Advertisement

އެމްބިޔުލަންސަކަށް ކުރި އެތައް އަހަރެއްގެ އިންތިޒާރު ނިމުމަކަށް

13 ޑިސެންބަރު 2021 - 12:23 0

ފާތިމަތު އަޖްފާން

ފާތިމަތު އަޖްފާން

ށ. ބިލެތްފައްސަށް ގެނައި އެމްބިއުލަންސް: ލިބުނު އެމްބިއުލާންސާއެކު ފަސްޓްއެއިޑްގެ ހިދުމަތް ލިބޭނެ-- ފޮޓޯ: ބިލެތްފަހި ކައުންސިލް


އެމްބިޔުލަންސަކަށް ކުރި އެތައް އަހަރެއްގެ އިންތިޒާރު ނިމުމަކަށް

13 ޑިސެންބަރު 2021 - 12:23 0

އަތޮޅުތެރެއަށް ބޭނުންވާ 96 އެމްބިއުލާންސް ގެނައުމަށްޓަކައި ފިނޭންސް މިނިސްޓްރީ އާއި ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އާއެކު ހެލްތު މިނިސްޓްރީން އެއްބަސްވުމުގައި ސޮއިކުރީ މީގެ ހަ މަސް ދުވަސް ކުރިން ކުރިން، ޖޫން މަހުގެ 10 ވަނަ ދުވަހު އެވެ.

ސޮއި ކުރެވުނު 96 އެމްބިއުލާންސްގެ ތެރެއިން ފުރަތަމަ 20 އެމްބިއުލާންސް ފޮނުވަން ފަށަފައި ވަނީ އޮކްޓޫބަރު މަހު އެވެ. އެ ބުރުގައި ފޮނުވާފައި ވަނީ ހއ. އުލިގަމު، ހއ. ފިއްލަދޫ، ހދ. މަކުނުދޫ، ހދ. ނޮޅިވަރަމް، ށ. ފޯކައިދޫ، ނ. މިލަދޫ، ނ. ހެނބަދޫ، ރ. އިނގުރައިދޫ، ޅ. ކުރެންދޫ، ބ. ތުޅާދޫ، ކ. ހުރާ، އދ. ދަނގެތި، ފ. ބިލެއްދޫ، ތ. މަޑިފުށި، ލ. މާމެންދޫ، ގއ. ގެމަނަފުށި، ށ. މަރޮށި، ތ. ގާދިއްފުށި، ބ. ކުޑަރިކިލު އަދި އއ. ތޮއްޑޫއަށެވެ.

އެއަށްފަހު ދެވަނަ ބެޗް ފޮނުވާފައި ވަނީ މިދިޔަ މަހު އެވެ. އެއީވެސް 20 އެމްބިއުލާންސެވެ. އެ ފަހުން ތިން ވަނަ ޝިޕްމެންޓް ރާއްޖެ ގެނެސް ފޮނުވަން ފަށާފައި ވަނީ މި މަހުގެ ހަވަނަ ދުވަހު އެވެ.

އެމްބިއުލާންސްތައް ފޮނުވަން ނިންމާފައިވާ ރަށްތަކުގެ ތެރޭގައި ހިމެނެނީ ހދ. ކުމުންދޫ، ށ. ބިލެތްފަހި، ށ. ނަރުދޫ، ނ. ފޮއްދޫ، ނ. ކުޑަފަރި، ބ. ކެންދޫ، އއ. މަތިވެރި، އދ. މަންދޫ، އދ. ފެންފުށި، ފ. ފީއަލި، މ. ކޮޅުފުށި، ތ. ވަންދޫ، ތ. ބުރުނި، ތ. ދިޔަމިގިލި، ލ. ކުނަހަންދޫ، ގއ. ކޮލަމާފުށި، ގއ. ނިލަންދޫ، ގދ. ރަތަފަންދޫ، އއ. ބޮޑުފޮޅުދޫ، މ. ދިއްގަރު އެވެ.

މިފަހަރުގެ ޝިޕްމެންޓް ލިބުނު ރަށްތަކުގެ ތެރެއިން އެންމެ ގިނަ ދުވަހަށްފަހު އެމްބިއުލާންސެއް ލިބިފައި ވަނީ ށ. ބިލެތްފައްސަށެވެ.

ބިލެތްފަހި ކައުންސިލްގެ ރައީސް އަބްދުﷲ ޒިޔާދު ވިދާޅުވީ މިހާރު ބޭނުން ކުރަމުންދާ އުޅަނދަކީ 2001ވަނަ އަހަރު އެ ރަށުގެ ސިއްހީ މަރުކަޒު ހުޅުވި ދުވަހުން ފެށިގެން ބޭނުން ކުރަމުން އައި ވޭން ކަމަށެވެ.

