Advertisement

ވޭޕު ކުރުމާއި އިސްރާފުން ދުރުހެލިވުން

17 ޑިސެންބަރު 2021 - 08:51 0

ރޫޙުލްއަމީން ޢަބްދުﷲ

ރޫޙުލްއަމީން ޢަބްދުﷲ


ވޭޕު ކުރުމާއި އިސްރާފުން ދުރުހެލިވުން

17 ޑިސެންބަރު 2021 - 08:51 0

ދުންފަތުގެ އިސްތިއުމާލުކުރުމަކީ މީލާދުގެ 5000 ގެ ކުރިއަށް ވެސް ތާރީހު އޮތް ކަމެކެވެ. ޕޭރުވިއަން ހަޟާރަތުގެ ތެރެއިން އުފަންވެގެން އައިކަމަށް ކިޔާއުޅޭ މި އާދަ ފެތުރި އަށަގަންނަމުން ދިޔައީ މީގެ ނުރައްކާތެރިކަމާއި ގެއްލުން ފަހުމުވެފައި ނެތް މުޖުތަމައުއެއްގެ ތެރޭގަ އެވެ.

ދުންފަތް ނޫނަސް އެނޫން އެހެން ވިހަ މާއްދާތައް އެކުލެވޭ ފަތްޕިލާވެލީގެ ބާވަތްތައް ހިއްކައި ހޫނުކޮށްގެން އަރުވާ ދުން އެތެރެހައްޓަށް ފޮނުވުމަކީ އެ ޒަމާނުގައި އާންމު ވަމުން ދިޔަ ކަމެކެވެ. ދުންފަތް ބޭނުންކުރަން ފެށުމުގެ ކުރިން މަގުބޫލުވެފައި އޮތީ ކެނަބިސް އެވެ. ދުންފަތަށް މަގުބޫލުކަން އިތުރުވީ އެއީ ކެނަބިސްއަށްވުރެ ގެއްލުން ކުޑަ އެއްޗެއްގެ ގޮތުގައި ބެލެވިފައި އޮތުމުގެ ސަބަބުންނެވެ. މިއަދު ވޭޕްކުރުން ފުޅާވެފައި މިއޮތީ ވެސް އެއީ ދުންފަތަށް ވުރެ ގެއްލުން ކުޑަ އެއްޗެއްގެ ގޮތުގައި ދައްކައިގެންނެވެ.

ސަމާވީ އެންމެހާ ދީންތަކެއްގެ އަހުލުވެރިންނާއި އާދަމުގެ ދަރީންކުރެ ބުއްދިހުރި މީހުން އެކައްޗެއް ކިޔާ އެއްކަމެއް އޮވެ އެވެ. އެއީ އިންސާނުންގެ ހާލަތު ރަނގަޅުކުރުމުގައި ފަސް ކަމަކަށް އިސްކަން ދޭންޖެހޭ ކަމެވެ. ދީނާއި، ނަފުސާއި، ބުއްދިއާއި، ނަސްލާއި، މުދާ ސަލާމަތްކުރުން އެއީ އެންމެ އިސްކަމެއް ދޭންޖެހޭ އެންމެ މުހިންމު ކަންތައްކަމުގައި އެބައިމީހުން އިއްތިފާގުވެ އެވެ.

ވޭޕް ބޭނުންކުރުމަކީ ގެއްލުންހުރި ކަމެއް ކަމުގައި ސިއްހީ މާހިރުން ވިދާޅުވެ އެވެ. އެހެންކަމަށްވާނަމަ، ނަފުސު ހިމާޔަތްކުރުމުގެ މަގުސަދު ތަންދެނީ ވޭޕް ބޭނުން ނުކުރުމަށެވެ. ދިރާސާކުރާ މީހުން ބުނާ ގޮތުގައި ވޭޕް ބޭނުންކުރުމުން ވެސް ނާރުތަކުގެ ބާރު ދެރަވެ އެވެ. ނަސްލު ދެމެހެއްޓުމުގެ ތަބީއީ ބާރުވެރިކަމަށް ވެސް އަސަރުކުރުވަ އެވެ. މިދިރާސާތަކުގެ ނަތީޖާ މިހެން ފެންނާން އޮތްއިރު، ވޭޕް ދެމުން، ބުއްދި ސަލާމަތްކުރުމުގެ މަގުސަދާ ވެސް ފުށުއަރަ އެވެ. ނަސްލު ސަލާމަތްކުރުމުގެ މަގުސަދާ ވެސް މުޑި އަރަ އެވެ.

