Advertisement

ސީއެންއެންގެ ނޫސްވެރިޔާ ކްރިސް ކޫމޯ ވަޒީފާއިން ވަކިކޮށްފި

5 ޑިސެންބަރު 2021 - 15:36 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ސީއެންއެންގެ ނޫސްވެރިޔާ ކްރިސް ކޫމޯ. -- ފޮޓޯ: ގެޓީ އިމޭޖަޒް


ސީއެންއެންގެ ނޫސްވެރިޔާ ކްރިސް ކޫމޯ ވަޒީފާއިން ވަކިކޮށްފި

5 ޑިސެންބަރު 2021 - 15:36 0

ނިއު ޔޯކުގެ ކުރީގެ ގަވަރުނަރު އެންޑްރޫ ކޫމޯގެ ޖިންސީ ފުރައްސާރައިގެ ތުހުމަތުތަކާ ގުޅިގެން އެހީތެރިކަން ފޯރުކޮށްދިން މައްސަލައިގައި އޭނާގެ ކޮއްކޮ ކްރިސް ކޫމޯ ސީއެންއެންގެ އޭނާ ވަޒީފާ އިން ވަކިކޮށްފި އެވެ.

ސީއެންއެން އިން އެގޮތަށް ނިންމީ އެންޑްރޫގެ ދިފާއުގައި ކްރިސް މަސައްކަތް ކުރި މިންވަރާ ގުޅޭ އިތުރު މައުލޫމާތުތަކެއް ލިބިފައި ވާތީ ކަމަށް އެ ޗެނަލް އިން ބުންޏެވެ.

މުވައްޒަފުންނަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތު އުފުލުމާ އެކު އެންޑްރޫ ނިއު ޔޯކުގެ ގަވަރުނަރުކަމުގެ އިސްތިއުފާ ދެއްވީ މިދިޔަ އޯގަސްޓު މަހު އެވެ.

އުމުރުން 51 އަހަރުގް ކްރިސް ނެރުނު ބަޔާނެއްގައި ބުނީ އޭނާ ހުރީ ހިތްހަމަނުޖެހިފައި ކަމަށާއި "ސީއެންއެންގައި ހޭދަކުރި ދުވަސްތަކެއް ނިމެން އެދެނީ މިގޮތަށް ނޫން" ކަމަށެވެ.

ދެހާސް ތޭރަ ވަނަ އަހަރުން ފެށިގެން ސީއެންއެންގައި މަސައްކަތް ކުރަމުންދާ ކްރިސް އަކީ އެންމެ މަގްބޫލު އެއް ހަބަރު ހުށަހެޅުންތެރިޔާ އެވެ. އެމެރިކާގެ 2021 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކަވަރޭޖުގައި ވެސް އޭނާ އިސް ދައުރެއް އަދާކުރި އެވެ.

ސީއެންއެން އިން ނެރުނު ބަޔާނެއްގައި ބުނީ އެންޑްރޫ އަށް އެހީވާން ކްރިސް ކުރި މަސައްކަތްތައް ތަހުގީގު ކުރުމަށް "އިތުބާރު ހުރި ގާނޫނީ ކުންފުންޏެއް" މަސައްކަތް ފަށާފައިވާ ކަމަށެވެ.

ނަމަވެސް މި ތަހުގީގު ކުރިއަށް ދަނިކޮށް، "ލިބުނު މުޅިން އާ މައުލޫމާތުތަކެއްގެ އަލީގައި ކްރިސްގެ ވަޒީފާގެ އެއްބަސްވުން ވަގުތުން އުވާލަން" ވަނީ ޖެހިފައި ކަމަށް ސީއެންއެން އިން ބުންޏެވެ.

އެންޑްރޫ އަށް ކްރިސް ފޯރުކޮށްދިން އެހީގެ މައްސަލަ ފެންމަތިވުމާ އެކު މިދިޔަ އަންގާރަ ދުވަހު ސީއެންއެން އިން އޭނާ ސަސްޕެންޑު ކުރި އެވެ.

އޭރު ސީއެންއެން އިން ބުނީ "އާއިލާ އަށް ފުރަތަމަ އިސްކަން ދީ، ވަޒީފާ ދެ ވަނަ ކަމެއްގެ ގޮތުގައި ބާއްވަން ކްރިސް އަށް މަޖުބޫރުވެފައި އޮތް ހާލަތު ބަލައިގަތް" ނަމަވެސް ކްރިސް އަމަލު ކުރީ ނޫސްވެރިކަމުގެ އެތިކްސްއާ ހިލާފަށް ކަމަށެވެ.

ނިއު ޔޯކްގެ އެޓޯނީ ޖެނެރަލް ލެޓީޝިއާ ޖޭމްސް ހާމަކުރެއްވި ލިޔުންތަކުން އެނގޭ ގޮތުގައި ކްރިސް ވަނީ އެންޑްރޫގެ ދިފާއުގައި މަސައްކަތް ކުރުމަށް ބޭނުންވާތީ އެންޑްރޫގެ މުވައްޒަފުންނަށް ޕްރެޝަރުކޮށްފަ އެވެ.

އޭގެ އިތުރުން އެކި ނޫސްތަކުގައި އެންޑްރޫގެ ޖިންސީ ފުރައްސާރައިގެ ވާހަކަތައް ރިޕޯޓުކުރުމުގެ ކުރިން އެ ކަންކަން ހޯދައިދޭނެ ކަމަށް ވެސް ކްރިސް ބުނެފައި ވެ އެވެ.

ކޫމޯ އާއިލާ އަކީ އެމެރިކާގެ ސިޔާސީ ދާއިރާގައި ހަރަކާތްތެރި އާއިލާ އެކެވެ. ޖެހިޖެހިގެން ތިން ދައުރު ނިއު ޔޯކުގެ ގަވަރުނަރު ކަމަށް އެންޑްރޫ އިންތިހާބުވި އިރު، ބައްޕަ މާރިއޯ ކޫމޯ ވަނީ 1983 އިން 1994 އަށް އެ ސްޓޭޓްގެ ގަވަރުނަރުކަން ކުރައްވާފަ އެވެ.

އެންޑްރޫއާ ދެކޮޅަށް ކުރާ ޖިންސީ ފުރައްސާރައިގެ ތުހުމަތުތައް އާއްމުވީ ނިއު ޔޯކް ސްޓޭޓުގެ އެޓޯނީ ޖެނެރަލް އޮފީހުން ނެރުނު ރިޕޯޓެއްގަ އެވެ. އެންޑްރޫ ވަނީ ތުހުމަތުތައް ދޮގުކުރައްވާފަ އެވެ.