Advertisement

ކުވެއިތުގައި ދެ އަހަރު ތެރޭ ހަތަރު ވަނަ ސަރުކާރެއް

30 ޑިސެންބަރު 2021 - 11:39 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ކުވެއިތުގެ ބޮޑު ވަޒީރު ޝެއިހް ސަބާހް އަލް ހާލިދް އަލް ސަބާހް. -- ފޮޓޯ: ގަލްފް ޓައިމްސް


ކުވެއިތުގައި ދެ އަހަރު ތެރޭ ހަތަރު ވަނަ ސަރުކާރެއް

30 ޑިސެންބަރު 2021 - 11:39 0

ކުވެއިތު ސިޓީ، ކުވެއިތު (ޑިސެމްބަރު 30) - ކުވެއިތުގައި ފާއިތުވި ދެ އަހަރު ތެރޭގައި ހަތަރު ވަނަ ސަރުކާރެއް ވެރިކަމުގެ މަސްއޫލިއްޔަތާ ހަވާލުވެއްޖެ އެވެ.

ބުދަ ދުވަހު އާ ސަރުކާރުން މަސްއޫލިއްޔަތާ ހަވާލުވީ، އޭގެ ކުރިން އޮތް ސަރުކާރަށް ސިޔާސީ ޕްރެޝަރު ކުރިމަތިވެ މިދިޔަ ނޮވެމްބަރު މަހު އިސްތިއުފާ ދިނުމުންނެވެ.

ކުވެއިތުގެ އިންތިހާބީ ޕާލިމެންޓު މެމްބަރުންނާއި ސަރުކާރުގައި ހިމެނޭ ވެރިކަން ކުރާ އަލް ސަބާހް އާއިލާގެ މެމްބަރުންނާ ދެމެދު ކޯޅުންތައް ކުރިއަށްދާތާ 10 އަހަރު ވެއްޖެ އެވެ.

އެ ސިޔާސީ ކޯޅުމުގެ ސަބަބުން ޕާލިމެންޓުތަކާއި ކެބިނެޓުތައް ވަރަށް ގިނައިން އުވާލާފައި ވެ އެވެ. އިސްލާހީ ބަދަލުތަކެއްގެ މައްސަލައިގައި ޕާލިމެންޓާ ހިޔާލު ތަފާތުވެ، އެންމެ ފަހުން އޮތް ސަރުކާރު އިސްތިއުފާ ދިނީ ނޮވެމްބަރު މަހު އެވެ.

ދައުލަތުގެ ނިއުސް އެޖެންސީ ކޭޔޫއެންއޭ އިން ބުނީ އާ ކެބިނެޓުން މަގާމުގެ ހުވާކުރީ ވަލީއަހުދުގެ ކުރިފުޅުމަތީގައި ކަމަށެވެ.

މިއީ ޑިސެމްބަރު 2019 ވަނަ އަހަރު ބޮޑު ވަޒީރު ކަމަށް އައްޔަނު ކުރި ސަބާހް އަލް ހާލިދް އަލް ސަބާހް އުފެއްދެވި ހަތަރު ވަނަ ސަރުކާރެވެ.

ކުވެއިތަކީ ގަލްފު އަރަބި ގައުމުތަކުގެ ތެރެއިން ޕާލިމެންޓުގެ ހުރިހާ މެމްބަރުން ރައްޔިތުންގެ ވޯޓުން އިންތިހާބު ކުރާ ހަމައެކަނި ގައުމެވެ. ޕާލިމެންޓަށް ގިނަ ބާރުތަކެއް ލިބިފައި ވާއިރު، މިނިސްޓަރުން މަގާމުން ވަކިކުރުމުގެ ބާރު ވެސް ލިބިފައި ވެ އެވެ.

އާ ސަރުކާރެއް އުފައްދާފައި ވާއިރު، ތެލާ ބެހޭ މިނިސްޓްރީ އާއި ފޮރިން މިނިސްޓްރީގެ ވަޒީރުންގެ ގޮތުގައި ހަމަޖެއްސީ އެންމެ ފަހުން އޮތް ސަރުކާރުގައި ވެސް އެ މަގާމުގައި ތިއްބެވި ބޭފުޅުންނެވެ.

ނަމަވެސް އާ ސަރުކާރުގެ ފިނޭންސް މިނިސްޓަރުގެ މަގާމަށް ހަމަޖެއްސި އަބްދުލް ވައްހާބް އަލް ރުޝައިދަކީ ދެމެހެއްޓެނިވި އިގްތިސާދެއް ގެންނަން ގޮވާލައި އެންމެ ފަހުން އޮތް ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވި ބޭފުޅެކެވެ.

ގަލްފުގެ އެހެން ގައުމުތައް ފަދައިން ކުވެއިތުގެ އިގްތިސާދާއި މާލީ ހާލަތަށް ވަނީ ކޮވިޑް ބަލިމަޑުކަމާޢި ތެލުގެ އަގަށް އަންނަ ބަދަލުގެ އަސަރު ވަރަށް ބޮޑަށް ކޮށްފަ އެވެ.

މިދިޔަ އަހަރު އޮތް އިންތިހާބުގައި ޕާލިމެންޓުގެ 50 ގޮނޑީގެ ދެބައިކޮށްފައި އެއްބައި ލިބުނީ އިދިކޮޅު ޕާޓީ އާއި އެ ޕާޓީ އަށް ތާއީދު ކުރާ ފަރާތްތަކަށެވެ.

އެ އިންތިހާބަކީ އަމީރު ޝެއިހް ސަބާހް އުމުރުފުޅުން 91 އަހަރުގައި އަވަހާރަވުމާ އެކު އާ އަމީރު ޝެއިހް ނަވާފް ރަސްކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ބޭއްވި ފުރަތަމަ އިންތިހާބެވެ.

ފަހަކަށް އައިސް ކުވެއިތުގެ އެކި ކަންކަމަށް އިސްލާހީ ބަދަލު ގެންނަން އަންނަނީ ގޮވާލަމުންނެވެ. އެ ގައުމުގެ އާބާދީގައި 4.8 މިލިއަން މީހުން ހިމެނޭ އިރު، އޭގެ 70 ޕަސެންޓަކީ ބިދޭސީންނެވެ.