ސަމާވީ ދީންތަކުގެ އަހުލުވެރިންނާއި އާދަމުގެ ދަރީންކުރެ ބުއްދިވެރީން، އެފަސްކަމަކަށް ރައްކާތެރިކަން ދިނުން އެންމެ މުހިންމު އެންމެ އައުލާ ފަސްކަމުގެ ގޮތުގައި ބަޔާންކުރި ކަންކަމުގެ ތެރެއިން، ދީނާއި، ނަފުސާއި، ބުއްދިއާއި ނަސްލާއި މި ހަތަރުކަމަށް ރައްކާތެރިވުމަށް ހުރަސްއެޅޭ ކަމަކަށް ލާރި ހަރަދުކުރުމަށްވުރެ ބޮޑު އިސްރާފެއް އޮންނާނެތޯ އެވެ؟ އިސްރާފުކުރުމަށްވުރެ، އަދި އެއިސްރާފަކީ އަމުދުން ތިމާގެ ނަފުސާއި ސިކުނޑިއާއި އެހެންވެސް ގުނަންތަކަށް ގެއްލުންދޭ ގޮތުގައި ކުރާ އިސްރާފަކަށްވާނަމަ، މުދާ ހިމާޔަތްކުރުމުގެ މަގުސަދާ އެޔަށްވުރެ ބޮޑަށް ހިލާފުވާނެ އެހެން ކަމަކީ ކޮބައިތޯ އެވެ؟

އަލްއަޢުރާފް ސޫރަތުގެ 157 ވަނަ އާޔަތުގައި މާތް ﷲ އަންގަވާފައިވެ އެވެ.

"އެމީހުންނަކީ، އުންމިއްޔަ ނަބިއްޔާ ކަމުގައިވާ ރަސޫލާއަށް ތަބާވާ މީހުންނެވެ. އެއީ އެމީހުންގެ ގާތުގައިވާ ތައުރާތާއި، އިންޖީލުގައި އެބޭކަލެއްގެ ސިފަފުޅުތައް ލިޔެވިގެންވާތީ، އެމީހުން ދެކެއުޅުނު ރަސޫލާ އެވެ. އެކަލޭގެފާނު، އެމީހުންނަށް ހެޔޮކަންތަކަށް އަމުރުކުރައްވަ އެވެ. އަދި ނުބައިކަންތައް އެމީހުންނަށް ނަހީކުރައްވަ އެވެ. އަދި ރަނގަޅު ތަކެތި އެމީހުންނަށް ހަލާލު ކުރައްވަ އެވެ. އަދި ނުބައިވެގެންވާ ތަކެތި އެމީހުންނަށް ހަރާންކުރައްވަ އެވެ. އަދި އެމީހުންގެ މައްޗަށްހުރި ބުރަތަކާއި، އެމީހުންގެ ވަށައިގެން އެޅިފައިވާ ކަސްތޮޅުތައް ނެތިކުރައްވައި، ލުއިކުރައްވަ އެވެ. ފަހެ، އެކަލޭގެފާނަށް އީމާންވެ، އެކަލޭގެފާނަށް ވާގިވެރިވެ، ނަސްރުވެރިވެ، އެކަލޭގެފާނާއެކުގައި ބާވައިލެއްވި ނޫރަށް ތަބާވީ ވީ މީހުން (ދަންނާށެވެ!) ދިންނަވާނޭ މީހުންނަކީ، ހަމަ އެމީހުންނެވެ."

މިއާޔަތާ މެދު ވަރަށް ފުންކޮށް ވިސްނާލުން ވަރަށް ބޮޑަށް މުހިންމެވެ. ތައުރާތާއި އިންޖީލުގައި އަހަރެމެންގެ މާތް ނަބިއްޔާ ވަކި ސިފަފުޅުތަކަކުން ސިފަކުރެވިފައިވާއިރު، ސަމާވީ ދީންތަކުގައި އެސިފަފުޅުތަކަކީ ކިހާ މުހިންމު ކަންތައްތަކެއްކަން އެބަ ކިޔައިދެ އެވެ. (1) ހެޔޮ ކަންކަމަށް ގޮވާލުމެވެ. (2) ނުބައި ކަންކަން މަނާކުރުމެވެ. (3) ރަނގަޅު ތަކެތި ހަލާލުކަން ބަޔާންކޮށްދެއްވުމެވެ. (4) ރަނގަޅު ނޫން ނުބައިހާ ތަކެތި އެއީ ހަރާން އެއްޗެހިކަން ބަޔާންކޮށްދެއްވުމެވެ. (5) މީސްމީހުންނަށް ބުރައަކަށްވެދާނެ ކަންކަން މީސްތަކުންނަށް ލުއިކޮށްދެއްވުމެވެ. (6) މީސްމީހުން އެކިގޮތްގޮތުން އަޅުވެތިވެވިފައި ތިބޭ ކަސްތޮޅުތައް ނެތިކުރެއްވުމެވެ.

