Advertisement

ޕޭރެންޓިން ޓިޕްސް: އޭޑީއެޗްޑީ ކުއްޖަކު ހުންނަ ނަމަ ކިޔާލަން

13 ޑިސެންބަރު 2021 - 08:17 0

ކުޑަ ދެ ކުއްޖަކު ކިޔެވުމަށް މޭޒެއް ދޮށުގައި: އޭޑީއެޗްޑީ ކުދިން ކަންކަން ކުރަން ވަކި ތަރުތީބަކާއި ޝެޑިއުލް ބޭނުންވާ ވަރު އެހެން މީހުންނަށް ވުރެ ބޮޑު.


ޕޭރެންޓިން ޓިޕްސް: އޭޑީއެޗްޑީ ކުއްޖަކު ހުންނަ ނަމަ ކިޔާލަން

13 ޑިސެންބަރު 2021 - 08:17 0

ކުރިއަށް މިއޮތީ ޓާމު ޗުއްޓީ އެވެ. ސްކޫލްތައް ބަންދުވެ ގޭގައި ގިނަ ވަގުތުތަކެއް ހޭދަކުރަން ލިބުމާއެކު ކުރާނެ ކަމެއް ނޭނގި ފޫހިވާ ކުދިންނާ, މުޅި ދުވަސް ސަކަރާތާއި މަޖަލުގައި ހޭދަ ކުރާ ކުދިންވެސް ތިބޭނެ އެވެ. މިއިން ކޮންމެ ކަަމަކުން ވެސް ކުދިންގެ އުޅުމަށް ބޮޑެތި ބަދަލުތަކެއް އެކި ގޮތްގޮތުން އައުމުގެ ފުރުސަތު ބޮޑެވެ. ހާއްސަކޮށް އެޓެންޝަން ޑެފިސިޓް ހައިޕައެކްޓިވިޓީ ޑިސްއޯޑާ (އޭޑީއެޗްޑީ) ހުންނަ ކުދިންނަކީ ވަކި ހާއްސަ ތަރުތީބަކުން ކަންކަން ނުދާ ނަމަ އޭގެ ސަބަބުން ތަފާތު އުނދަގޫ ކުރިމަތިވާ ކުދިންނެވެ.

މި ހިމަނާލަނީ މިފަދަ ކުދިންނަށް އެހީވެދިނުމުގެ ގޮތުން ބެލެނިވެރިންނަށް ކުރެވިދާނެ ދެތިން ކަމެކެވެ.

އޭޑީއެޗްޑީއަކީ ސަމާލުކަން ކުޑަވުމާއި މަޑުމަޑުން ހުންނަން އުނދަގޫވުމެވެ. މި ބަލީގެ ތިން ބާވަތެއް ހިމެނެ އެވެ. އެއީ ހަމައެކަނި ސަމާލުކަން ދޭން އުނދަގޫވުމާއި، ހަމައެކަނި މަޑުމަޑުން ނީދެވުމާ އަދި މި ދެބައި އެކުގައި ހުންނަ ކުދިންނެވެ.

ހެނދުނާ ހަވީީރުގެ ހާއްސަ ޝެޑިއުލެއް

އަހަރެމެން ކޮންމެ މީހަކީވެސް ވަކި ލިމިޓެއްގެ ތެރެއިން ހުރިހާ ކަމެއްވެސް ވަކި ތަރުތީބަކުން ކުރަން ބޭނުންވާ ބައެކެވެ. އޭޑީއެޗްޑީ ކުދިންނަށް މި ތަރުތީބާ ޝެޑިއުލް ބޭނުންވާ ވަރު އަދި މާ ބޮޑެވެ. އެކުދިންގެ އުޅުން ވަކި ތަރުތީބަކަށް ފެއްތުމަށް، މުޅި ދުވަހުގެ ތާވަލެއް ނުވަތަ ހެނދުނާ ހަވީރަށް ހާއްސަ ތާވަލެއް ތައްޔާރު ކުރެވިދާނެ އެވެ. ލިޔަންކިޔަން އެކަނި އެނގޭ ވަރަށް ވުރެ ދަރިފުޅު ކުޑަނަމަ ތަސްވީރުތަކަކުން ވެސް ޝެޑިއުލް ހެދިދާނެ އެވެ. މި ތާވަލުގެ އެހީގައި ކުއްޖާގެ އުމުރާއި އެކަށޭނަހެން ބޭނުންވާ ހުރިހާ ވަގުތެއްގެ ނިދި ފުރިހަމަކުރުމަށް ސަމާލުކަންދޭންވާނެ އެވެ.

ދަރިފުޅާއި ވީހާވެސް ގިނައިން ވާހަކަ ދެއްކޭތޯ ބަލާ

އޭޑީއެޗްޑީ ހުންނަ ގިނަ ކުދިންނަކީ އެހެން މީހުންނާ މުވާސަލާތުކުތުމުގައި ކޮންމެވެސް ކަހަލަ އުނދަގޫތަކެއް ހުންނަ ކުދިންނެވެ. އެހެންކަމުން ގޭގައި ގިނަ ވަގުތުތަކެއް ހޭދަކުރަން މި ލިބޭ ފުރުސަތުގައި ވީހާވެސް ގިނައިން ކުދިންނާ ވާހަކަދައްކާ އެ ވަގުތަކީވެެސް ކުއްޖާއަށް ކަންތައްތަކެއް އުގަންނައިދޭން މަސައްކަތްކުރާ ވަގުތަކަށް ހެދިދާނެ އެވެ. މިގޮތުން ކަމެއް ބޭނުންވުމުން އެކަމަކަށް އެދި ބުނުމާ, ބޭނުންވާ ކަންކަމަށް އެހެން މީހަކު ނޫނެކޭ ބުނުމުން އަމަލުކުރަންވީ ގޮތް ކިޔައިދިނުމާ, އެހެން މީހުންގެ އިހުސާސްތައް ކިޔައިދިނުމަށްވެސް މި ފުރުސަތުގައި މަސައްކަތްކުރެވިދާނެ އެވެ.

