12 ފެބުރުވަރީ 2024 - 11:04 0
އަތޫފް އާތިފް
ސާންތީ އަށް ހާއްސަ މެސެޖް ލިޔެފައިވާ ބެނާގެ އެއް ކޮޅުގައި ހިފައިގެން ކެޕްޓަން އައްސަދު (ވ).-- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު
12 ފެބުރުވަރީ 2024 - 11:04 0
ކެންސަރާ ހަނގުރާމަ ކުރަމުން އަންނަ ކުލަބް އީގަލްސްގެ ކުރީގެ ކޯޗު އިހުސާން އަބްދުލް ޣަނީ (ސާންތީ) ކޯޗާ އެކު ތިބިކަން ފުޓްބޯޅަ އާއިލާ އިން ދައްކާލައިފި އެވެ.
ކެންސަރު ބައްޔާ ގުޅިގެން ސާންތިީ ކޯޗު އަންނަނީ ރާއްޖެއިން ބޭރުގައި ފަރުވާ ހޯދަމުންނެވެ. މިދިޔަ ސީޒަން ފެށިއިރު, އީގަލްސްގެ ކޯޗެއްގެ ގޮތުގައި އެންމެ ފުރަތަމަ ހުރީ ސާންތި އެވެ. އެކަމަކު، ބަލި ހާލު ތަން ނުދޭތީ ސާންތި ވަނީ އީގަލްސްގެ ކޯޗުކަން އޭނާގެ ގާތް ރަހުމަތްތެރިއެއް ކަމަށްވާ މަޝްހޫރު ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) އާ ހަވާލުކޮށްފަ އެވެ.
މިހާރު ކުރިއަށްދާ ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ގއ. ފައިނަލުގައި ގެމަނަފުށި އާއި ކަނޑުހުޅުދޫ ބައްދަލުކުރި މެޗުގެ ކުރިން ވަނީ ފުޓުބޯޅަ އާއިލާ ސާންތި އާއެކު ހުރިކަން ހާމަކޮށްދީ ސާންތި އަށް އަވަސް ޝިފާއަކަށް އެދި ބެނާ އެއް ދައްކާލާފަ އެވެ. މި ޕޯސްޓަރާއެކު ދެ ޓީމުގެ ކުޅުންތެރިން އަދި އޮފިޝަލުންގެ އިތުރުން ރެފުރީން ވެސް ފޮޓޯގައި ބައިވެރިވި އެވެ.
ގެމަނަފުށި ކަނޑުހުޅުދޫ މެޗުގެ ކުރިން، ދެ ޓީމުގެ އޮފިޝަލުންނާއި ކުޅުންރެރިން އަދި ރެފްރީން، ސާންތީ އަށް ހާއްސަ މެސެޖް ލިޔެފައިވާ ބެނާއެއް ހިފައިގެން،--- ފޮޓޯ: އިމޭޖަސް.އެމްވީ / ގޯލްޑަން ފުޓްސަލް ޗެލެންޖް
"އަޅުގަނޑުގެ ފުޓްބޯޅައިގެ ޙަޔާތުގަ އޭގެފަހުން ކޯޗިން ކެރިއަރު ފެށުމަށް އަދި ދިރިއުޅުމުގެ އެކިއެކި ކަންކަމުގަ އެންމެ ބޮޑު އެހީތެރިކަމެއްދިން އެކަކީ އިޙްސާން އަބްދުލްޣަނީ (ސާންތީ ކޯޗް).. ސާންތީ ކޯޗަށް އަވަސްޝިފާއެއް މިންވަރު ކުރަށްވާށި.. އާމީން..،" އައްސަދު ފޭސްބުކްގައި ލިޔެފައިވެ އެވެ.
އެއާއެކު, ސާންތި ކޯޗު އޭނާގެ ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ވަނީ ގެމަނަފުށީގެ ކޯޗު އައްސަދު އަބްދުލް ޣަނީ ގެ އިތުރުން ފުޓުބޯޅަ އާއިލާ އަށް ޝުކުރުއަދާ ކޮށްފަ އެވެ. އަދި ފުޓުބޯޅަ އާއިލާއިން އޭނާގެ ބައްޔާ އެކު ވެދެއްވަމުން އަންނަ އެހީއާ ދުއާއަށް ޝުކުރުއަދާ ކުރާ ކަމަށް ސާންތީ ބުންޏެވެ.
ކޯޗިން ކެރިޔަރުގައި ސާންތީ ފާހަގަވަނީ ޒުވާން ކުޅުންތެރިންނަށް އިތުބާރުކޮށް ޒުވާން ކުޅުންތެރިން ފުޓުބޯޅަ އަށް ނެރެދޭ ކޯޗެއްގެ ގޮތުގަ އެވެ. ކުލަބް އީގަލްސް ފުރަތަމަ ޑިވިޝަނުގައި ހޯދި ގިނަ ކާމިޔާބީތަކުގައި ސާންތީގެ ދައުރު ބޮޑުއިރު, ސާންތީ ވަނީ މިދިޔަ ސީޒަނުގައި ޔުނައިޓެޑް ވިކްޓަރީއާ އެކު ޒުވާން ސްކޮޑެއް ގޮވައިގެން ސަޕްރައިޒިންގް ނަތީޖާއެއް ނެރެދީފަ އެވެ.
Comment