23 ޑިސެންބަރު 2021 - 16:09 0
ހުސެއިން އަރުބާން ފައްވާޒް
ޝާކިރާއި ނިމާލް: އެ ދެ މީހުންގެ މައްޗަށް ދައުވާ އުފުލީ ރ. މަޑުއްވަރީ ކޯޓުގައި -- ފޮޓޯ: ފުލުހުންގެ އިދާރާ
23 ޑިސެންބަރު 2021 - 16:09 0
ރ. އަތޮޅު ފަޅު ރަށެއްގައި ފޮރުވާފައި ހުރި 215 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ފުލުހުން ހައްޔަރު ކުރި ދެ މީހުންގެ މައްޗަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ދައުވާ އުފުލައިފި އެވެ.
މަސްތުވާތަކެތި ފުލުހުން ހޯދީ ރ. އަތޮޅު ރާނބުގަލި ކިޔާ ރަށެއްގައި ފޮރުވާފައި ހުއްޓަ އެވެ. އެ މައްސަލައިގައި ފުލުހުން ހައްޔަރު ކުރީ ރ. މަޑުއްވަރީ، ފިނިފަރު، އަލީ ޝާކިރާއި ހަމަ އެ ރަށު، ފެހިއަލި، ނިމާލް އަބްދުލް ހާރިސް އެވެ.
ޝާކިރާއި ނިމާލް ހައްޔަރު ކުރީ "ފެށުން 2" ނަމަކަށް ކިޔާ ލޯންޗެއްގައި ރ. މަޑުއްވަރީ ފަޅަށް ވަން ތަނުންނެވެ. އެ ދެ މީހުން މިވަގުތު ތިބީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ.
އެ ދެމީހުންގެ މައްޗަށް ވެސް ދައުލަތުން އުފުލީ މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ދައުވާ އެވެ. މީގެ އިތުރުން ކުޑަކަމުދާ އެއްޗެހި ދިނުމަށް ދެކޮޅު ހެދުމުން އިތުރު ދައުވާއެއް ހާރިސްގެ މައްޗަށް އުފުލި އެވެ.
މި މައްސަލަ ހުށަހަޅާފައި ވަނީ ރ. މަޑުއްވަރީ މެޖިސްޓްރޭޓް ކޯޓަށެވެ. ޕީޖީ އޮފީހުން ބުނާ ގޮތުގައި މި މައްސަލަ ސާބިތުވެއްޖެ ނަމަ އެއްލައްކަ އާއި އެއް މިލިއަންއާ ދެމެދުގެ އަދަދަކުން އެ ދެ މީހުން ޖޫރިމަނާ ކުރާނެ އެވެ.
ކްރިމިނަލް ކޯޓުގައި މީގެކުރިން ބޭއްވި ބަންދު މަޖިލީހުގައި ފުލުހުން ބުނެފައި ވަނީ ޝާކިރާއި ނިމާލް ދަތުރު ކުރި ލޯންޗުން ސެޓަލައިޓް ފޯނަކާއި ގިނަ އަދަދެއްގެ ޕެޓްރޯލް ހަން ފެނިފައިވެ އެވެ. ފުލުހުން ބުނި ގޮތުގައި ލޯންޗުން ފެނުނު ސެޓްލައިޓު ފޯނުގެ އެކްސްޓްރެކްޝަން ރިޕޯޓަށް ބެލުމުން މިފޯނުގައި ހުރި މެސެޖުތަކުގައި އެމީހުން ރާއްޖެ ސަރަހައްދުން ބޭރަށް ދިޔަކަމުގެ ހެއްކާއި އިތުރު ބޯޓަކާ ބައްދަލުކުރިކަމުގެ މެސެޖްތަކެއް ފެނިފައިވެ އެވެ.
އަދި އެ ދެ މީހުންގެ ހަށިގަނޑުގެ އެކިތަންތަނުން ވެލީގެ އަސަރު ފެނިފައިވާ ކަމަށާއި ލޯންޗުގެ ގެގަނޑުގެ އަރިމަތިން އިތުރު ބޯޓަކާ ގާތްކޮށްފައިވާކަމުގެ ނިޝާންތައް ވެސް ހުރި ކަމަށް ފުލުހުން ބުނެފައިވެ އެވެ.
ފުލުހުން ބުނީ ޝާކިރާއި ނިމާލް ހައްޔަރު ކުރީ މަސްތުވާތަކެތީގެ ޑީލެއް ކަނޑުމަތީގައި ހެދުމަށްފަހު އެނބުރި ރަށަށް އައި ވަގުތު ކަމަށެވެ. މަސްތުވާތަކެތި ހުރި ރަށާއި ތަނުގެ މައުލޫމާތު ދިނީ ޝާކިރާއި ނިމާލް ފުލުހުންގެ ތަހުގީގުގައި ކަމަށް ވެސް އެ އިދާރާއިން ކުރިން ބުނެފައިވެ އެވެ.
ފުލުހުން ހޯދި މަސްތުވާތަކެތި ހުރީ ރާނބުގަލީގައި ހުރި ކަށިކެޔޮތަކެއްގެ ތެރޭގައި ރައްކާކޮށްފަ އެވެ. އެ ސަރަހައްދުން މަސްތުވާތަކެތީގެ 11 ގޯނި ފުލުހުން ހޯދި އެވެ. ގޯންޏަށް އެތަކެތި ލާފައި ހުރީ އެއް ކިލޯއަކުން ކިލޯއަކުން ޕެކުކޮށްފަ އެވެ.
ނަމަވެސް އެ މައުލޫމާތު ފުލުހުންނަށް ދީފައިނުވާނެ ކަމަށް ބުނެ ބަންދުގެ މަޖިލީހުގައި ޝާކިރާއި ނިމާލް ވެސް ވަނީ އެ ތުހުމަތަށް އިންކާރުކޮށްފަ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment