31 ޑިސެންބަރު 2021 - 17:47 0
އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް: ފެރީ ޓާމިނަލްތައް އެޅުމަށް 50 މިލިއަން ރުފިޔާ ހަރަދުވޭ. -- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
31 ޑިސެންބަރު 2021 - 17:47 0
ރާއްޖޭގެ އުތުރުގެ 41 ރަށެއްގައި ފެރީ ޓާމިނަލް އެޅުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި 2023 ގެ ނިޔަލަށް ކޮންމެ ރަށެއްގައި ފެރީ ޓާމިނަލެއް ހުންނާނެ ކަމަށް އެމްޓީސީސީގެ ޗީފް އެގްޒެކެޓިވް އޮފިސަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.
އިންޓެގްރޭޓަޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވާކަކުން ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމު ގުޅާލުމަށް މި ސަރުކާރުން ފަށާފައިވާ ބިޔަ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގައި ހައި ސްޕީޑް ފެރީގެ ހިދުމަތް ދޭން ފަށާނީ ހއ، ހދ، އަދި ށ. އަތޮޅަށެވެ.
އެ އަތޮޅުތަކާއި ރަށްތައް ދަތުރުފަތުރުން ގުޅުވާލަން އެމްޓީސީސީއާ ހަވާލުކޮށްފައި ވާއިރު، އެ ކުންފުނިން ގަލްފް ކްރާފްޓާ ހަވާލުކޮށްގެން ލޯންޗުފަހަރު ބަނުމުގެ މަސައްކަތް ފަށައި، ފެރީ ޓާމިނަލްތައް ހެދުމުގެ މަސައްކަތް ކުންފުނިން އަމިއްލަ އަށް ދަނީ ކުރަމުންނެވެ.
ރައީސް ވިދާޅުވަނީ އަންހެނުންނާއި ކުޑަކުދިންނާއި މާބަނޑު މީހުންނާ އުމުރުން ދުވަސްވީ މީހުން އަދި ޖުމުލަކޮށް އެންމެން ފެރީގެ އިންތިޒާރުގައި ވެހޭހާ ވާރައެއްގައި، ދޭހާ އައްވެއްގައި ތިބޭ ތިބުން ހައްލުކުރަންޖެހެއޭ. އެކަން އެމްޓީސީސީން ކޮށްދޭނެ 2023 ނިމުމުގެ ކުރިން،" އާޒިމް ވިދާޅުވި އެވެ.
ފެރީ ޓާމިނަލް ނުވަތަ އެމްޓީސީސީން ދީފައިވާ ނަމުން ނަމަ "ދަތުރު ހިޔާ" އަޅަނީ އެ ރަށެއްގެ ސައިޒާއި ދަތުރުކުރާ މީހުންގެ ނިސްބަތަށް ބަލައިގެނެެވެ. މިހާރު ވެސް ހޯރަފުށި، ހަނިމާދޫ، ދިއްދޫ، އިހަވަންދޫގައި ޓާމިނަލް އެޅުމުގެ މަސައްކަތް ކުރިއަށް ދާއިރު، 25 ރަށެއްގައި "ފެރީ ސްޓޮޕް" ހެދުމަށް ބޭނުންވާ ސްޓަރަކްޗަ ކުޅުދުއްފުށީގައި ތައްޔާރުކުރުން ކުރިއަށްދާ ކަމަށް އާޒިމް ވިދާޅުވި އެވެ.
"ފުރަތަމަ ފޭސްގެ 41 ރަށުގެ ދަތުރު ހިޔާ އަންނަ ޖޫން މަހުގައި ނިމެނޭ،" އޭނާ ވިދާޅުވި އެވެ.
"މިއީ ވަރަށް ބުރަ މަސައްކަތެއް، ނަމަވެސް ރައީސް ބޭނުންފުޅުވާ ގޮތަށް ރައްޔިތުން ތިބި ހާލަތުން ރަނގަޅު ހާލަތަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރާނަން."
އާޒިމް ވިދާޅުވީ އުތުރުގެ ތިން އަތޮޅުގެ ލޯންޗް ދަތުރުތައް 2022 ގެ އޭޕްރީލްގެ ތެރޭގައި ފެށޭވަރުވާނެ ކަމަށެވެ.
ހައި ސްޕީޑު ފެރީގެ ފުރަތަމަ ފިޔަވައްސަށް 157 މިލިއަން ރުފިޔާ ހަރަދުވާއިރު، އޭގެ ތެރެއިން 107 މިލިއަން ރުފިޔާ ހަރަދު ކުރަނީ ހައި ސްޕީޑް 17 ފެރީ ބަނުމަށެވެ. ބާކީ ފައިސާއަކީ ރަށްރަށުގައި ފެރީ ޓާމިނަލް ގާއިމުކުރުމަށެވެ. އެއީ 50 މިލިއަން ރުފިޔާ އެވެ.
Comment