޒާރެއް ބާއްވައިފަ އެވެ. ރަސްފަންނުގައި މިހާރު ވެސް މަގުމަތީ ބާޒާރެއް ކުރިއަށްދެ އެވެ. މަގުމަތީ ބާޒާރުތައް ކުރިއަށްގެންދަނީ، ގައިދުރުކުރުން ބެހެއްޓުމަށާއި މާސް އެޅުމަށް އެޗްޕީއޭއިން ކޮށްފައިވާ އިލްތިމާސްތަކަށް ބެލުމެއް ނެތި އެވެ.

އެގޮތުން ރަސްފަންނުގައި މިހާރު ކުރިއަށްދާ މަގުމަތީ ބާޒާރުގައި ވަރަށް ގިނަ އަދަދެއްގެ ބަޔަކު ގައި ދުރުކުރުމެއް ނެތި އަދި މާސްކު ވެސް ބޭނުންނުކޮށް ހަރަކާތްތެރިވެ އެވެ. ނަމަވެސް މަގުމަތީ ބާޒާރު އިންތިޒާމް ކުރާ މާލޭ ސިޓީ ކައުންސިލުގެ ފަރާތުން ބުނެފައި ވަނީ އެ ހަރަކާތް ބާއްވަނީ ގަވާއިދުތަކާ އެއްގޮތަށް ކަމަށެވެ.