ސަމާލުކަން އިތުރުކޮށްދިނުމަށް ކަސްރަތު

އޭޑީއެޗްޑީ ހުންނަ ގިނަ ކުދިންނަކީ އިމްޕަލްސް ކޮންޓްރޯލް ގެ މައްސަލަތައް ދިމާވާ ކުދިންނެވެ. ހަމަޖެހިލައިން މަޑުމަޑުން ހުންނަން މާ ބޮޑަށް އުނދަގޫވާހެން ހީވާނަމަ ކުއްޖާގެ އިހުސާސްތައް ބުނެދީގެން އެ ބޭރުކުރުވަން މަސައްކަތްކޮށްދޭންވާނެ އެވެ. އޭރަށް ކުދިންގެ ބަސްމޮށުންތެރިކަން ރަނގަޅުވުމުގެ އިތުރަށް ބެލެނިވެރިޔާއަށްވެސް ކުއްޖާގެ ވިސްނުމާ ފިކުރު ދެނެގަތުމަށް އެހީއަކަށްވާނެ އެވެ. މިގޮތުން މާ ބޮޑަށް އުނދަގޫވާހެން ހީވާނަމަ ކުއްޖާ ގޮވައިގެން ހިނގާލަން ދިއުންފަދަ ކަމެއް ކުރެވިދާނެ އެވެ. ނޫންނަމަ "ޑާންސް އެންޑް ފްރީޒް" ފަދަ ގޭމްތަކަކީވެސް ގޭތެރޭގައި ތިބެގެން މިބުނާ މަގްސަދު ހާސިލްކޮށްދޭނެ ކަމެކެވެ. މިފަަދަ ހަރަކާތަކަށްފަހު ދަރިފުޅު ލައްވާ ފިލާވަޅެއް ނުވަތަ އެނޫންވެސް ގޭތެރޭގެ ކަމެއް ކުރަން ފަސޭހަވެސްވާނެ އެވެ.

މޯޓިވޭޓްކުރުމަށް ތަފާތު ހަދިިޔާއެއް

މި ދުވަސްތަކަކީ ފަހަރެއްގައި ދަރިފުޅު ލައްވާ ގިނަ ކަންކަން ކުރުވުމަށް އެންމެ ފަސޭހަ ދުވަސްތަކަކަށް ނުވެދާނެ އެވެ. އެހެންކަމުން ބޮޑާހާކައި ރޮއެގެން ކަންކަން ކުރުވަން އުޅުމަށްވުރެ އެކަމެއް ކޮށް ނިންމާލުމުން އަގުވަޒަންކުރުމުގެ ގޮތުން ކުޑަ އިނާމެއް ނުވަތަ ހަދިޔާއެއް ކަނޑައެޅިދާނެ އެވެ. އޭރުން އެކަމެއް ރަނގަޅަށް ކުރުމަށް ކުއްޖާއަށް އިތުރުއެހީ އަކަށްވާނެ އެވެ. މިތަނުގައި ހަދިޔާ މާނަކުރެވެނީ ހަމައެކަނި އަގުބޮޑު ތަކެއްޗަކަށް ނޫނެވެ. މިގޮތުން އިނާމެއްގެ ގޮތުގައި 10 މިނިޓު އިތުރަށް ސްކްރީން ޓައިމް ދެވިދާނެ އެވެ. ނުވަތަ ނިދަން އޮށޯންނަ ވަގުތު ވަކިވަރަކަށް ލަސްވެސް ކުރެވިދާނެ އެވެ.

ކުދި ކުދި ކަންކަމާ މާ ބޮޑަށް މާޔޫސް ނުވާތި

ދަރިއަކު ބަލާ ބޮޑު ކުރުމަކީ ފަސޭހަކަމެއް ނޫނެވެ. އަދި ހާޢްސަ އެހީތެރިކަމެއް ދޭންޖެހޭ މިފަދަ ކުއްޖެއް ބެލުމަކީ އެކަމުގެ ބުރަ ދެތިންގުނަ މަތިވާ ކަމެކެވެ. ސްކޫލަށް ނުގޮސް މުޅި ދުވަސް ބެލެނިވެރިންނާ އާއިލާއާ އެކީ ކުދިން ހޭދަކުރާއިރު ތިމާގެ ކެތްތެރިކަން ކޮޅުންލާ ކިތަންމެ ހާދިސާއަކާވެސް ކުރިމަތިލާންޖެހިދާނެ އެވެ. ހަނދާނުގައި ބަހައްޓަންވީ އެންމެ މުހިންމު އެއްކަމަކީ ދަރިފުޅާއި މެދު އަމަލުކުރެވޭ ގޮތް އެންމެ ބޮޑަށް ބިނާވާނީ ތިމާގެ ވިސްނުމާއި ނަފްސު އެގަޑީގައި ހުރި ހާލަތަކަށް ކަމެވެ. އެހެންކަމުން ތިމާގެ އަމިއްލަ ނަފްސަށްވެސް އޯގާތެރިވެ, ކުދިިންނާ ގޭތެރޭގެ ކަންކަމުން ބްރޭކް ނަގާ ހެދުމަކީ މައްސަލަ އެއް ނޫނެވެ. ކަންކަމާ މާ ބޮޑަސް ސްޓްރެސްވެ ބޯ ގޮވާހެން ހީވާނަމަ އެހެންމީހުންގެ އެހީތެރިކަންވެސް ހޯދާށެވެ.