Advertisement

ވަޔާއި ކަނޑުގެ މަގުން ރާއްޖެ އާއި ބަންގްލަދޭޝް ގުޅާލަނީ

23 ޑިސެންބަރު 2021 - 12:53 0

ހުސެއިން އަރުބާން ފައްވާޒް

ހުސެއިން އަރުބާން ފައްވާޒް

ރައީސް ސޯލިހާއި ބޮޑުވަޒީރު ހަސީނާ ރައީސް އޮފީހުގައި: އެކަމަނާގެ ޝަރަފުގައި މިއަދު ރައްޔިތުންގެ މަޖިލީހުގައި ހާއްސަ ޖަލްސާއެއް ބާއްވާނެ -- ފޮޓޯ: ރައީސް އޮފީސް


ވަޔާއި ކަނޑުގެ މަގުން ރާއްޖެ އާއި ބަންގްލަދޭޝް ގުޅާލަނީ

23 ޑިސެންބަރު 2021 - 12:53 0

ވައިގެ މަގުންނާއި ކަނޑުގެ މަގުން ދިވެހިރާއްޖެ އާއި ބަގްލަދޭޝްގެ ޑާކާއާ އެއްވެސް ހުރަހެއް ނެތި ގުޅާލުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެ ގައުމުގެ ބޮޑު ވަޒީރު، ޝެއިހް ހަސީނާ މިއަދު އިއުލާން ކުރައްވައިފި އެވެ.

ބޮޑުވަޒީރު ހަސީނާ، ރާއްޖޭގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު ރަސްމީ މަޝްވަރާކުރުންތައް ބޭއްވުމަށްފަހު ދެއްވި ކުރު ހިތާބެއްގައި ވިދާޅުވީ، ރާއްޖެ އާއި ބަންގްލަދޭޝްއާ ދެމެދު މެދުނުކެނޑި ދަތުރުތަކެއް ކުރެވިއްޖެ ނަމަ އޭގެ ފައިދާ އިގްތިސާދަށް ވެސް ކުރާނެ ކަމަށެވެ. އެގޮތުން ވައިގެ މަގުން ދެ ގައުމު ގުޅިގެން ދިއުމާއި އެކު ފަތުރުވެރިކަމަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ ކަމުގައި ތަސައްވަރު ކުރެވޭ ކަމަށް ހަސީނާ ވިދާޅުވި އެވެ.

"ބަންގްލަދޭޝްގެ ރަސްމީ އެއާލައިން ބިމާން އެއާލައިނުން ދިވެހިރާއްޖެއަށް ގަވާއިދުން ދަތުރު ކުރުމަށް އެ ދަނީ ވިސްނަމުން. އޭގެ ސަބަބުން ދިވެހިރާއްޖޭގެ ވިޔަފާރިވެރިންނާއި ބަންގްލަދޭޝްއާ ދެމެދު އޮތް ގުޅުން ރަނގަޅުވާނެ. އަދި ޓުއަރިޒަމްއަށް ވެސް އޭގެ ސަބަބުން ފައިދާތަކެއް ކުރާނެ. އޭގެ އިތުރުން، ބަންގްލަދޭޝާއި ރާއްޖެއާ ދެމެދު ދަތުރު ކުރާނެ ޝިޕިން ލައިނެއް އުފެއްދުމުގެ މަސައްކަތް ވެސް އަޅުގަނޑުމެން ދިރާސާ ކުރިން،" އެކަމަނާ ވިދާޅުވި އެވެ.

މީގެ އިތުރުން ޑަބަލް ޓެކްސޭޝަން ހުއްޓުވުމާއި ޓެކްސްއަށް މަކަރުހެދުމާ ވަގު ވިޔަފާރިތައް ހުއްޓުވުމަށް، ދެ ގައުމުގެ މެދުގައި ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން، ކަނޑުމަގުން ރާއްޖެ އާއި ބަންގްލަދޭޝް ގުޅާލާ، ޝިޕިން ލައިނެއް ގާއިމް ކުރުމުގެ މަސައްކަތް ވެސް ކުރައްވަމުން ގެންދާނެ ކަމަށް ހަސީނާ ފާހަގަކުރެއްވި އެވެ. ކަނޑުމަގުން ރާއްޖެއާއި ބަގްލަދޭޝް ގުލާލެވިއްޖެ ނަމަ، އެ ގައުމުގައި އުފައްދާ ޕްރޮޑަކްޓްތައް ހެޔޮ އަގެއްގައި ރާއްޖެއަށް ފޯރުކޮށްދޭނެކަމުގެ ޔަގީންކަން ވެސް އެކަމަނާ ރައީސް ސޯލިހަށް އެރުވި އެވެ.

