Advertisement

މެރިން އެކްސްޕޯ ވަރަށް ކާމިޔާބު: ބައިވެރިން

16 ޑިސެންބަރު 2021 - 11:04 0

އަހުމަދު ސައީދު

އަހުމަދު ސައީދު

މޯލްޑިވްސް މެރިން އެކްސްޕޯގެ ސްޓޯލްތައް: އެކްސްޕޯ އަށް ބޮޑު ތަރުހީބެއް ވަނީ ލިބިފައި. -- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު


މެރިން އެކްސްޕޯ ވަރަށް ކާމިޔާބު: ބައިވެރިން

16 ޑިސެންބަރު 2021 - 11:04 0

ހޯމަ ދުވަހުން ފެށިގެން ރޭގެ ނިޔަލަށް ކުރިއަށް ގެންދިޔަ "މޯލްޑިވްސް މެރިން އެކްސްޕޯ 2021" ވަރަށް ކާމިޔާބު ކަމާއެކު ނިންމާލައިފި އެވެ.

ނެޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންބީއޭއެމް) ގެ އަހަރީ އެކްސްޕޯ އަށް ރެ އާއި ކުރީ ރޭ ވެސް ގިނަ އަދަދެއްގެ ބަޔަކު ޒިޔާރަތްކުރި އެވެ.

އެކްސްޕޯގެ އެއް ސޮޕޮންސަރު ގަލްފް ކްރާފްޓް މޯލްޑިވްސްގެ ކޮމްޕެނީ ސެކެޓްރީ އައިމިނަތް ތައުމާ ވިދާޅުވީ އެ ބޭފުޅުންގެ ސްޓޯލަށް ވަރަށް ރަނގަޅު ތަރުހީބެއް ލިބިގެން ދިޔަ ކަމަށާއި އުންމީދު ކުރިފަދަ ނަތީޖާ އެއް އެކްސްޕޯ އިން ފެނުނު ކަމެވެ.

އެކްސްޕޯގައި ހުރި އެމްޓީސީސީގެ ސްޓޯލް -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު


"ހަމަ ވަރަށް ރަނގަޅު، އިއްޔެ އަށްވުރެ މިއަދު ގިނަ މީހުން ޒިޔާރަތްކުރި،" ތައުމާ ރޭ ވިދާޅުވި އެވެ.

ހުޅުމާލެ ސެންޓްރަލް ޕާކުގަ ކުރިއަށް ގެންދިޔަ އެކްސްޕޯގަ މި އަހަރު އަލަށް ބައިވެރި ޑީ ބްލޫ މެރިން އިން ބުނީ ވިޔަފާރީގެ ގޮތުން ބަލާއިރު ފެއާ ވަރަށް ކާމިޔާބުކަމަށެވެ.

"މިތާ މިހާރު ނުހުންނާނެ ނުވިކޭ އެންމެ އިންޖީނެއް ވެސް. އަޅުގަނޑުމެންގެ އެއް ޝިފްމަންޓް އެއްކޮށް ވިއްކާލެވިއްޖެ،" ހޮންޑާ ބްރޭންޑުގެ އައުޓް ބޯޑު އިންޖީނު އަލަށް ބާޒާރަށް ނެރުނު ކުންފުނީގެ ޑިރެކްޓަރު އިބްރާހިމް ރައޫފު ވިދާޅުވި އެވެ.

ރައޫފުގެ މައިގަނޑު ކަންބޮޑުވުމަކީ އެއްސްޕޯ ބޭއްވިތަން، އެކަމަށް އެންމެ އެކަށީގެން ނުވުމެވެ. ހާމަ ތަނެއްްގައި އެކްސްޕޯ ބޭއްވުމުން މޫސުމުގެ މައްސަލައާ ސެކިއުރިޓީގެ ގޮތުން ކުރަން ޖެހުނު ހަރަދުތައް އިތުރުވެގެން ދިޔަކަން އޭނާ ފާހަގަ ކުރެއްވި އެވެ.

މެރިން އެކްސްޕޯގެ ކޯ ސްޕޮންސަރު ޔޫއޭސީގެ ޖަލްބޫތު ކުންފުނީގެ ސްޓޯލް. --ފޮޓޯ:މުހައްމަދު ޝާބިން/އަދަދު


"މެންދުރުފަހު ވަރަށް ހޫނު، ވައިގަދަވެ ވިއްސާރަ ވުމުގެ ސަބަބުން ވެސް ވަރަށް ގިނަ ދަތިތައް ކުރިމަތިވި، ކޮންވެންޝަން ސެންޓަރެއް ނޫން، ހާމަ ތަނެއް ވީމަ ސެކިއުރިޓީގެ ގޮތުން ވެސް ކުރަން ޖެހުނު ހަރަދު ބޮޑުވެގެން ދިޔަ،" އޭނާ ވިދާޅުވި އެވެ.

އެކްސްޕޯ އަށް މި އަހަރު އަލަށް ތައާރަފުކުރި މެރިން ފުޑް ބާގައި ބައިވެރިވި، ރެސްޓޯރަންޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ބުނީ ހީކުރި ވަރަށްވުރެ ރަނގަޅު ތަރުހީބެެއް ލިބިގެން ދިޔަ ކަމަށާއި އެކްސްޕޯ އަކީ ވަރަށް ރަނގަޅު ތަޖުރިބާ އެއް ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ރޭގައި ވަނީ އެކްސްޕޯ ބައްލަވާލައްވާފަ އެވެ. އެކްސްޕޯ ހުޅުވި ދުވަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް އެކްސްޕޯ ގައި ވަރަށް ގިނަ ވަގުތު ހޭދަކުރެއްވި އެވެ.

ބޯޓް ބިލްޑަރުންނާއި ފިނޭންސް އަދި އިންޝުއަރެންސް ވިޔަފާރިތަކާއި، ބޯޓު ތަކަށާއި މަސްވެރިކަމަށް ބޭނުންވާ ސާމާނާއި މެރިން ފުޑްސް ސަޕްލަޔަރުންނާއި ލޮޖިސްޓިކްސް، މެރިން ޓެކްނޮލޮޖީ، ފަޔާ ސޭފްޓީގެ ހިދުމަތްދޭ ވިޔަފާރިތަކާއި ދާއިރާއާ ގުޅޭ ސަރުކާރުގެ އިދާރާ ތަކާއި އަމިއްލަ ޖަމިއްޔާތައް އަދި އެހެނިހެން ގުޅުންހުރި ވިޔަފާރިތަކުން އެކްސްޕޯގަ ބައިވެރިވި އެވެ.