Advertisement

މައްސަލަ ބޮޑުވި ޕާކިން ޒޯންތަކުގެ ގުރު މާދަމާ އަލުން ނަގަނީ

20 ޑިސެންބަރު 2021 - 15:07 0

ފާތިމަތު އަޖްފާން

ފާތިމަތު އަޖްފާން

މާލެ ސިޓީގައި ޕާކް ކުރުމަށް ދޫކޮށްފައިވާ ސަރަހައްދެއް: އަލުން ގުރު ނެގުން އޮންނާނީ މާދަމާ ރޭ -- ފޮޓޯ: އަދަދު


މައްސަލަ ބޮޑުވި ޕާކިން ޒޯންތަކުގެ ގުރު މާދަމާ އަލުން ނަގަނީ

20 ޑިސެންބަރު 2021 - 15:07 0

މާލޭގެ ބައެއް ސަރަހައްދުތަކުގައި ހަދާފައިހުރި ޕާކިން ޖާގަތައް ދޫކުރުމުގައި ސުވާލު އުފެދޭ ކަންކަން ހުރުމުން އަލުން ގުރު ނެގުން އަންގާރަ ދުވަހު ބޭއްވުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފި އެވެ.

ޒޯންތައް ލިބުނު މީހުންގެ ގުރުނެގުން މާލޭ ސިޓީ ކައުންސިލުން އެންމެ ފަހުން ބާއްވާފައި ވަނީ މި މަހުގެ ހަ ވަނަ ދުވަހެވެ. ޕާކިން ޖާގަތައް ދޫކުރުމަށް ނެގި ގުރު ނެގުމުގައި މައްސަލަތަކެއް އުޅޭ ކަމަށް ބުނެ އެކަމާ ގިނަ ބަޔަކު ދިޔައީ ފާޑު ކިޔަމުންނެވެ.

މާލެ ސިޓީ ކައުންސިލުން ބުނީ މާލޭގައި ތަރައްގީކޮށްފައިވާ ޕާކިން ސްލޮޓްގެ ގުރު ނެގުމުގައި ފާހަގަ ކުރެވިފައިވާ އިދާރީ މައްސަލަތައް މިހާރު ހައްލުކޮށްފައިވާ ކަމަށެވެ. އަދި އަލުން ޕާކިން ސްލޮޓް ތަކުގެ ގުރުއަތުލުން މާދަމާ ރޭ 9:00 ޖަހާއިރު ކައުންސިލްގެ އާންމު ހިދުމަތްތަކާއި ބެހޭ ބައިގައި އޮންނާނެ ކަމަށެވެ.

މާލޭގެ އެކި ހިސާބުތަކުން 450 ޖާގަ ވެހިކަލް ޕާކު ކުރުމާސް ކުއްޔަށް ދޫކުރުމަށް މާލޭ ސިޓީ ކައުންސިލުން ނިންމީ ޕާކިންގެ މައްސަލައަށް ހައްލު ހޯދުމަށެވެ. އެއީ މިދިޔަ ޖުލައި މަހުގެ ތެރޭގައި މާލޭގެ ދިހަ ސަރަހައްދުން ޖުމްލަ 211 ޖާގައަށް ކުރިމަތިލުމަށް ހުޅުވައިލި ފުރުސަތުގެ ތެރެއިން ދޫކުރި ޖާގަތަކެކެވެ.

އެ ޖާގަތަކަށް އެދި 969 މީހަކު ކުރިމަތިލި ކަމަށް ސިޓީ ކައުންސިލުން ބުނެ އެވެ. ނަމަވެސް, އެކަމުގައި ގޯސްތަކެއް އުޅޭ ކަމަށް ތުހުމަތުކޮށް އެ މައްސަލަ މިހާރު ވަނީ އެންޓި ކޮރަޕްޝަން ކޮމިޝަނަށް ވެސް ހުށަހަޅައިފަ އެވެ.

ޕާކިން ސްލޮޓްތަކަށް އެދި އެޕްލިކޭޝަން ހުށަހެޅި ހުރިހާ މީހުނަށް ގުރުއަތުގައި ބައިވެރިވާން ކައުންސިލުން ވަނީ ދައުވަތު ދީފަ އެވެ.

ވެހިކަލް ޕާކްކުރަން ކުއްޔަށް ދޫކުރުމަށް އޭރު ހުޅުވާލި ޖާގަތަކުގެ ތެރޭގައި މއ. ރާދަފަތިހިނގުން (އަމީނީމަގާއި ފަޅުމަތީމަގާ ދެމެދު) އިން 21 ޖާގަ، މއ. ކުރެދިގޯޅިން 10 ޖާގަ، މއ. ހުދުފަޅުހިނގުމުން 8 ޖާގަ، މ. ހިލާލީމަގު އަމީނީމަގުން ފެށިގެން ދެކުނު އިރުމަތީފަޅިން 20 ޖާގަ، މ. ހިލާލީމަގު، އަމީނީމަގު އިރުމަތީ ފަޅި (ސްޓޭޑިއަމް ފަޅީގައި) 10 ޖާގަ، ސަލާހުއްދީން ޕާކިން ޒޯނުން 10 ޖާގަ އަދި ހ. އަލިމަސް ކާނިވާ ސަރަހައްދުން 6 ޖާގަ ހިމެނެ އެވެ.

މީގެ އިތުރުން ހަމައެކަނި ޕްރައިވެޓް ކާރުތައް ޕާކުކުރުމަށް 24 ޖާގައެއް ކުއްޔަށް ދިނުމަށް ވެސް މާލޭ ސިޓީ ކައުންސިލުން ނިންމާފައިވެ އެވެ. މި 24 ޖާގަ ދިނުމަށް ހަމަޖެހިފައި ވަނީ އާޓިފިޝަލް ބީޗް ޕާކިން ހިމެނޭ ސަރަޙައްދުން ޗައިނާ އެމްބަސީ ކުރިމަތިންނެވެ.