ރައީސް ސޯލިހްގެ ވާހަކަފުޅުގައި އެމަނިކުފާނު ވަނީ ރާއްޖެއިން ބަގްލަދޭޝްއަށް ދާ ފަރާތްތަކަށް އޮންއެރައިވަލް ވިސާ ދިނުމުގެ އިންތިޒާމްތައް ހަމަޖައްސާ ދިނުމަށާއި އެގައުމުގައި ކިޔަވަމުންދާ ދިވެހި ދަރިވަރުންނަށް ދިގު މުއްދަތަކަށް ވިސާ ދިނުމަށް އެދިވަޑައިގަނެފަ އެވެ.

"ރާއްޖެއިން ބަންގްލަދޭޝްއަށް ދަތުރުކުރުމަށް އޮން އެރައިވަލް ވިސާއަލުން ދިނުމަށް ވިސްނަން ވެސް އަޅުގަނޑު ބަންގްލަދޭޝްގައި އެދުނީން. އަދި ދެގައުމުގެ ދެމެދުގައި އޮތް ގާތް ރަޙްމަތްތެރި ގުޅުމުގެ މައްޗަށް ބިނާކޮށްބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިންނަށް ދިގު މުއްދަތުގެ ސްޓޫޑެންޓް ވިސާ ދިނުމަށްވެސް އެދެން," ރައީސް ވިދާޅުވި އެވެ.

ދިވެހި ސަރުކާރުގެ މި އެދުމަށް ހަސީނާ ދެއްވީ އުންމިދީ ޖަވާބެކެވެ. އެކަމަނާ ވިދާޅުވީ ކޮވިޑްގެ ހާލަތުން ބަންގްލަދޭޝް އަރައިގަނެވޭއިރަށް، އެކަންކަން ހަމަޖެހިގެން ދާނެ ކަމަށެވެ. އަދި އެ ގައުމުގައި ތައުލީމް ހާސިލްކުރަމުންދާ ދިވެހި ދަރިވަރުންނަށް ވިސާގެ ކަންކަމުގައި ލުއިގޮތްތައް ހޯއްދަވާ ދެއްވާނެ ކަމުގެ ޔަގީންކަން ވެސް ދެއްވި އެވެ.

"ބަންގްލަދޭޝް ވިސާ ބޭސްޑް ހެލްތު ޕްރޮފެޝަނަލުން ހޯދުމަށް ރާއްޖެއިން ހުށަހެޅި ހުށަހެޅުން ބަންގްލަދޭޝްއިން ގަބޫލުކުރިާކަމީ، ބަންގްލަދޭޝްއަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބޭ ކަމެއް،" އެކަމަނާ ވިދާޅުވި އެވެ.

ރައީސް ސޯލިހާއި ބޮޑުވަޒީރު ހަސީނާ ވަނީ މިއަދު ދެގައުމުގެ ދެމެދުގައި ރަސްމީ މަޝްވަރާތަކެއް ކުރިއަށް ގެންދަވައިފަ އެވެ. އަދި ގުޅުން ބަދަހި ކުރުމުގެ ބޭނުމުގައި އެކި ދާއިރާތަކުން އެހީވުމަށް ހަތަރު އެމްއޯޔޫއެއްގައި ރާއްޖެ އާއި ބަންގްލަދޭޝުން ވަނީ ސޮއިކޮށްފަ އެވެ.

ބޮޑުވަޒީރު ހަސީނާގެ ޝަރަފުގައި މިއަދު ރައްޔިތުންގެ މަޖިލީހުގައި ހާއްސަ ޖަލްސާއެއް ވެސް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. އެ ޖަލްސާގައި އެކަމަނާ ތަގްރީރު ކުރެއްވުމަށް ވެސް އޮތީ ހަމަޖެހިފަ އެވެ. މިއަދު ހަވީރު ހަތަރެއް ޖަހާއިރު ބޭއްވުމަށް ހަމަޖެހިފައިވާ އެ ޖަލްސާގައި މަޖިލީހުގެ މެމްބަރުންގެ އިތުރުން، ކެބިނެޓް މެމްބަރުންނާއި ސިފައިންނާއި ފުލުހުންގެ ވެރިންނާއި މިނިސްޓަރު ފެންވަރުގެ ބޭފުޅުންނާއި ދައުލަތުގެ އިއްޒަތްރެރިންގެ އިތުރުން ބައެއް މަދަރުސާތަކުގެ ދަރިވަރުން ވެސް ބައިވެރިވާނެ އެވެ.