Advertisement

ދަޅުގައި މަސްހުނި ބަންދުކޮށް ބާޒާރަށް ނެރެފި

11 ޑިސެންބަރު 2021 - 13:21 2

މަރިޔަމް އަރީން އީސާ

މަރިޔަމް އަރީން އީސާ

ހޮރައިޒަން ފިޝަރީޒްއިން އަލަށް ބާޒާރަށް ނެރުނު މަސްހުނި ދަޅު. --- ފޮޓޯ: ހޮރައިޒަން


ދަޅުގައި މަސްހުނި ބަންދުކޮށް ބާޒާރަށް ނެރެފި

11 ޑިސެންބަރު 2021 - 13:21 2

ރާއްޖޭގައި މަސްވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ކުންފުންޏެއް ކަމުގައިވާ ހޮރައިޒަން އިން ދަޅުގައި މަސްހުނި ބަންދުކޮށް ބާޒާރަށް ނެރެފި އެވެ.

މަސްވެރިންގެ ދުވަހާ ގުޅިގެން ކ. ގާފަރުގައި ހިންގުނު ހަރަކާތްތަކުގެ ތެރެއިން ހޮރައިޒަންއިން އުފައްދާފައިވާ މަސްހުނި ދަޅު ރަސްމީކޮށް ނެރެދެއްވީ ފިޝަރީޒް މިނިސްޓަރ ޑރ. ހުސެން ރަޝީދު ހަސަން އެވެ.

ދިވެހިންގެ ހެނދުނުގެ ނާސްތާގައި އެންމެ މަގުބޫލު އެއް ބާވަތްކަމަށްވާ މަސްހުނި ދަޅުގައި ބަންދުކޮށް ބާޒާރަށް ނެރުމަށް ހޮރައިޒަން އިން ނިންމަވާފައިވަނީ ދިވެހިންގެ މެދުގައި މި އުފެއްދުމަށް ތަރުހީބު ލިބިގެން ދާނެކަމަށް ބަލައިގެންނެވެ. އަދި މި އުފެއްދުމުގައި ދިވެހި ރަހަތައް ހިމަނައި ދިވެހިންނަށް ކަމުދާނެގޮތްތައް ބަލައިގެން ވެސް މެ އެވެ.

މަސްހުނި ތައްޔާރުކުރުމަށް ހެނދުނު ގަޑީގައި ހޭދަވާ ވަގުތު ސަލާމަތްވުމަށް މަގުފަހިކޮށްދޭނެ މި އުފެއްދުމަކީ ވަރަށް ގިނަ މީހުންނަށްކަމުދާނެ އުފެއްދުމަކަށް ވެގެންދާނެކަމަށް ހޮރައިޒަންއިން ވަނީ ބުނެފަ އެވެ. ހޮރައިޒަންގެ މަސްހުނި ދަޅުތައް ފަރުމާކޮށްފައިވަނީ ދެ އަހަރު ވަންދެން ނުބައިނުވެ ބޭނުންކުރެވޭނެގޮތަށެވެ.

ދިވެހިންގެ ރަހަތަކާއި ގުޅޭނެހެން އުފައްދާފައިވާ މި ދިވެހިވަންތަ އުފެއްދުން، މި ފެށޭ ހަފްތާއިން ފެށިގެން ހޮރައިޒަން ފިޝަރީޒް ޝޮޕުންނާއި ޗާންދަނީ މަގުގައި ހުންނަ ސީފުޑް ޕްލަސްއިން ލިބޭނެ އެވެ.

މީގެ 185 ގުރާމު މަސްހުނި ދަޅެއްގެ އަގަކީ 15 ރުފިޔާއެވެ. އަދި މަސްހުނި ދަޅު ކޭހެއްގެ އަގަކީ 640 ރުފިޔާ އެވެ.