Advertisement

ވިމެންސް އިންވިޓޭޝަން ކަޕް: ޑޮޓްކޮމް އިން ކުރެންދޫ ބަލިކޮށްފި

2 ޖަނަވަރީ 2022 - 10:10 0

ކުރެންދޫގެ ކުޅުންތެރިއަކު ކައިރިން ޑޮޓްކޮމްގެ ކެޕްޓަން ނޫރާ ބޯޅަ ހިފައިގެންދަނީ.


ވިމެންސް އިންވިޓޭޝަން ކަޕް: ޑޮޓްކޮމް އިން ކުރެންދޫ ބަލިކޮށްފި

2 ޖަނަވަރީ 2022 - 10:10 0

ނައިފަރުގައި މިހާރު ކުރިއަށްދާ އެފްއޭއެމް ވިމެންސް އިންވިޓޭޝަން ކަޕްގައި އިއްޔެ ކުޅުނު މެޗުގައި ޑޮޓްކޮމް ސްޕޯޓްސް ކްލަބުން 4-1 އިން ލީގު ބުރުގެ އެއް ވަނައިގައި އޮތް ކުރެންދޫ އެފްސީ ބަލިކޮށްފި އެވެ.

އިއްޔެ ހަވީރު ކުޅުނު މެޗާ އެކު ކުރެންދޫ އަށް ލީގު ބުރުގެ ހަތަރު މެޗު ނިމުނީ އެވެ. އެ ޓީމު އެއް ވަނައިގައި އޮތީ ހަތަރު މެޗުން ނުވަ ޕޮއިންޓް ހޯދައިގެންނެވެ. ޑޮޓްކޮމް ދެ ވަނައިގައި އޮތީ ތިން މެޗުން ހަ ޕޮއިންޓް ހޯދައިގެންނެވެ. ތިން ވަަނައިގައި އޮތް އެޕެކްސް އާއި ހަތަރު ވަނައިގައި އޮތް އައިޑިއަލް މޫވްމަންޓަށް ވެސް ވަނީ ތިން ޕޮއިންޓް ލިބިފަ އެވެ. އެންމެ ފުލުގައި އޮތީ ކުޅުނު ތިން މެޗުން ވެސް ބަލިވެފައިވާ، ބަޒޫކާ ސްޕޯޓްސް ކްލަބް އެވެ. އެ ޓީމު ވަނީ ބާކީ މެޗެއް އޮއްވައި މުބާރާތުން ކަޓައިފަ އެވެ.

ލީގު ބުރުގެ އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެއް ފައިނަލަށް ދާ ގޮތަށް އޮތްއިރު، ކުރެންދޫ އަށް ފައިނަލުގެ ޖާގައެއް ލިބޭކަން އެނގޭނީ ބާކީ މެޗުތައް ނިމުމުންނެވެ. ކުރެންދޫއާ އެއްވަރަށް އިތުރު ދެ ޓީމަކަށް ނުވަ ޕޮއިންޓް ހޯދުމުގެ ފުރުސަތު އޮތްއިރު، ފައިނަލުގެ ޖާގަ ލިބޭ ދެ ޓީމެއް ލަނޑުގެ ތަފާތަކުން ކަނޑައަޅަން ޖެހުުމުގެ ފުރުސަތު އެބައޮތެވެ.

ފައިނަލުގެ ޖާގަ އަކަށް ވާދަކުރަނީ ކުރެންދޫގެ އިތުރުން ޑޮޓްކޮމާއި އައިޑިއަލް މޫވްމަންޓް އަދި އެެޕެކްސް އެވެ. ޑޮޓްކޮމް އަށް އެންމެ މެޗެއް ބާކީ އޮތްއިރު، އައިޑިއަލް އާއި އެޕެކްސް އަށް ދެ މެޗު އެބައޮތެވެ.

ނައިފަރު ޓާފް ދަނޑުގައި އިއްޔެ ހަވީރު ކުޅުނު މެޗުގައި ލީޑުނެގީ ކުރެންދޫ އިންނެވެ. މި ގޯލު އެ ޓީމަށް ޖަހައިދިނީ 17 ވަނަ މިނިޓްގައި ފާތިމަތު ޝުއާއު އެވެ. ފަހަތުން އަރައި ހަތަރު ގޯލު ޖަހައިގެން ޑޮޓްކޮމް މޮޅުވިއިރު، ޑޮޓްކޮމްގެ ކުރިއަށް ކުޅޭ ޝަހުލާ ތައުފީގު ވަނީ ދެ ގޯލު ޖަހައިފަ އެވެ. އަނެއް ދެ ލަނޑު ޖެހީ ޝަރީފާ މުހައްމަދާއި ޓީމުގެ ކެޕްޓަން މަރިޔަމް ނޫރާ އެވެ.

މުބާރާތުގައި މިއަދު ހަވީރު ކުޅޭ މެޗުގައި ބައްދަލުކުރާނީ އެޕެކްސް އާއި އައިޑިއަލް މޫވްމަންޓް އެވެ.