Advertisement

ހުޅުމާލެ މައްސަލަ ގޯހުންގޯހަށް، ފޭސް ދޭއްގައި ފޯރިމަރަން ފުލުހުން ނިކުމެއްޖެ

8 ޑިސެންބަރު 2021 - 21:47 4

އަމަން ހަލީމް

އަމަން ހަލީމް

ހުޅުމާލެ ފޭސް ދޭއްގެ ހިޔާ ސަރަހައްދުގައި ފުލުހުންގެ ވެހިކަލެއް ޕާކުކޮށްފައި: ފުލުހުން މި ސަރަހައްދުގައި ހަރަކާތްތެރިވާން ފެށީ ޖަލްސާއަށް ތައްޔާރުވާން ދިދަ ދަމާފައި ވަނިކޮށް. -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު


ހުޅުމާލެ މައްސަލަ ގޯހުންގޯހަށް، ފޭސް ދޭއްގައި ފޯރިމަރަން ފުލުހުން ނިކުމެއްޖެ

8 ޑިސެންބަރު 2021 - 21:47 4

އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ހުޅުމާލޭ ފޭސް ދޭއްގައި ބާއްވަަން އުޅޭ "ކޮތަރު ކޮށި" ޖަލްސާއާ ގުޅިގެން މާލޭ ސިޓީ ކައުންސިލާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އާ ދެމެދު އުފެދިފައިވާ މައްސަލަ އިތުރަށް ހޫނުވެ، ހިޔާ ސަރަހައްދުގައި ފޯރިމަރަން ފުލުހުން ނިކުމެއްޖެ އެވެ.

މި މައްސަލަައިގައި ކަން ހިނގައިދިޔަ ގޮތަކީ، އިދިކޮޅުގެ ޖަލްސާ ހިޔާ ސަރަހައްދުގައި ބާއްވަންް ސިޓީ ކައުންސިލުން ހުއްދަ ދިނުމުން، އެޗްޑީސީން އެކަމަށް އިންކާރުކުރީ އެވެ.

އިދިކޮޅު ޖަލްސާ ނުބޭއްވޭނެ ކަމަށް އެޗްޑީސީން ބުނީ ހުޅުމާލޭގެ އެއްވެސް ސަރަހައްދެއްގައި ހަރަކާތެއް ބޭއްވޭނީ އެ ކޯޕަރޭޝަނުން ހުއްދަ ނަގައިގެން ކަމަށެވެ. އެކަމަކު އެފަދަ ހުއްދައަކަށް އެދިފައި ނުވާތީ، ޖަލްސާ ނުބޭއްވޭނެ ކަމަށް އެ ކޯޕަރޭޝަނުން ނެރުނު ބަޔާނެއްގައި ބުންޏެވެ.

އޭގެ ފަހުން މިއަދު ބޭއްވި ޖަލްސާއެއްގައި އިދިކޮޅު އަގުލަބިއްޔަތު އޮންނަ މާލޭ ސިޓީ ކައުންސިލުން ހުޅުމާލޭ ރަޖިސްޓްރީ ބާތިލުކުރި އެވެ. އަދި ކައުންސިލުގެ ބިމެއްގެ ގޮތުގައި ކަނޑައަޅާ، ގެޒެޓު ކުރި އެވެ.

ކައުންސިލް ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އަގުލަބިއްޔަތުން ފާސްވި ހުށަހެޅުމަށް، އެމްޑީޕީއަށް ނިސްބަތްވާ ދެ ކައުންސިލަރަކު ވެސް ވޯޓު ދެއްވި އެވެ.

ރަޖިސްޓްރީ ބާތިލުކުރުމުގެ ނިންމުން އެޗްޑީސީން ސިފަކުރީ ގާނޫނާ ހިލާފު، ނާތަހުޒީބީ އަމަލެއްގެ ގޮތުގަ އެވެ. އަދި އެކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށް ބަޔާނެއް ނެރުނެވެ.

މިހާރު މައުލޫމާތު ލިބެނީ، އެޗްޑީސީން އެދިގެން ޖަލްސާ ބާއްވަން ރާވާފައިވާ ހިޔާ ފްލެޓު ސަރަހައްދުގައި ފުލުހުން ހަރަކާތްތެރި ވަމުން އަންނަ ކަމަށެވެ.

މިކަން ކަށަވަރުކޮށްދެމުން ފުލުހުންގެ މީޑިއާ އޮފިޝަލް "އަދަދު"އަށް ވިދާޅުވީ، ފޭސް ދޭއްގައި ފުލުހުން ހަރަކާތްތެރި ވަމުން ދަނީ އެޗްޑީސީގެ ހުއްދު ނުހޯދައި ޖަލްސާއެއް ބާއްވަން އުޅޭތީ އެ ކޯޕަރޭޝުން ފިޔަވަޅު އަޅައިދޭން އެދިފައިވާތީ ކަމަށެވެ.

"އެކަމަށް އެދިފައިވަނީ ހުޅުމާލޭ ފޭސް ދޭއް އެއީ، އެޗްޑީސީގެ އިހްތިސާސް ހިނގާ ތަނަކަށް ވާތީ، އެފަދަ ހަރަކާތްތައް އެ ސަރަހައްދުގައި ބޭއްވުމުގެ ހުއްދަ އެޗްޑީސީން ދީފައި ނުވާތީ ކަމަށް އެޗްޑީސީން ފުލުހުންނަށް އަންގާފައިވޭ," މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

ފޭސް ދޭއްގައި ފޯރިމަރަން ފުލުހުން ނިކުތުމުން އެކަމާ ނުރުހުން ފާޅުކޮށް، މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފުލުހުން ހުރަސްއަޅަމުން ދަނީ ކައުންސިލުން ހުއްދަ ދީފައިވާ ސިޔާސީ ހަރަކާތަަކަށް ކަމަށެވެ.

"އެކަމުގައި ޕޮލިސް ގާނޫނީ ގޮތުން ޖަވާބުދާރީ ކުރުވާނެ ކަމުގައި ދަންނަވަން," އޭނާ ވިދާޅުވި އެވެ.

މައުލޫމާތު ލިބޭ ގޮތުގައި، ޖަލްސާއަށް ތައްޔާރުކުރަމުންދާ ސަރަހައްދުގައި ގިނަ އަދަދެއްގެ ފުލުހުންނާއި ފުލުހުންގެ ވެހިކަލްތައް އެބަހުއްޓެވެ. އަދި މަގު ހެދުމުގެ މަސައްކަތް ކުރަން ބޭނުންކުރާ ބައެއް ހެވީ ވެހިކަލްތައް ވެސް އެބަހުއްޓެވެ.