Advertisement

ސްޓޫޑެންޓް ލޯނު އަނބުރާ ނުދައްކާ މައްސަލައިން، މުސްތަގުބަލަށް ހިޔަނި!

19 ޑިސެންބަރު 2021 - 08:42 6

ފާތިމަތު އަޖްފާން

ފާތިމަތު އަޖްފާން

ސްޓޫޑެންޓް ލޯން ސްކީމްގެ މައްސަލަ ދައްކުވައިދޭ ކުރެހުމެއް: މިނިސްޓަރު އިބްރާހިމް ހަސަންގެ އަމާޒަކީ ނުދައްކާ ހުރި ފައިސާ އަނބުރާ ހޯދައި، ފަހުގެ ޖީލުތަކަށް އިލްމު ފޯރުކޮށްދެވޭނެ މަގު ފަހި ކުރުން -- ފޮޓޯ: މުހައްމަދު އިސާމް/އަދަދު


ސްޓޫޑެންޓް ލޯނު އަނބުރާ ނުދައްކާ މައްސަލައިން، މުސްތަގުބަލަށް ހިޔަނި!

19 ޑިސެންބަރު 2021 - 08:42 6

މަތީ ތައުލީމުު ހާސިލްކުރުމަށް ލޯނު ދޫކުރަން ހިންގާފައިވާ ސްކީމުތައް ބޮއްސުންލާފައިވާ މިންވަރު ނެރެފައިވާ އޮޑިޓް ރިޕޯޓުތަކުން އެނގެ އެވެ. އެ ރިޕޯޓުތަކުގައި ބުނެފައިވާ ގޮތުގައި ލިބެންޖެހޭ ފައިސާގެ އަދަދާއި ދަރިވަރުން ފައިސާ ނުދައްކާ ހޭދަވެފައިވާ މުއްދަތު ފަދަ މުހިންމު މައުލޫމާތުތައް ކަށަވަރު ކުރެވެން ނެތެވެ.

މަތީ ތައުލީމު ހާސިލުކުރަން އެންމެ ފުރަތަމަ ލޯނު ދޫކުރީ ވޯލްޑް ބޭންކްގެ އެހީގައި 1990 ވަނަ އަހަރެވެ. އެއަށް ފަހު އެކި ނަންނަމުގައި ސްކީމުތައް ހިންގާފައިވެ އެވެ. މިހާރު މިއޮތް އުސޫލުން ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް ސްޓޫޑެންޓް ލޯން ދޫކުރަން ފެށީ 2010 ވަނަ އަހަރުން ފެށިގެންނެވެ.

ސަރުކާރުން 1990 ވަނަ އަހަރުން ފެށިގެން އެކި ސްކީމުތަކުން ދޫކޮށްފައިވާ ފައިސާގެ އަދަދާއި ދަރިވަރުންގެ އަދަދާއި ނުލިބި ހުރި ފައިސާގެ ޖުމުލަ އަދަދެއް އެއްވެސް ރިޕޯޓުގައި ނެތުމުން މައްސަލައިގެ ބޮޑުމިނާއި ފުންމިން އޮތް މިންވަރު ސާފު އެނގެން ނެތަސް، ފެންނަން ހުރި ނަންބަރުތަކުން ވެސް ސިއްސައިގެންދެ އެވެ.

އޮޑިޓަ ޖެނެރަލް އެކުލަވާލައި، 2017 ގައި ނެރެފައިވާ ސްޓޫޑެންޓް ލޯން ސްކީމްގެ ޕާފޯމަންސް އޮޑިޓް ރިޕޯޓުގައި ބުނެފައިވާ ގޮތުގައި 2012 ވަނަ އަހަރުގެ ނިޔަލަށް ލޯނު އަނބުރާ ދައްކަން ޖެހޭ 935 ދަރިވަރުންގެ ތެރެއިން 242 ދަރިވަރުން، 2013 ވަނަ އަހަރުގެ ނިޔަލަށް 1،332 ދަރިވަރުންގެ ތެރެއިން 347 ދަރިވަރުން އަދި 2014 ވަނަ އަހަރުގެ ނިޔަލަށް 1،666 ދަރިވަރުންގެ ތެރެއިން 658 ދަރިވަރުން ލޯނު ފައިސާ އަނބުރާ ދައްކާފައެއްނުވެ އެވެ.

