28 ޑިސެންބަރު 2021 - 09:33 0
ފާތިމަތު އަޖްފާން
ކ. މާފުށި ފަޅުގައި ޕިކްނިކް އައިލެންޑެއް ތަރައްގީކުރުމުގެ މަސައްކަތް ކުރިއަށްދަނީ: އެ ޕިކްނިކް އައިލެންޑަކީ 10.8 މިލިއަން ރުފިޔާގެ މަޝްރޫއެއް--- ފޮޓޯ: އެމްޓީސީސީ
28 ޑިސެންބަރު 2021 - 09:33 0
ކ. އަތޮޅު މާފުށީ ފަޅުގައި ތަރައްގީ ކުރާ ޕިކްނިކް އައިލެންޑް އެ ރަށު ކައުންސިލާ ހަވާލު ކުރުމަށް ބާއްވާ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މިއަދު މާފުއްޓަށް ވަޑައިގަންނަވާނެ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.
މާފުށީގައި ތަރައްގީ ކުރާ ޕިކްނިކް އައިލެންޑަކީ 10.8 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. އެ ރަށުގައި ބޮޑުމިނުގައި ދެ ހެކްޓަރު ހުރެ އެވެ.
ރައީސް އޮފީހުން ބުނީ އެއް ދުވަހަށް ރައީސް ކުރައްވާ އެ ދަތުރުގައި ޕިކްނިކް އައިލެންޑް އެ ރަށުގެ ކައުންސިލާ ރަސްމީކޮށް ހަވާލުކޮށްދެއްވާނެ ކަމަށެވެ.
ރައީސް ސޯލިހު މާފުއްޓަށް ކުރައްވާ އެ ދަތުރުފުޅުގައި އެރަށު ކައުންސިލާއި އަންހެންުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލުކުރައްވައި، ރަށުގެ މުހިންމު ތަންތަނަށް ރައީސް ޒިޔާރަތް ކުރެއްވުމަށް އޮތީ ހަމަޖެހިފަ އެވެ.
މާފުށީ ޕިކްނިކް އައިލެންޑް ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ސަރުކާރުން ހަވާލު ކުރީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ) އާ އެވެ.
އެ ކުންފުނިން ޕިކްނިކް އައިލެންޑް ތަރައްގީ ކުރާ އިތުރު ރަށްތަކަކީ ކ. ކުޑަގިރި އާއި ކ. ގުރައިދޫ ފަޅުގައި ބިން ހިއްކައިގެން ތަރައްގީ ކުރާ ރަށެވެ.
އެ މަޝްރޫއުގެ ދަށުން ތަރައްގީ ކުރާ ތިން ޕިކްނިކް އައިލެންޑުގައި އާއިލީ ކޮޓަރިތަކާއި ފާހާނާ އާއި ޗޭންޖިން ރޫމާއި ނާސިމް ރޫމާއި ލޮކާ ރޫމާއި އިވެންޓްސް ސްޕޭސް އަދި ނަމާދުކުރާ ކޮޓަރި ހުންނާނެ އެވެ.
އޭގެ އިތުރުން، ކުޑަކުދިން ކުޅޭ ސަރަހައްދަކާއި ބީޗް ކުޅިވަރުތައް ކުޅޭ ސަރަހައްދެއްގެ އިތުރުން ބާބަކިއު ސަރަހައްދު ވެސް ތަރައްގީ ކުރާނެ އެވެ. އަދި ރަށްރަށް ފަރުމާކޮށްފައިވަނީ ތަފާތު ގިނަ ކުޅިވަރުތައް ކުޅެވޭނެ ޖާގައާއެކު އެވެ.
މާލޭގައި ދިރިއުޅޭ މީހުން ދަތުރު ދިއުމަށް އެންމެ ކުރީއްސުރެ ބޭނުން ކުރަމުން އައިސްފައި ވަނީ ކުޑަ ބަނޑޮހެވެ. ނަމަވެސް ރިސޯޓެއް ހެދުމަށް އެރަށް 2013 ގައި ބަންދުކުރި އެވެ.
މާލެ ސަރަހައްދުގައި ދިރިއުޅޭ މީހުން ދަތުރުދާނެ ރަށެއް ކަނޑައެޅުމަކީ މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދެކެވެ. މި ވައުދު ފުއްދުމަށްޓަކައި 2019 ވަނަ އަހަރުގެ އޭޕްރީލް މަހު ސަރުކާރުން ވަނީ އެ މަޝްރޫއު އިފްތިތާހްކޮށްފަ އެވެ. ސަރުކާރުން އޭރު ނިންމީ ކ. އެނބޫދޫފަޅުން ރަށެއް އެކަމަށް ހާއްސަކޮށް ކުރާށެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment