Advertisement

އެމްއެމްޕީއާރްސީގެ ހިޔާނާތް: އާރަށު މައްސަލައިގެ އަޑުއެހުންތައް ފަށައިފި

2 ޖަނަވަރީ 2022 - 14:42 0

ހުސެއިން އަރުބާން ފައްވާޒް

ހުސެއިން އަރުބާން ފައްވާޒް

ކުރީގެ ރައީސް ޔާމީން: އާރަށު މައްސަލައިގެ އަޑުއެހުންތައް މިއަދު ކުރިމިނަލް ކޯޓުގައި ވަނީ ފަށާފައި - ފޮޓޯ: މުހައްމަދު ޝާބިން - އަދަދު


އެމްއެމްޕީއާރްސީގެ ހިޔާނާތް: އާރަށު މައްސަލައިގެ އަޑުއެހުންތައް ފަށައިފި

2 ޖަނަވަރީ 2022 - 14:42 0

ވ. އާރަށް ވިއްކާލައިގެން ލިބުނު ފައިސާ ލޯންޑާކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުގައި މިއަދު ފަށައިފި އެވެ.

އެ ކޯޓުގެ އިސް ގާޒީ އަހްމަދު ޝަކީލް ބައްލަވާ މި މައްސަލާގައި ދައުވާ އުފުލާފައި ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ވ. ފެލިދޫ ހަނދުވަރީގެ ޔޫސުފް ނައީމްގެ މައްޗަށެވެ.

ޔާމީންގެ މައްޗަށް އުފުލާފައި ވަނީ ރިޝްވަތު ގަބޫލުކުރުމާއި، އެ ފައިސާ ލޯންޑާ ކުރިކަމުގެ ދައުވާ އެވެ. ނައީމްގެ މައްޗަށް ކުރަނީ ރިޝްވަތު ދިނުމުގެ ދައުވާ އެވެ.

މި މައްސަލާގައި ކުރިއަށް ދިޔަ ފުރަތަމަ އަޑުއެހުމަށް ރައީސް ޔާމީން ވަޑައިގަތީ ފަސް މީހުން ހިިމެނޭ ވަކީލުންގެ ޓީމަކާއެކު އެވެ. އެމަނިކުފާނުގެ އިސްވަކީލަކަށް މި މައްސަލާގައިވެސް ހުންނެވީ ޑރ. މުހައްމަދު ޖަމީލް އަހްމަދެވެ.

މިއަދުގެ އަޑުއެހުމުގައި ގާޒީ ޝަކީލް މަސައްކަތް ކުރެއްވީ ދައުވާ ރައްދުވާ ދެ މީހުންނަށް ގާނޫނުން ލިބިދޭ ހައްގުތައް ސާފުކޮށްދިނުމަށެވެ. އެގޮތުން ދައުވާ ރައްދުވާ ނައީމް ވަކީލެއް ހަމަ ޖެއްސުމަށް 3-4 މަސް ދުވަހުގެ މުއްދަތަކަށް އެދުމުން ގާޒީ އޭނާއަށް 10 ދުވަހުގެ މުހުލަތެއް ދިނުމަށް ފަހު، މި މައްސަލައިގެ އިބްތިދާއީ އަޑުއެހުންތައް ބާއްވާނެ ދުވަސްތަކުގެ ތާވަލެއް އެކުލަވާލެއްވި އެވެ.

މި މައްސަލައިގެ އަޑުއެހުންތައް ތާވަލްކޮށްފައިވާ ގޮތް

ޖެނުއަރީ 13 ވަނަ ދުވަހުގެ ހެނދުނު 9:30 - ދައުވާ ރައްދުވާ ފަރާތްތަކުގެ ހައްގުތައް ކަށަވަރުކުރުމާއި، ދައުލަތުން އެމީހުންގެ މައްޗަށް އުފުލާފައިވާ ދައުވާތައް ހުށަހެޅުމަށް.

ޖެނުއަރީ 27 ވަނަ ދުވަހުގެ ހެނދުނު 9:30 - ދައުވާތަކަށް ޖަވާބުދާރީވުމަށް

މިއަދުގެ އަޑުއެހުމުގައި ޔާމީންގެ އިސްވަކީލް، ޖަމީލް ވިދާޅުވީ ކޯޓުން ދެ ފަހަރެއްގެ މަތިން މައްސަލައާއި ގުޅޭ ޑޮކިއުމެންޓްތަކެއް އޭނާއަށް ފޯރުކޮށްދީފައިވާ ކަމަށެވެ. އެގޮތުން އެންމެ ފަހުން ލިބުނު ޑޮކިއުމެންޓްތައް އަޑުއެހުން ފެށުމުގެ ގަޑިއިރެއް ކުރިން ލިބިފައިވުމުން، ރަނގަޅަށް ބަލާލާނެ ފުރުސަތެއް ނުލިބޭ ކަމަށް ވިދާޅުވި އެވެ.

މި މައްސަލާގައި ފުލުހުން ތުހުމަތު ކުރަނީ ރިސޯޓެއް ގޮތަށް ތަރައްގީ ކުރުމަށް އާރަށް ބޭރު ބަޔަކަށް ވިއްކައިގެން ލިބުނު އެއް މިލިއަން ޑޮލަރު (15.3 މިލިއަން ރުފިޔާ) ޔާމީންގެ ބޭންކު އެކައުންޓަކަށް ޖަމާކޮށްފައިވާ ކަމަށެވެ.

ގއ. ވޮޑަމުއްލާ މައްސަލައިގައި ޔާމީނަށް ކުރި ފަސް އަހަރުގެ ހުކުމް މިދިޔަ މަހު ސުޕްރީމް ކޯޓުން ބާތިލްކުރި ނަމަވެސް، އާރަށް މައްސަލައާއެކު ކްރިމިނަލް ކޯޓުގައި އެމަނިކުފާނުގެ މައްޗަށް ދައުވާކޮށްފައިވާ ދެ މައްސަލައެއް އެބަ އޮތެވެ. ދެން އޮތީ ފުއްގިރި މައްސަލަ އެވެ.

ފުއްގިރި މައްސަލައިގައި ދައުލަތުން ޔާމީންގެ މައްޗަށް ތުހުމަތުކުރަނީ، ފުއްގިރި، ކްލެސިކް ސިޓީ އައިލެންޑް ހޯލްޑިންގްސްއަށް ކުއްޔަށް ދޫކުރުމުގައި އަހުމަދު ކްރިކް ރިޒާ މެދުވެރިކޮށް 2015 ވަނަ އަހަރު، 1.3 މިލިއަން ޑޮލަރު ރިޝްވަތުގެ ގޮތުގައި އެމަނިކުފާނު ނެންގެވި ކަމަށެވެ. އަދި އެ ފައިސާގެ ތެރެއިން 1.1 މިލިއަން ޑޮލަރު މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް ދެ ކުންފުންޏެއް މެދުވެރިކޮށް ޔާމީންގެ ބޭންކް އެކައުންޓަކަށް ޖަމާކޮށް، ރިޝްވަތު ގަބޫލުކޮށްފައިވާ ކަމަށެވެ.

އެ ދައުވާގައި ދައުލަތުން އެދިފައިވަނީ ފުއްގިރި މައްސަލާގައި ހިޔާނާތްވެފައިވާ ކަމަށް ބުނާ 1،117،000 ޑޮލަރު ޔާމީންގެ އަތުން ހޯދުމަށެވެ. މި މައްސަލާގައި ވެސް ޔާމީންގެ މައްޗަށް އުފުލާފައި ވަނީ މަނީ ލޯންޑަރިން އަދި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާ އެވެ.