ހަޔަ އެޑިއުކޭޝަން މިނިސްޓްރީގެ 2019 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވާ ގޮތުގައި ބީއެމްއެލް މެދުވެރިކޮށް ދޫކުރާ ނެޝަނަލް ސްޓޫޑެންޑް ލޯން ސްކީމުން 2014 އިން 2019ގެ ނިޔަލަށް ޖުމުލަ 1.5 ބިލިއަން ރުފިޔާ ދޫކޮށްފައި ވާއިރު، އެ ލޯނުތަކުގެ ތެރެއިން ދައްކަން ޖެހި ނުދައްކާ ހުރި ފައިސާގެ އަދަދު 64 މިލިއަން ރުފިޔާ އަށް އަރަ އެވެ. ލިބެންޖެހި ނުލިބޭ ފައިސާ އެންމެ ގިނައީ ހަޔަ އެޑިއުކޭޝަން މިނިސްޓްރީން މެނޭޖްކުރާ ގޮތަށް ދޫކޮށްފައިވާ ލޯނުތަކަށެވެ. އެ ސްކީމުން 114.1 މިލިއަން ރުފިޔާ ދޫކޮށްފައިވާއިރު އަނބުރާ ދައްކަން ޖެހި ނުދައްކާ ފައިސާގެ އަދަދު 101.8 މިލިއަން ރުފިޔާ އަށް އަރަ އެވެ.

އެ ދެ ސްކީމާއެކު އެކިއެކި ސްކީމުތަކުން 2014 އިން 2019 ގެ ނިޔަލަށް 1.8 ބިލިއަން ރުފިޔާގެ ލޯނު ދަރިވަރުންނަށް ދޫކޮށްފައިވާއިރު، ދައްކަން ޖެހި ނުދައްކާ ހުރި ފައިސާގެ އަދަދު 173 މިލިއަން ރުފިޔާ އަށް އަރަ އެވެ.

ކުރީގެ ހިސާބުތައް ރަނގަޅަށް ފެންނަން ނެތުމުން، އަނބުރާ ދައްކަން ޖެހޭ ފައިސާގެ ސާފު އަދަދެއް އެނގެން ނެތެވެ. ނަމަވެސް ހަޔާ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން "އަދަދު"އަށް ދެއްވި އިންޓަވިއުގައި ވިދާޅުވި އަދަދުތަކުން ހިސާބު ކުރާއިރު، ފައިސާ ފުރިހަމަ އަށް ދައްކާފައި ވަނީ އެންމެ 5.3 ޕަސެންޓް ދަރިވަރުންނެވެ.

"ޖުމްލަ 10،000 އަށްވުރެ ގިނަ ދަރިވަރުންނަށް ލޯނު ދީފައިވާއިރު އެެއްކޮށް ދައްކާ ނިންމާފައި ވަނީ 530 ކުދިން. އެއީ ގަވާއިދުން ފައިސާ އަނބުރާ ދައްކާ ނިންމާފައި ތިބި ދަރިވަރުން،" މިނިސްޓަރު ވިދާޅުވި އެވެ.

ފައިސާ ހޯދަން މިނިސްޓަރުގެ އަޒުމު ވަރުގަދަ

މަތީ ތައުލީމަށް ދޫކުރާ ލޯނު އަނބުރާ ބަރާބަރަށް ދައްކަމުން ނުދާއިރު ވެސް، ފިޔަވަޅަކަށް ވާ ގޮތަކަށް ފިޔަވަޅެއް އަޅައިފައެއް ނެތެވެ. އެ ފައިސާ އަނބުރާ ހޯދަން މަސައްކަތްކުރަންޖެހޭ ގޮތަށް މަސައްކަތެއް ވެސް ކޮށްފައެއް ނެތެވެ.

