14 ޑިސެންބަރު 2021 - 14:09 0
އައްޒާމް އަލިފުޅު
މިދިޔަ ސީޒަނުގެ މެޗެއްގެ ތެރެއިން އާތީ (ވ) އާއި ޓީމުގެ އެސިސްޓަންޓް ކޯޗު ކުޑަހީނާ.-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު
14 ޑިސެންބަރު 2021 - 14:09 0
މިދިޔަ ސީޒަނުގައި ކްލަބް ވެލެންސިއާ އަށް ކޯޗުކޮށްދިން ތަޖުރިބާކާރު ކޯޗު މުހައްމަދު އާތިފް އެ ޓީމުގެ ކޯޗުގެ މަގާމުން ވަކިވެއްޖެ އެވެ.
"އަދަދު" އަށް އެނގިފައިވާ ގޮތުގައި މީގެ ފަސް ވަރަކަށް ދުވަސް ކުރިން އާތީ ވަނީ އެ ޓީމުގެ ކޯޗުކަން ދޫކޮށްލައިފަ އެވެ. ވެލެންސިއާގެ ޕްރީ ސީޒަން ޕްރެކްޓިސް ކުރިއަށް ގެންދަނީ އެސިސްޓަންޓް ކޯޗު އިސްމާއިލް އާސިފް (ކުޑަހީނާ)ގެ ބެލުމުގެ ދަށުންނެވެ.
ރާއްޖޭގެ ފުޓްބޯޅަ ސީޒަން ހުޅުވުމުގެ ގޮތުން ކުޅޭ އެފްއޭ ޗެރިޓީ ޝީލްޑް މެޗުގައި މާދަމާރޭ ލީގު ޗެމްޕިއަން މާޒިޔާއާ ދެކޮޅަށް ވެލެންސިއާ ނުކުންނާނީ ކުޑަހީނާގެ ބެލުމުގެ ދަށުންނެވެ. އެ މެޗުގެ ކުރިން މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވީ ކޯޗިން ޓީމުގައި މަސައްކަތްކުރަމުން އަންނަ އާފިއު މުހައްމަދު އެވެ.
އާފިއު ބުނީ ވެލެންސިއާ ކޯޗުކަން ދޫކޮށްލުމަކީ އާތީގެ އަމިއްލަ ނިންމުމެއް ކަމަށާއި އެ ޓީމުން އާ ކޯޗެއް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި ވެލެންސިއާ އިން މާޒިޔާއާ ދެކޮޅަށް ނުކުންނާނީ ކޯޗިން ޓީމެއްގެ ބެލުމުގެ ދަށުން ކަމަށް އާފިއު ވަނީ ބުނެފަ އެވެ.
އާފިއު އާއި ކުޑަހީނާގެ އިތުރުން ދެން ހިމެނެނީ އިލްމާއު ހުސެއިން (މައު) އެވެ.
އާތީ ވަނީ 2019 ވަނަ އަހަރުގެ ސީޒަނުގެ ޗެރިޓީ ޝީލްޑް ޓީސީ އަށް ކާމިޔާބު ކޮށްދީފަ އެވެ. އެކަމަކު، އެ ސީޒަނުގެ ވަކި ހިސާބަކުން ޓީސީގެ ކޯޗުކަމުން އިސްތިއުފާ ދިނުމަށް ފަހު އާތީ ދެން ފެނުނީ މިދިޔަ ސީޒަނުގައި ކްލަބް ވެލެންސިއާ ބެންޗުންނެވެ. އާތީގެ ކޯޗުކަމުގައި ވެލެންސިއާ އިން ވަނީ މިދިޔަ ސީޒަނުގައި ލީގުގެ ރަނަރަޕް ހޯދައިފަ އެވެ.
ގައުމީ އަންހެން ޓީމުގެ ހެޑް ކޯޗުކަމާއި ފިރިހެން ޓީމުގެ އެސިސްޓެންޓް ކޯޗުކަން ވެސް ކޮށްފައިވާ އާތީ ވަނީ ޔުނައިޓެޑް ވިކްޓަރީ (ޔޫވީ)އާ އެކު ކާމިޔާބު މަސައްކަތެއް ކޮށްފަ އެވެ.
އާތީ ވަނީ 2016 ވަނަ އަހަރުގެ ދިވެހި ޕްރިމިއާ ލީގުގައި، ޔުނައިޓެޑް ވިކްޓަރީ އަށް ގަދަ ހަތަރަކުން ފުރުސަތު ހޯދައިދިނުމުގެ އިތުރުން އެ ފަހަރުގެ އެފްއޭ ކަޕުގައި އޭރު އެންމެ ވަރުގަދަކޮށް އޮތް މާޒިޔާ ކަޓުވާލުމަށް ފަހު ސެމީ ފައިނަލުގައި ވެސް ވާދަކޮށްފަ އެވެ. އެކަމަކު ޖެހިގެން އައި އަހަރު އޭނާ ވަނީ އެ ޓީމުގެ ކޯޗުކަމުން ވަކިވެ، ގައުމީ އަންހެން ޓީމާ ހަވާލުވެފަ އެވެ.
އާތީގެ ކޯޗުކަމުގައި ގައުމީ އަންހެން ޓީމަށް ސިންގަޕޫރުގައި ބޭއްވި މުބާރާތަކުން ތިން ވަނަ ހޯދައިދީ އެ ޓީމަށް ބޮޑު ކުރިއެރުމެއް ހޯދައިިދިނެވެ. ވަރުގަދަ ޓީމުތަކާ ދެކޮޅަށް ކުޅެ، އަންހެން ފުޓްބޯޅަ އަށް ކުރިއެރުންތަކެއް ހޯދައިދޭން އާތީ މުހިއްމު މަސައްކަތްތަކެއް ކުރި އެވެ.
Comment