Advertisement

އައްޑޫ ސިޓީގެ އިހްތިސާސުން ހުޅުމީދޫ ވަކި ކުރުމަށް ރޮޒެއިނާ މަސައްކަތް ކުރައްވަނީ

25 ޑިސެންބަރު 2021 - 13:36 0

ހުސެއިން އަރުބާން ފައްވާޒް

ހުސެއިން އަރުބާން ފައްވާޒް

މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ: މަޖިލީހަށް ހުށަހަޅަނީ ހުޅުމީދޫ އައްޑޫ ސިޓީ ކައުންސިލުން ވަކިކުުރުމަށް -- ފޮޓޯ: ރައްޔިތުން މަޖިލީސް


އައްޑޫ ސިޓީގެ އިހްތިސާސުން ހުޅުމީދޫ ވަކި ކުރުމަށް ރޮޒެއިނާ މަސައްކަތް ކުރައްވަނީ

25 ޑިސެންބަރު 2021 - 13:36 0

ފަސް ރަށުގެ މައްޗަށް އޮންނަ އައްޑޫ ސިޓީ ކައުންސިލުގެ ތެރެއިން ހުޅުދޫ އަދި މީދޫ ވަކިކުރުމުގެ މަސައްކަތް ރައްޔިތުން މަޖިލީހުގައި މީދޫ ދާއިރާގެ މެމްބަރު ރޮޒޭނާ އާދަމް ފައްޓަވައިފި އެވެ.

މި ނޫހާ ވާހަކަ ދައްކަވަމުން ރޮޒެއިނާ ވިދާޅުވީ އައްޑޫ ސިޓީގެ އިހުތިސާސްގެ ތެރޭގައި އޮތް ނަމަވެސް ހުޅުދޫ އާއި މީދޫއަކީ އައްޑޫގެ އެހެން ރަށްތަކާ 15 ކިލޯމީޓަރު ދުރުގައި އޮތް ދެ ރަށަށްވާތީ ކައުންސިލުގެ ފެރާތުން ހިދުމަތް ހޯދުމަށް ދަތިތަކެއް ކުރިމަތިވާ ކަމަށެވެ.

"މަގު ބައްތިއެއް ބަދަލުކޮށްލަން ޖެހުނަސް ވެސް އެހާ ދަތީގައި މި އުޅެން ޖެހެނީ. މަގުގެ މަރާމާތު ކަހަލަ ކަމެއް ކުރަންވިޔަސް ވެސް އެކަހަލަ ގޮތަކަށް މި އޮންނަނީ. އެކިއެކި އޮފީސްތަކުން މަސައްކަތެއް ކުރަން ޖެހުނަސް މިހާރު އޮތް ގޮތުން އެބޭފުޅުންނަށް [ހުޅުމީދޫ އޮފީސްތަކާއި ރައްޔިތުންނަށް] ދަތި ކަމަކަށްވެފައި މިއޮތީ،" ރޮޒެއިނާ ވިދާޅުވި އެވެ.

ހުޅުދޫ އާއި މީދޫގެ ކައުންސިލަރުން ވެސް ބޭނުންވަނީ ކައުންސިލްގެ ތެރެއިން ހުޅުދޫ އާއި މީދޫ ވަކި ކުރަން ކަމަށް ރޮޒެއިނާ ވިދާޅުވި އެވެ. އަދި އެގޮތަށް މަސައްކަތް ކޮށްދެއްވުމަށް ކައުންސިލަރުން އޭނާގެ ފަރާތުން އެދިފައިވާ ކަމަށް ވެސް ރޮޒެއިނާ ވިދާޅުވި އެވެ.

"ހުޅުމީދޫ އެއްކޮށް، ނޫނީ ދެ ރަށުގައި ވަކިން ވިޔަސް ކައުންސިލެއް އެކުލަވާލުމަށް ހުޅުމީދޫ ރައްޔިތުން ބޭނުންވަނީ. އެކަން ކުރެއްވުމަށް އަޅުގަނޑު މި ހުށަހެޅަން ނިންމީ،" ރޮޒެއިނާ ވިދާޅުވި އެވެ.

ހުޅުދޫ އާއި މީދޫ އައްޑޫ ސިޓީ ކައުންސިލްގެ އިހްތިސާސުން ވަކި ކުރުމަށް ގާނޫނީ ހުރަހެއް އޮތް ކަމަށް ގަބޫލުނުކުރައްވާ ކަމަށް ވެސް ރޮޒެއިނާ ވިދާޅުވި އެވެ.

"ގާނޫނުގައި ނެތް ވަކިވާ ގޮތަކަށް ބުނެފައެއް. ގާނޫނުގައި އޮންނަނީ ދެ ރަށެއް ނޫނީ އެއަށްވުރެ ވެސް ގިނަ ރަށެއް އެއްވެގެން ކައުސިލެއް ހަދަން ބޭނުންވެގެން އެކަން ކުރެވޭނެ ގޮތާއި، އެކަން ކުރެވޭނެ ކަމަށް. އެހެންވީމަ އެގޮތަށް [ސިޓީ ކައުންސިލެއް] ހަދާފައި ވޯކް ނުކުރާ ކަމަށް ވެއްޖިއްޔާ ވަކިވެސް ވެވެން ޖެހޭނެތާ،" މެމްބަރު ވިދާޅުވި އެވެ.

ދެން ރޮޒޭނާ ސުވާލު އުފެއްދީ ލާމަރުކަޒީ ގާނޫނަށް ގެނަ އިސްލާހާއެކު އައްޑޫ ސިޓީ އެކުލަވާލާފައިވާ ގޮތުގެ ސައްހަކަމާމެދު އެވެ. ގާނޫނުގައި މިހާރު އޮންނަ ގޮތުން ސިޓީއެއް އެކުލަވާލާއިރު އެރަށެއްގައި ދިރިއުޅޭ ރައްޔިތުންގެ ހިޔާލު ހޯދަން ޖެހެ އެވެ. އެހެން ނަމަވެސް އެ ގާނޫނު ވުޖޫދުވުމުގެ ކުރިން އައްޑޫ ސިޓީގެ ބައެއްގެ ގޮތުގައި ހުޅުދޫ އަދި މީދޫ ހިމަނާފައިވަނީ އެ ދާއިރާގެ ރައްޔިތުންގެ ނުގަބޫލުގައި ކަމަށް ރޮޒޭނާ ވިދާޅުވި އެވެ.

މިހާރު ގާނޫނުގައި އޮތް ގޮތުން ހުޅުމީދޫ ރައްޔިތުންގެ މެޖޯރިޓީ އެކަމަށް އެއްބަސްވެއްޖެ ނަމަ އައްޑޫ ސިޓީ ކައުންސިލުން ހުޅުމީދޫ ވަކިކުރުމުގެ ބާރު ރައިސުލްޖުމްހޫރިއްޔާއަށް ލިބެ އެވެ. މިކަން ކުރުމަށް އެމްޑީޕީގެ އަގުލަބިއްޔަތު އޮންނަ މަޖިލީހުން ފާސްވެއްޖެ ނަމަ، އެކަމަށް ސަރުކާރަށް ލަފާދެވިދާނެ އެވެ.