ނަމަވެސް، މިހާރު ހުންނެވި ހަޔާ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ކަނޑައަޅުއްވާފައި ވަނީ ލޯނު ފައިސާ ހޯދުމަށްޓަކައި ކުރަން ޖެހުނު ކޮންމެ ކަމެއް ވެސް ކުރެއްވުމަށެވެ. ސަބަބަކީ އެ ފައިސާ ހޯދައިގެން ނޫނީ މުސްތަގުބަލުގައި ދަރިވަރުންނަށް ތައުލީމު ފޯރުކޮށްދޭން ދަތިވާތީ އެވެ.

މިނިސްޓަރު ދެކެވަޑައިގަންނަވާ ގޮތުގައި ސަރުކާރުގެ ޒިންމާއަކީ ހަމައެކަނި މިވަގުތު ކިޔަވަން ތިބި ދަރިވަރުންނަށް ނުވަތަ މި ވަގުތު ކިޔަވަން ދާން ތިބޭ ދަރިވަރުންނަށް ފައިސާ ހޯދައިދިނުން ނޫނެވެ. މުސްތަގުބަލުގައި ކިޔަވަންދާން ތިބި ދަރިވަރުންނަށް ވެސް ފައިސާ ހޯދައިދެވޭނެ ނިޒާމެއް ހަމަޖެއްސުމެވެ. އެކަމުގެ ފުރިހަމަ ބުރު ހިނގާނީ ދަރިވަރުން ލޯނު ނެގުމަށް ފަހު އަނބުރާ ބަރާބަރަށް ދައްކައިގެންނެވެ.

"ފައިސާ ހޯދުމަށްޓަކައި ކޮންމެ ތަނަކަށް ދާން ޖެހުނަސް އަޅުގަނޑުމެން ދާނަން،" އޭނާ ވިދާޅުވި އެވެ.

މިހާރު ދޫކޮށްފައިވާ ސްޓޫޑެންޓް ލޯނުތައް އަނބުރާ ދެއްކަން ފެށުން ވަގުތީ ގޮތުން ފަސްކުރީ ކޮވިޑުގެ ބަލިމަޑުކަމާ ގުޅިގެންނެވެ. އޭރު ކަނޑައެޅި މޮރިޓޯރިއަމް މި ޑިސެމްބަރުގެ ނިޔަލަށް ހަމަވުމާއެކު އަނބުރާ ފައިސާ ދައްކަން ފެށުމަށް މިނިސްޓަރު އިލްތިމާސްކުރެއްވެވި އެވެ.

އަބަދަކު އެ އިރެއްގައި އޮންނަ ސަރުކާރެއްގެ ބަޖެޓަކުން ކޮންމެ އަހަރަކު ލޯނު ދިނުމަކީ މާލީ ގޮތުން ފަސޭހަ ކަމަކަށް ނުވާނެ. އެއީ ކޮންމެ ސަރުކާރެއް ވިޔަސް. ސަރުކާރުން ދަރިވަރުންނަށް ފައިސާ ދީގެން ކިޔަވާ ދިނީމަ ދަރިވަރުންގެ ޒިންމާ އެއް ކަމަށް އަޅުގަނޑުމެން ދެކެނީ އެ އަނބުރާ ދައްކައިގެން ތިމާއަށް ލިބިފައި އޮތް ފުރުސަތު އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަކީ،" އޭނާ ވިދާޅުވި އެވެ.

ކިޔެވުމުގެ ނަމުގައި ލޯނު ނެގުމަށް ފައިސާ ފައިސާ އެހެން ކަންކަމަށް ވެސް ބޭނުންކޮށްފައި އެބަ ހުއްޓެވެ. އެކަން ބެލުމަށްޓަކައި އޮޑިޓަ ޖެނެރަލް އޮފީހުގެ އޮޑިޓަރުން، 2010 އިން 2013 ވަނަ އަހަރަށް ލޯނު ލިބިފައިވާ ފަރާތްތަކުގެ ލިސްޓުން ސާމްޕަލްއަށް ނެގި ދަރިވަރުންގެ ތެރެއިން 104 ދަރިވަރުން ފުރަތަމަ އިންސްޓޯލްމަންޓް ހޯދުމަށްފަހު ދެވަނަ އިންސްޓޯލްމަންޓަށް އެދިފައެއް ނުވެ އެވެ.

