Advertisement

ފެހި ކުރުމުގެ ބޮޑު ޕްރޮޖެކްޓެއްގައި މާލޭގައި 100,000 ގަސް އިންދަނީ

29 ޑިސެންބަރު 2021 - 18:07 1

ފާތިމަތު އަޖްފާން

ފާތިމަތު އަޖްފާން

މާލެ ގެންނަ ގަސްތައް ބެހެއްޓުމަށް، އަލިމަސް ކާނިވަލުގައި ނާސަރީއެއް ހެދުމުގެ މަސައްކަތް ކުރިއަށް ދަނީ: ގަސްތައް ގެންނަނީ އަތޮޅުތަކުގެ ބައެއް ރައްތަކުންނާއި ބޭރުން ކަމަށް ކައުންސިލުން ބުނޭ-- ފޮޓޯ: މާލޭ ސިޓީ ކައުންސިލް


ފެހި ކުރުމުގެ ބޮޑު ޕްރޮޖެކްޓެއްގައި މާލޭގައި 100,000 ގަސް އިންދަނީ

29 ޑިސެންބަރު 2021 - 18:07 1

މާލޭގެ މަގުތަކާއި ޕާކުތަކުގައި 100،000 ގަސް އިންދުމުގެ ޕްރޮގްރާމެއް ފަށަން މާލޭ ސިޓީ ކައުންސިލުން ނިންމައިފި އެވެ.

އެ ޕްރޮގްރާމް ކުރިއަށް ގެންދަން ނިންމާފައި ވަނީ އަންނަ ހޮނިހިރު ދުވަހު މާލެ އާއި ވިލިމާލޭގެ މަގުތަކުގަ އެވެ. މާލެ ފެހިކުރުމަށް އެ ނިންމުން ނިންމާފައި ވަނީ މާލެ ސިޓީ ކައުންސިލްގެ ހަތަރުވަނަ ދައުރުގެ 32 ވަނަ ރަސްމީ ޖަލްސާގައި މިއަދެވެ.

އެ ޕްރޮގްރާމްގެ ދަށުން އެންމެ ފުރަތަމަ އިންދާ 150 ގަސް އަންނަ ހޮނިހިރު ދުވަހު އިންދަން ނިންމާފައި ވަނީ މަޖީދީމަގު ހިމެނޭހެން މާލޭގެ ބައެއް ބޮޑެތި މަގުތަކުގަ އެވެ. އިންދާނެ އެ ގަސްތަކުގެ ތެރެއިން 65 ޕަސެންޓް ގަހަކީ އަނބުގަހެވެ. އަދި ބާކީ 33 ޕަސެންޓްގެ ތެރޭގައި ހިމެނެނީ ސައްކެޔޮގަހާއި ހިތިގަހާއި ދަނބުގަސް ފަދަ ގަސްތަކެވެ.

އެ ޕްރޮގްރާމުގެ ދަށުން މަގުތަކާއި ޕާކުތަކުގައި މުޅި އަހަރަށް ބަލާއިގެން އެކި ދުވަސްތަކުގެ މަތިން ގަސްތައް އިންދާނެ އެވެ. އަދި މިހާރު މާލޭގައި އިންދާފައި ހުރި ގަސްތަކުގެ ތެރެއިން ނުހެދި ނުވަތަ މަރުވެފައި ހުރި ގަސްތައް ނެގުމަށް ފަހު އެ ތަންތަނުގައި ވެސް އާ ގަސްތައް އިންދާނެ އެވެ.

އެއް ލައްކަ ގަސް އިންދުމުގެ ޕްރޮގްރާމު ފެށުމަށްޓަކައި ސިޓީ ކައުންސިލުން އެކަމަށް ބޭނުންވާ ގަސްތައް ގެނެސްފައިވަނީ އަތޮޅު ތެރޭގެ ބައެއް ރަށްތަކުގެ އިތުރުން ރާއްޖެއިން ބޭރުންނެވެ.

މި ގަސްތައް ބެހެއްޓުމަށްޓަކައި ކާނިވާ ސަރަހައްދުގައި ހާއްސަ ނާސަރީއެއް ހެދުމުގެ މަސައްކަތް ވެސް ސިޓީ ކައުންސިލުން ދަނީ ކުރަމުންނެެވެ.