26 ޑިސެންބަރު 2021 - 09:07 0
ހަސަން މުހައްމަދު
ސުނާމީގެ ރާޅުތަކެއް މާލެއަށް ބިންދާލަނީ: ރާއްޖޭގެ 13 ރަށަކުން މީހުން މަރުވި -- ފޮޓޯ: އެންޑީއެމްއޭ
26 ޑިސެންބަރު 2021 - 09:07 0
މިއަދަކީ ދިވެހިރާއްޖޭގެ ވަރަށް ބޮޑު ބަޔަކަށް ސުނާމީއެއް އަރައި، ބައެއް ރަށްތައް އެކީ ސުންނާފަތިކޮށްލައި، 108 މީހުން މަރުވި ހާދިސާއަށް 17 އަހަރު ފުރޭ ދުވަހެވެ.
އިންޑޮނީޝިއާގެ ސުމަޓްރާއަށް އައި ވަރުގަދަ ބިންހެލުމާއެކު އުފެދުނު ސުނާމީގައި ރާއްޖެއިން 82 މީހުން މަރުވުމުގެ އިތުރުން 26 މީހަކު ވަނީ ގެއްލިފަ އެވެ. އެހެންކަމުން ސުނާމީގައި ގެއްލުނު ފުރާނައިގެ އަދަދު 108 އަރަ އެވެ.
އެ ސުނާމީގައި ޖުމްލަ 230،000 އަށްވުރެ ގިނަ މީހުން އެކި ގައުމުތަކުން މަރުވި އެވެ. އެންމެ ގިނައިން މަރުވީ ސުނާމީ އެންމެ ފުރަތަމަ އެރި އިންޑޮނީޝިއާގެ ބަންޑާ އަޗޭއިންނެވެ. އެ ރަށުން 100،000 އަށް ވުރެ ގިނަ މީހުން މަރުވި އެވެ. އަދި ސްރީ ލަންކާއިން 35،000 މީހުން މަރުވި އެވެ.
ސުނާމީއާއެކު ރަށެއް ފެނު އަޑީގައި: ލިބުނު ގެއްލުން 470 މިލިއަން ޑޮލަރަށް އެރި -- ފޮޓޯ: އެންޑީއެމްއޭ
ދިވެހިރާއްޖެއަށް ސުނާމީގެ އަސަރު 15 މިނެޓު ވަންދެން ކުރި އެވެ. އެކަމަކު އޭގެ އަސަރު އެއްވެސް ވަރަކަށް ނުކުރީ އެންމެ ނުވަ ރަށަކަށެވެ. ރާއްޖޭގެ ރަށްތަކުގެ ތެރެއިން 10 ޕަސެންޓު ރަށްތައް ދިރިނޫޅެވޭނެ މިންވަރަށް ހަލާކުވި އެވެ. ރިސޯޓު ހިމެނޭ ގޮތަށް ރާއްޖޭގެ 31 ރަށަކުން މީހުން މަރުވި އެވެ. އެންމެ ގިނައިން މީހުން މަރުވީ ވިލުފުށިންނެވެ. އަދި 1300 މީހުންނަށް އެކިވަރުގެ އަނިޔާވި އެވެ.
ސުނާމީ އެރުމުން މާފުއްޓަށް ލިބުނު ގެއްލުން: ރާއްޖޭގެ 15 ޕަސެންޓު ރަށް ފެނަށް ޖެހުން -- ފޮޓޯ: އެންޑީއެމްއޭ
ދިވެހިރާއްޖެއަށް ސުނާމީ އެރުމުގެ ސަބަބުން 14 ރަށަކުން މީހުން ބޭލި އެވެ. ގާތްގަނޑަކަށް 12،000 މީހުންގެ ގެދޮރު ގެއްލުނެވެ. ރާއްޖޭގެ މީހުން ދިރިއުޅޭ 15 ޕަސެންޓު ރަށުން ފެނަށް ޖެހުނެވެ. އަދި 25 ޕަސެންޓު ރަށްތަކުގެ އިންފްރާސްޓްރަކްޗާއަށް ވަރަށް ބޮޑެތި ގެއްލުންތައްވި އެވެ.
ސުނާމީގެ އަސަރު ވަރަށް ބޮޑަށް ކުރި ރަށްތަކުގެ ތެރޭގައި ރ. ކަނދޮޅުދޫ އާއި ތ. ވިލުފުށި ހިމެނެ އެވެ. ކަނދޮޅުދުއަކީ އެ ދުވަހުން ފެށިގެން ފަޅު ރަށެކެވެ. އެ ރަށު މީހުން މިހާރު ވަޒަންވެރިވެގެން އުޅެނީ ދުވާފަރުގަ އެވެ. އޭގެ އިތުރުން ވ. އަތޮޅުގެ ބައެއް ރަށްތަކަށް ވެސް ވަރަށް ބޮޑަށް ސުނާމީ އެރި އެވެ. ވެރި ރަށް މާލެއަށް ވެސް ފުދޭވަރަކަށް އޭގެ އަސަރު ކުރި އެވެ.
ސުނާމީ އެރިތާ ކުޑަވަގުތުކޮޅެއްގެ ތެރޭގައި އެެއިރުގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލްގައްޔޫމް ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރައްވައިފަ އެވެ. އަދި ސުނާމީގެ ގެއްލުންތަކަށް އަވަހަށް އެެޓެންޑުވުމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓު ސެންޓަރު ހުޅުވި އެވެ.
ސުނާމީއާއެކު ދިވެހިރާއްޖޭގެ ޓުއަރިޒަމް އެއްކޮށް ހުއްޓުމަކަށް ދިޔަ އެވެ. ރާއްޖެއަށް ގާތްގަނޑަކަށް 470 މިލިއަން ޑޮލަރުގެ ގެއްލުންވިކަން ކަމަށް ބައެއް ރިޕޯޓުތަކުން ބުނެ އެވެ.
Comment