އެހެންކަމުން އެ ފަރާތްތަކުން ލޯނު ބޭނުންކޮށްފައި ވަނީ މަތީ ތައުލީމު ހާސިލު ކުރުމަށް ކަމެއް ނުވަތަ އެހެން ކަމަކަށް ކަމެއް އެނގޭނޭ ގޮތެއް ނެތެވެ. އަދި ލޯނުގެ ފަހު އިންސްޓޯލްމަންޓްގެ ފައިސާ ބޭނުންކޮށްފައި ވަނީ ކިޔެވުމަށްކަން ޔަގީންކުރެވޭނެ ގޮތެއް ނެތްކަން ވެސް އޮޑިޓުން ފާހަގަކުރެ އެވެ.

ބޮންޑު ވެސް ހަމަ ނުކުރޭ

ސަރުކާރުން ދޫކުރާ ލޯނުތަކުގެ ޝަރުތެއްގެ ގޮތުން، ކިޔަވައި ނިންމުމަށްފަހު ބޮންޑެއްގެ ގޮތުގައި ވަކި މުއްދަތަކަށް ދައުލަތަށް ހިދުމަތް ކުރަން ޖެހެ އެވެ. ނަމަވެސް ލޯނު ނަގައިގެން ބޭރުން ކިޔަވައިގެން އައި ނަމަވެސް ލޯނުގައި ހިމަނާފައިވާ ބޮންޑު ފުރިހަމަ ކުރަނީ މަދު މީހެކެވެ.

އެއްބަޔަކު ކިޔަވައިގެން އައިސް ބޮންޑު ފުރިހަމަ ނުކޮށް އުޅޭއިރު އަނެއް ބަޔަކު ބޭރަށް ދިއުމަށްފަހު އަނބުރާ ރާއްޖެ ނާދެ އެވެ. ކިޔެވި ގައުމު ނުވަތަ އެހެން ގައުމެއްގައި ވަޒީފާ އަދާކޮށް ދިރިއުޅުން ބިނާކުރަނީ އެވެ.

މި މައްސަލައިގައި އެހެން ފުށެއް ވެސް އެބައޮތެވެ. ދަރިވަރުންގެ ކަންބޮޑުވުންތަކެވެ. ގޭގެ ކުއްޔާއެކު ހަރަދުތަކުގެ ނިސްބަތުން އެކަށީގެންވާ އުޖޫރައެއް ނުލިބޭ ކަމުގެ ޝަކުވާ އެވެ.

"ކިޔަވައި ނިމިގެން އަންނަ އިރު ބޮޑު ދަރަންޏެއް އެބަ އޮވޭ ބޮލުގަ. ލިބޭ މުސާރައިން ލޯނު ދައްކަމުން ގޭގެ ކުލި ނުދައްކާ ކިހިނެތް އުޅޭނީ. މާލޭގަ ނޫނީ ވަޒީފާ ލިބޭކަށް ނެތް. މާލޭގަ ތިބެންޏާ ލިބޭ ހުރިހާ ލާރިއެއް ގޭގެ ކުއްޔަށް. ހަމަ އެއްގޮތަކަށްވެސް ދެކޮޅުނުޖެހިގެން މި އުޅެނީ،" ލޯނު ނަގައިގެން ކިޔެވި ދަރިވަރަކު ބުންޏެވެ.

ކުރިން ފެށިގެން ދޫކޮށްފައިވާ ސްޓޫޑެންޓް ލޯނުތަކަށް ފައިސާ ދައްކަމުން ނުދާއިރު، މަތީ ތައުލީމާ ބެހޭ ގާނޫނުގެ ދަށުން ދަރިވަރުންގެ ލޯނު އަނބުރާ ދެއްކުމުގެ އުސޫލެއް ޑްރާފްޓްކޮށް ނިންމުމުގެ މަސައްކަތް މިހާރު މިނިސްޓްރީން އަންނަނީ ކުރަމުންނެވެ. އެ އުސޫލު ނިމުމުން ފައިސާ އަނބުރާ ހޯދަން ފަސޭހަ ކަމެއް އަންނާނެ ކަމަށް މިނިސްޓަރު ގަބޫލުކުރައްވަ އެވެ.