25 ޑިސެންބަރު 2021 - 06:48 0
25 ޑިސެންބަރު 2021 - 06:48 0
ޔުނައިޓެޑް ވިކްޓްރީ (ޔޫވީ)ގެ މި ސީޒަނުގެ ޓާގެޓަކީ ލީގުގެ ގަދަ ހައެއްގެ ތެރޭގައި އޮވެ ނިންމާލުން ކަމަށާއި ހާސިލްނުކުރެވޭ ވަރުގެ ޓާގެޓެއް ހަދައިގެން މަސައްކަތް ނުކުރާނެ ކަމަށް ޔޫވީގެ ކޯޗު އިހުސާން އަބްދުލް ގަނީ (ސާންތީ) ބުނެފި އެވެ.
މިދިޔަ ސީޒަނުގެ ފުރަތަމަ ކޮޅުގައި ދަށްކޮށް ދިޔަ ނަމަވެސް ދެ ވަނަ ބުރުގައި ޓީމުގެ ކަންކަން ރަނގަޅުކޮށް ސާންތީ ވަނީ ޔޫވީ އަށް ކުރިއެރުންތަކެއް ހޯދައިދީފަ އެވެ. ސާންތީ ބުނީ މިދިޔަ ސީޒަނުގައި ފެނުނީ ޔޫވީ މެޗަކަށް ފަހު މެޗެއް ރަނގަޅުވަމުން އައިތަން ކަމަށެވެ.
ސާންތީ ބުނީ މި ފަހަރުގެ ޓާގެޓަކީ އަބަދުވެސް ޔޫވީ އަށް ވަނައިގައި އޮވެ، ލީގު ނިންމަމުންދާތީ ޓީމު މައްޗަށް ޖައްސާލުމަށް ކަމަށެވެ.
"މިހާރުގެ ޓާގެޓަކީ (ޔޫވީ) ގަދަ ހައެއްގެ ތެރޭގައި ބޭއްވުން. އަޅުގަނޑުމެންނަކީ މާ ބޮޑު، ހާސިލްނުކުރެވޭ ވަރުގެ ޓާގެޓެއް ހަދައިގެން މަސައްކަތެއް ނުކުރާނަން. އެހެންވީމަ ދެން ކޮންމެ ފުޓްބޯޅަ ކޯޗެއް ވެސް މަސައްކަތްކުރާނީ ދެވެން އިން އެންމެ މައްޗަކަށް ދިއުން،" ސާންތީ ބުންޏެވެ.
"ދެން ފުޓްބޯޅައިގައި މި އިންނަނީ ތަށި ނޫނީ ލީގު އަދި އަޅުގަނޑުމެންނަކަށް އެ ހިސާބަށް ދެވޭ ވަރެއް ނެތް. އަޅުގަނޑު ބަލާނަން ދެވެން އޮތް އެންމެ ދުރަކަށް ދާން. މިހާރު ވިސްނަނީ ގަދަ ހައެއްގައި ޔޫވީ އޮންނާނެ ގޮތަށް،"
ސާންތީ ޔޫވީގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ސީޒަނުގެ މެދުތެރެއިންނެވެ. އެއީ އެ ޓީމުގެ ކޯޗަކަށް ހުރި މުހައްމަދު އާދަމް އިސްތިއުފާ ދިނުމުންނެވެ. ހެޑް ކޯޗަކަށް އައުމުގެ ކުރިން ސާންތީ ވަނީ މުހައްމަދުގެ އެހީތެރިއެއްގެ ގޮތުގައި ވެސް ޔޫވީ އަށް މަސައްކަތް ކޮށްދީފަ އެވެ.
މި ފަހަރުގެ ސީޒަނަށް ޔޫވީ އަށް އެންމެ ރަނގަޅަށް ތައްޔާރުނުވެވޭތީ އެ ޓީމުން މިހާރު ކުރިއަށްދާ ޕްރެޒިޑެންޓްސް ކަޕްގެ މެޗުތައް ނަގަނީ ޒުވާން ކުޅުންތެރިންނަށް ކުޅެލަން ފުރުސަތު ދޭ މެޗުތަކެއްގެ ގޮތުގަ އެވެ. އެކަން އެ ގޮތަށް ކުރަން ޖެހޭ ސަަބަބު ވެސް ސާންތީ ވަނީ ބުނެދީފަ އެވެ.
"އަޅުގަނޑުމެންގެ ބޭރު ކުޅުންތެރިން އައީމަ ހަތަރު ޖާަގަ އެބަ މަދުވޭ، އެހެންވީމަ މި ފުރުސަތަކީ މި ހުރިހާ ޒުވާން ކުޅުންތެރިން ޓެސްޓް ކޮށްލަން ވެސް ލިބޭ ރަނގަޅު މުބާރާތެއްގެ ގޮތުގައި ދެކެނީ،" 2016 ވަނަ އަހަރު އީގަލްސް އަށް ޕްރެޒިޑެންޓްސް ކަޕް ކާމިޔާބު ކޮށްދިން ސާންތީ ބުންޏެވެ.
ޔޫވީން މި ސީޒަނުގައި ކުޅުނީ އެންމެ މެޗެކެވެ. އެއީ ކްލަބް ވެލެންސިއާ އަތުން 5-0 އިން ބަލިވި މެެޗެެވެ. އެ މެޗުގައި ޔޫވީން ވަނީ ރަނގަޅު ކުޅުމެއް ދައްކައި ގޯލު ޖަަހަން ވެސް ފުރުސަތު ތަނަވަސްކޮށްފަ އެވެ. ސާންތީ ބުނީ ކުރިއަށް ހުރި މެޗުތަކުގައި ވެސް ނަތީޖާ ނެރުމެކޭ އެއްވަރަށް ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދޭން އިސްކަންދޭނެ ކަމަށެވެ.
ޔޫވީ މިއަދު ހަވީރު ކުޅޭ މެޗުގައި ނުކުންނާނީ ދަ ގްރާންޑޭ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ. މެޗު ފަށާނީ ހަވީރު 4 ޖަހާއިރު އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment