Advertisement

އަނަސްގެ މަރު: ދައުވާ ލިބޭ ޖުނައިހުގެ ބޭސްފަރުވާ ހަމަޖެއްސުމަށް ދައުލަތަށް އިންޒާރެއް

26 ޑިސެންބަރު 2021 - 12:06 0

ހުސެއިން އަރުބާން ފައްވާޒް

ހުސެއިން އަރުބާން ފައްވާޒް

އަނަސް މަރާލުމުގައި ބައިވެރިވި ކަމަށް ތުހުމަތުވާ ޖުނައިހް މިއަދުގެ އަޑުއެހުމުގައި: އޭނާގެ ލޮލުގެ ފެނުން ގެއްލިދާނެ ކަމުގެ ބިރު ވަނީ ހީވެފައި -- ފޮޓޯ: އަދަދު


އަނަސްގެ މަރު: ދައުވާ ލިބޭ ޖުނައިހުގެ ބޭސްފަރުވާ ހަމަޖެއްސުމަށް ދައުލަތަށް އިންޒާރެއް

26 ޑިސެންބަރު 2021 - 12:06 0

މީގެ ހަތަރު އަހަރު ކުރިން މާލޭގައި ހުންނަ ލިޓަސް ސާވިސް ސެންޓަރު ތެރޭގައި ގްރޫޕަކުން ވަޅިން ހަމަލާދި މުހައްމަދު އަނަސް މަރައިލިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ހުރި ލ. ގަން، ޖުނައިހު އަބްދުﷲ އަށް ބޭސްފަރުވާ ކުރުމުގެ ފުރުސަތު ފަހިކޮށްނުދީފި ނަމަ އޭނާ ބަންދުން ދޫކޮށްލާނެކަމުގެ އިންޒާރު ކޯޓުން މިއަދު ދީފި އެވެ.

ޖުނައިހުގެ ލޮލަށް ދިމާވެފައިވާ މައްސަލައެއްގެ ސަބަބުން އޭނާ ރާއްޖެއިން ބޭރަށް ގޮސް ފަރުވާ ކުރަންޖެހޭ ކަމަށް ޑޮކްޓަރުން ވަނީ ބުނެފަ އެވެ. ނަމަވެސް މެޑިކަލް ބޯޑުގެ ކޯރަމް ހަމަނުވާތީ އޭނާ ފުރުމުގެ ހުއްދަ އޮތީ ނުލިބި އެވެ.

އެކަމާ ގުޅިގެން މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް މިއަދު ވިދާޅުވީ ޖުނައިހުގެ ބޭސްފަރުވާއަށް ގޮތެއް ނިންމުމަށް ދައުލަތަށް ދެއްވާނީ އެއް ހަފްތާގެ މުއްދަތެއް ކަމަށެވެ. އަދި އެ މުއްދަތުގެ ތެރޭގައި ދައުލަތުން ގޮތެއް ނުނިންމައިފި ނަމަ ޖުނައިހު ބަންދުން ދޫކޮށްލަން އަމުރުކޮށް، އޭނާ ރާއްޖެއިން ބޭރަށް ދިޔުމުގެ ހުއްދަ ވެސް ދެއްވާނެ ކަމަށް ގާޒީ ވިދާޅުވި އެވެ.

އެ މައްސަލައިގައި ޖުނައިހުގެ ދިފާއީ ވަކީލު ޝަޒީމް ވަހީދު ވިދާޅުވީ އޭނާގެ މުވައްކިލުގެ ހިއްސެއް ގެއްލިގެން ދާއިރު، މެޑިކަލް ބޯޑުގެ ކޯރަމް ހަމަނުވެގެން، ބޭސްފަރުވާއަށް ނުފުރި އޮތުން ބަލައިނުގަނެވޭނެ ކަމަށެވެ. އަދި އެދިވަޑައިގަތީ، ކޮވިޑް-19 ގެ އާ ވޭރިއަންޓް ފެތުރި ގައުމުތަކުގެ ބޯޑަރުތައް އަނެއްކާ ވެސް ބަންދު ކުރުމުގެ ކުރިން ޖުނައިހު ދޫކޮށްލުމަށެވެ.

މީގެ ހަތަރު އަހަރު ކުރިން 2017 ވަނަ އަހަރު ހިނގި މި ހާދިސާއާ ގުޅިގެން ދައުލަތުން ދައުވާ ކުރީ ހަތް މީހެއްގެ އިތުރުން ކުޑަކުއްޖެއްގެ މައްޗަށެވެ.

މާސްކު އަޅައިގެން ތިބި ގްރޫޕަކުން އަނަސް ފަހާ ދުވެ، އޭނާ ލިޓަސް ސާވިސް ސެންޓަރަށް ވަނުމާއެކު، ހަށިގަނޑުގެ އެކި ތަންތަނަށް ވަޅި ޖަހާތަނުގެ ވީޑިއޯއެއް އާންމުވެފައިވާއިރު، ޖުނައިހުގެ މައްޗަށް އުފުލާފައި ވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި އަނަސް މެރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އެވެ.

މިއަދު ކުރިއަށް ދިޔަ ބަންދު މުރާޖާގެ އަޑުއެހުމަށް އެދުނީ ދައުވާ ރައްދުވާ ޖުނައިހުގެ ފަރާތުން އެވެ. އެއީ މި މައްސަލާގައި ދައުވާ ރައްދުވާ އެއްވެސް މީހެއްގެ ބަންދު މުރާޖާ ކުރަން ދައުލަތުން އިސްވެ ނޭދެން ނިންމާފައި ވުމުންނެވެ.

މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެ ކަމަށް ކަނޑައަޅާފައިވާ މި މައްސަލާގައި ދެން އޮންނާނީ ދިފާއީ ހެކިތައް ހުށަހެޅުމެވެ.

އެ މައްސަލައިގައި އަނަސްއަށް ހަމަލާދިނުމުގައި އަމަލީގޮތުން ބައިވެރިވިކަމުގެ ދައުވާ ކޮށްފައިވާ ތިން މީހުންނަކީ ޅ. ކުރެންދޫ، އަސުރުމާގޭ، އަހްމަދު ޒަޔާނާއި މ. ދިމިޝްގުގޭ، އުސްމާން ޝަރީފް އަދި މ. ލޮނުމިދިލިގޭ، އަފްރާހު އަބްދުއްރައްޒާގުގެ މައްޗަށެވެ.

ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާ އުފުލާފައިވާ ހަތަރު މީހުންނަކީ ޖުނައިހުގެ އިތުރުން ސ. ފޭދޫ، ވެސްޓަންވިލާ، ހަސަން މަހްފޫޒާއި ތ. ކިނބިދޫ، ގުލްފާމުގޭ، މުހައްމަދު ޝާޒާއި ދަފްތަރު ނަންބަރު 1746، ސިމާހް މޫސާ އެވެ.