ވޭޕްއަކީ އެޔަށް ދެވިހިފައި އެއްޗަކަށްވާއިރު، މީހެއްގެ ނަފުސާއި މުދާ އެއެއްޗެއްގައި އަޅުވެތިކުރެވޭ ފަދަ ކަސްތޮޅަކަށް އެ ނުވޭ ހެއްޔެވެ؟ އޭގެ ނުރައްކާ ބޮޑުވެފައި، ނުރައްކާތެރި ބަލިތަކަށް ހުށަހެޅޭއިރު، ނަފުސާއި މުދަލާއި ހަށިގަނޑާއި ތިމާގެ އާއިލާ މީހުންނަށް ވެސް އޮތް ބުރައަކާއި ތަކުލީފަކަށް ވޭޕް ނުވޭ ހެއްޔެވެ؟ އެހެންވީމާ ވޭޕް ބޭނުންކުރުން ހިމެނޭނީ ރަނގަޅު ކަންކަމުގެ ތެރޭގައިތޯ ނުވަތަ ނުބައި ކަންކަމުގެ ތެރޭގައިތޯ ވިސްނައިގަންނަން ދައްޗެއް ނޫނެވެ. ނުބައި ކަމެއް ނަމަ އެކަމެއް ހުއްޓާލުމަކުން ނުފުދެ އެވެ. ރަސޫލުންނާއި ނަބިއްޔުންގެ ސިފައަކީ ނުބައިކަންކަން ހުއްޓާލުމަށް އެހެން މީހުންނަށް ވެސް ގޮވާލުމެވެ.

އަލްބަޤަރާ ސޫރަތުގެ 195 ވަނަ އާޔަތުގައި އަންގަވަ އެވެ. "ﷲ ގެ މަގުގައި ތިޔަބައިމީހުން ހޭދަކުރާށެވެ! އަދި ތިޔަބައިމީހުންގެ އަތްތަކުން ތިޔަބައިމީހުންގެ ނަފުސުތައް ހަލާކުގެ ތެރެޔަށް އެއްލާނުލާށެވެ! އަދި އިހުސާން ތެރިވާށެވެ! ހަމަކަށަވަރުން އިހުސާންތެރިން ދެކެ ﷲ ލޯބިވެވޮޑިގެންވެ އެވެ."

އަމިއްލަ ނަފުސާ ގުޅިގެން މިއާޔަތުގައި މިދޭ އިރުޝާދަށް ބުއްދިކޮށްލުން މުހިންމުވަނީ ނަފުސުގެ ހަލާކާއި އިހުސާންތެރިކަމުގެ ސިފައާ ގުޅުވާފައި އޮތުމުންނެވެ. މިއާޔަތުން އެނގެނީ ނަފުސުތައް ހަލާކުވާ ފަދަ ކަންކަން ކޮށްގެން ނުވާނެ ކަން އެކަންޏެއް ނޫނެވެ. ނަފުސަށް ގެއްލުންހުރި ކަންކަމުން ދުރުވެގަތުމުން އެކަނި ނުފުދޭ ކަން ވެސް މިއާޔަތުން އެނގެ އެވެ. އިހުސާންތެރިވުމަކީ، ކަމެއް ރަނގަޅަށް ކުރުމެއް ނޫނެވެ. ވަރަށް ރަނގަޅަށް ކުރުމެވެ. އެހެންވީމާ ނަފުސަށް ގެއްލުންހުރި ކަންކަމުން ދުރުވުމުން އެކަނި ނުފުދެ އެވެ. ނަފުސަށް ފައިދާހުރި ކަންކަން ކުރުން މިއާޔަތުން އިރުޝާދުކުރެ އެވެ. ފައިދާހުރި ތަކެތި ކެއުމާއި ބުއިމެވެ. ދުޅަހެޔޮކަމަށް ހެލިފެލިވެ ކަސްރަތުކޮށް އުޅުމެވެ.

