27 ޑިސެންބަރު 2021 - 11:31 0
ހުސެއިން އަރުބާން ފައްވާޒް
ޝެއިހް ހާސީނާ: ފަސްދުވަހުގެ ފުރަމާނަ ދަތުރުފުޅު ނިންމަވާލުމަށްފަހު، އެނބުރި ގައުމަށް ވަޑައިގަންނަވަނީ -- ފޮޓޯ: އަދަދު / އިބްރާހިމް ޝާބިން
27 ޑިސެންބަރު 2021 - 11:31 0
ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝެއިހު ހަސީނާ ދިވެހިރާއްޖެއަށް ކުރެއްވި ފަސް ދުވަހުގެ ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު އެނބުރި ގައުމަށް ފުރާވަޑައިގަންނަވާނެ އެވެ.
ބޮޑުވަޒީރު ޝެއިހް ހަސީނާ އާއި އެކަމަނާގެ ވަފުދުގެ ބޭފުޅުން ފުރާވަޑައިގަތުމަށް ހަމަޖެހިފައިވަނީ ބަންގްލަދޭޝްގެ ރަސްމީ އެއާލައިން، ބިމާން އެއާލައިންގެ ބޯޓެއްގައި މިއަދު މެންދުރު 1:00 ޖަހާއިރެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ދައުވަތަށް ރާއްޖެ ވަޑައިގެންނެވި ޝެއިހު ހަސީނާގެ ދަތުރުފުޅުގެ ރަސްމީ ހަރަކާތްތައް އޮތީ މިދިޔަ ހަފްތާގެ ބުދަ ދުވަހާއި ބުރާސްފަތި ދުވަހު އެވެ.
މި ދަތުރުފުޅުގައި ޝެއިހް ހަސީނާ އާއި އެކަމަނާގެ ކެބިނެޓްގެ ވަޒީރުން ވަނީ ރައީސް ސޯލިހްގެ ކެބިނެޓާ ބައްދަލުކުރައްވައިފަ އެވެ. އަދި ދައުލަތުގެ އިސްވެރިންނާއިވެސް ވަކިވަކިން ބައްދަލުކުރެއްވި އެވެ.
މި ދަތުރުފުޅުގައި ދެ ގައުމުގެ ރަހުމަތްތެރިކަމުގެ ރަމްޒެއްގެ ގޮތުން ރާއްޖެއަށް 13 އަސްކަރީ ވެހިކަލް ބަންގްލަދޭޝްގެ ސަރުކާރުން ހަދިޔާ ކުރި އެވެ. އަދި ދެ ގައުމުގެ ގުޅުން އިތުރަށް ވަރުގަދަ ކުރުމަށް ހަތަރު އެމްއޯޔޫއެއްގައި ސޮއި ކުރި އެވެ.
ހަސީނާގެ ދަތުރުފުޅުގައި، ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބަންގްލަދޭޝް މީހުންގެ މައްސަލަ ހައްލު ކުރުމަށާއި ދެ ގައުމުގެ ދެމެދުގައި ވިޔަފާރީގެ ގުޅުން ބަދަހި ކުރުމަށް ވެސް މަޝްވަރާ ކުރެއްވި އެވެ. އެގޮތުން ވައިގެ މަގުންނާއި ކަނޑުމަގުން ރާއްޖެއާ ބަންގްލަދޭޝްއާ ގުޅާލުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް އެކަމަނާ ވިދާޅުވި އެވެ.
މި ދަތުރުފުޅުގައި އެކަމަނާ ވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ހަވީރު ރައްޔިތުންގެ މަޖިލީހުގައި ވެސް ތަގުރީރު ކުރައްވައިފަ އެވެ. އެކަމަނާގެ ވާހަކަފުޅުގައި އާއިލާގެ 18 މެމްބަރުން އަވަހާރަކޮށްލި ހިތްދަތި ހާދިސާ އާއި ބޮޑުވަޒީރު ކަމަށް ނިކުންނަން މަޖުބޫރުވެލެއްވި ގޮތަށް ކިޔައިދެއްވި އެވެ.
ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝެއިހު ހަސީނާ ރާއްޖެ ވަޑައިގަތުމަށް ރައީސް ސޯލިހު ދައުވަތު ދެއްވީ ބަންގްލަދޭޝްގެ އުފެއްދެވުމުގެ ބާނީ، ޝެއިހް މުޖީބުއްރަހްމާން އުފަންވެވަޑައިގަތްތާ 100 އަހަރު ފުރުން ފާހަގަކުރުމަށް އެ ގައުމުގައި މިދިޔަ މާޗް މަހު ބޭއްވި ހަފްލާގައި ބައިވެރިވެވަޑައިގަތުމަށް އެގައުމަށް ރަީސް ކުރެއްވި ދަތުރުފުޅެއްގެ ތެރެއިންނެވެ.
Comment