އެމްބިއުލަންސްގެ އުނދަގޫ ކުރިމަތި ނުވި ނަމަވެސް ލިބުނު އާ އުޅަނދާއެކު ރަށުގެ ސިއްހީ ނިޒާމަށް ކުރިއެރުމެއް ލިބިފައިވާ ކަމަށް ޒިޔާދު ވިދާޅުވި އެވެ.

"ތަފާތަކީ އުޅަނދު. އެކަމަކު ކުރީގަ ނުހުރޭ އެމްބިއުލަންސަކުން ލިބެން ޖެހޭ ހިދުމަތްތަކެއް. ނަމަވެސް މިހާރު މި ވަނީ އެ ހިދުމަތްވެސް ފަހިވެފައި ލިބުނު އާ އުޅަނދާއެކު. އެއީ ވަރަށް ބަލައިގަންނަ ކަމެއް،" ޒިޔާދު ވިދާޅުވި އެވެ.

ރާއްޖޭގައި އާންމުކޮށް ހުރިހާ ރަށެއްގައިވެސް އެމްބިއުލާންސްގެ ގޮތުގައި ބޭނުން ކުރަމުން އަންނަނީ ވޭން އެކެވެ. އެމްބިއުލާންސަކުން ލިބޭ ފަސްޓް އެއިޑްގެ ފަރުވާ އެއް ނުލިބެ އެވެ. ހަމަ އެކަނި މީހުން އެއްތަނުން އަނެއްތަނަށް އުފުލޭ ކަމެވެ.

ނަމަވެސް އެ ވެސް ގިނަ ދުވަހަކަށް ބޭނުން ކުރެވޭ ގޮތެއް ނުވެ އެވެ. ކޮންމެވެސް މައްސަލައެއް ޖެހި އެންމެ ބޭނުން ޖެހޭ ވަގުތު އޮންނަނީ ބޭނުން ނުކުރެވޭ ހާލަތުގަ އެވެ.

އޭގެ އެއް ރަށަކީ ގއ. ނިލަންދޫ އެވެ.

ނިލަންދޫ ސިއްހީ މަރުކަޒުގެ ސީނިއާ އެޑްމިނިސްޓްރޭޓާ، ތޯހިރު އަހުމަދު ވިދާޅުވީ އެމްބިއުލާންސެއް ލިބިފައި ވަނީ 15 އަހަރަށް ފަހު ކަމަށެވެ. ބަލި މީހުން އުފުލަން ބޭނުންކުރަމުން އައި ވޭން ރަނގަޅަށް ނުދުއްވޭ ހާލަތުގައި އޮންނަތާ ދެ އަހަރު ވެދާނެ ކަމަށް ތޯހިރު ވިދާޅުވި އެވެ.

"ފާއިތުވި ދެ އަހަރު ބަލި މީހުން އުފުލުމަށް ބޭނުން ކުރީ ޕިކަޕާއި، ރަށު ގާޑިޔާ ނޫނީ ސައިކަލު ފަދަ އުޅަނދުތައް. ބައެއް މަަސްތައް އެބަ ދޭ އެއް މަސް ދުވަސްވެސް މިގޮތަށް މީހުން އުފުލަން ޖެހޭ،" ތޯހިރު ވިދާޅުވި އެވެ.

މީގެ އިތުރުން ދެން އެންމެ ގިނަ ދުވަހަަށް ފަހު އެމްބިއުލަންސް ލިބިފައިވާ ރަށްތަކުގެ ތެރޭގައި ހިމެނެނީ ބ. ކެންދޫ އެވެ. އެ ރަށަށް އެމްބިއުލަންސެއް ލިބިފައި ވަނީ 13 އަހަރަށްފަހު އެވެ.

ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް އެމްބިއުލާންސް ފޯރުކޮށްދިނުމަަށް މަސައްކަތް ފަށާފައި ވާއިރު، ބައެއް ރަށްރަށުގައި އެމްބިއުލާންސް ނެތިގެން ރަށު ޕިކަޕާއި ގާޑިޔާ އަދި ބަރޯގައި ވެސް ބަލި މީހުން އުފުލަން ޖެހިފައިވާ މައްސަލަތަކެއް މިފަހުން ވަނީ ފެންމަތިވެފަ އެވެ. މި ފަހުން އެމްބިއުލާންސްގެ މައްސަލަތަކެއް ދިމާވެ މާލޭގައި ވެސް ހާދިސާތަކެއް ހިނގާފައިވެ އެވެ.