އަންނިސާއު ސޫރަތުގެ 29 ވަނަ އާޔަތް ނިންމަވާލައްވާފައިވަނީ "...އަދި، ތިޔަބައިމީހުންގެ އަމިއްލަ ނަފުސުތައް ތިޔަބައިމީހުން ގަތުލު ނުކުރާށެވެ! ހަމަކަށަވަރުން، ތިޔަބައިމީހުންގެ މައްޗަށް އޯގާވަންތަ ރަސްކަލާނގެ ކަމުގައި ﷲ ވޮޑިގެން ވެއެވެ." މިފަދައިންނެވެ. ކުދި އަނިޔާއިން ދިގު ދެމިގެންދާ އަނިޔާއިން އަމިއްލަ ނަފުސު މަރާލުމުގެ ޕްރޮޖެކްޓެއްގައި އުޅޭ މީހާ އެހެން ކަންކަމުގައި މާތް ﷲ ގެ އޯގާވަންތަކަމަށް އުންމީދުކުރާއިރު، މި އާޔަތަކީ ހަނދާންކުރަންޖެހޭ އާޔަތެކެވެ.

އަލްއަޢުރާފް ސޫރަތުގެ 31 ވަނަ އާޔަތުގައި އަންގަވާފައި ވެއެވެ. "އޭ އާދަމުގެދަރިންނޭވެ! ތިޔަބައިމީހުން، ނަމާދުކުރާ ކޮންމެ ހިނދެއްގައިމެ، ޒީނަތްތެރިކަން ހިފާށެވެ! އަދި ތިޔަބައިމީހުން ކައިބޮއި އުޅޭށެވެ! އަދި އިސްރާފު ނުކުރާށެވެ! ހަމަކަށަވަރުން، އިސްރާފުކުރާ މީހުންދެކެ އެކަލާނގެ ލޯބިވެ ވޮޑިގެނެއް ނުވެ އެވެ. "

އަލްއިސްރާއު ސޫރަތުގެ 26 ވަނަ އާޔަތާއި 27 ވަނަ އާޔަތްވެސް މި މައުލޫގައި މުހިންމެވެ. "ގާތްތިމާގެ މީހާއަށް، އޭނާގެ ހައްގު ދޭށެވެ! އަދި މިސްކީނަށާއި، ދަތުރުވެރިޔާއަށްވެސްމެ އެވެ. އަދި ތިހާވަރަށް އިސްރާފު ނުކުރާށެވެ. ހަމަކަށަވަރުން އިސްރާފުކުރާ މީހުންނަކީ، ޝައިޠާނުންގެ އަޚުންނެވެ. އަދި ޝައިޠާނާ އަކީ އޭނާގެ ވެރިރަސްކަލާނގެއަށް ވަރަށް ބޮޑަށް އުރެދިފައިވާ އެއްޗެކެވެ."

ވޭޕްކުރުމަކީ އިސްލާމް ދީން ބުނެދޭ ރީތި ގޮތްތަކުގެ ތެރޭގައި ހިމެނޭ ކަމެއް ނޫނެވެ. މި ނުރައްކާތެރި ވަބާ މަދަރުސާތަކުގެ އެތެރެއާ ހަމައަށް ފުޅާވެފައިވާއިރު މިކަން ހުއްޓުވަން ވަގުތުން ފިޔަވަޅު އަޅަންޖެހެ އެވެ. މިއީ އެޑިއުކޭޝަން މިނިސްޓްރީން ހުއްޓުވަންޖެހޭ ކަމެއް ކަމުގައި ދެކިގެން ނުތިބެ، މިކަމާ ކުރިމަތިލާންވީ ބެލެނެވެރިންނެވެ. ވޭޕްކުރުމުގެ ނުރައްކަލާއި އިސްލާމްދީނުގެ އެންގުންތައް ދަރީންނަށް ބުނެދޭށެވެ. އަޑުނާހައިފި ނަމަ އަދަބު ދޭށެވެ. ގަދަ ބާރު އަޅައިގެން ވިޔަސް ހުއްޓުވިއްޖެނަމަ، އެއީ ދީނާއި މި މުޖުތަމައުގެ ހައްގުގައި ހޯދޭ ކާމިޔާބީއަކަށް މެނުވީ ނުވާނެ އެވެ.