Advertisement

ފަހު ވަގުތު ވައިނަލްޑަމް ޕީއެސްޖީ ސަލާމަތްކޮށްދީފި

5 ޑިސެންބަރު 2021 - 08:25 0


ފަހު ވަގުތު ވައިނަލްޑަމް ޕީއެސްޖީ ސަލާމަތްކޮށްދީފި

5 ޑިސެންބަރު 2021 - 08:25 0

މެޑްރިޑް (ޑިސެމްބަރު 5) - ފްރެންޗް ލީގުގައި ރޭ ފަހު ވަގުތު ޖިއޮޖީނިއޯ ވައިނަލްޑަމް ޖެހި ލަނޑުން ލެންސް އަތުން ޕީއެސްޖީ ބަލިނުވެ ސަލާމަތްވެއްޖެ އެވެ.

ލެންސާއި ޕީއެސްޖީ ބައްދަލުކުރި މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.

މި ނަތީޖާއާ އެކު ޕީއެސްޖީ ފްރެންޗް ލީގުގެ އެއް ވަނައިގައި އޮތީ 17 މެޗުން 42 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް މާސޭ އަށް 16 މެޗުން ލިބިފައިވަނީ 29 ޕޮއިންޓެވެ. ތިން ވަނައިގައި ރެނެސް އޮތީ 16 މެޗުން 28 ޕޮއިންޓް ހޯދައިގެންނެވެ. ހަތަރެއްގައި އޮތް ނީސް އާއި ފަހެއްގައި އޮތް ލެންސަށް ވަނީ 27 ޕޮއިންޓް ލިބިފަ އެވެ. މީގެ ތެރެއިން ލެންސް ވަނީ 17 މެޗު ކުޅެފަ އެވެ.

ލެންސް ދަނޑުގައި ރޭ ކުޅުނު މެޗު ފަށައިގެން ފުރަތަމަ ހާފުގައި ޕީއެސްޖީގެ އެންހެލް ޑި މާރިއާ ފޮނުވާލި ބޯޅަ ލެންސް ކީޕަރު ޖީން-ލުއިސް ލެކާ ވަނީ މަތަކޮށްފަ އެވެ. ލެންސް އިން މަދު އެޓޭކްތަކެއްކުރި ނަމަވެސް ލީޑުނެގީ އެ ޓީމުންނެވެ. މެޗުގެ 62 ވަނަ މިނިޓްގައި ލެންސްގެ ގޯލު ޖެހީ ސެކޯ ފޮފާނާ އެެވެ. އޭރިއާބޭރުން ފޮފާނާ ޖެހި ބާރު ބޯޅަ ގޯލަށް ވަނީ ޕީއެސްޖީގެ ކީޕަރު ކޭލޯ ނަވާސް އަތުގައި ޖެހިފަ އެވެ.

ލީޑުފުޅާކުރަން ލެންސްގެ ޑޭވިޑް ކޮސްޓާ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ.

ނަތީޖާ ހަމަހަމަކުރަން ޕީއެސްޖީގެ ކީލިއަން އެމްބާޕޭ ފޮނުވާލި ބޯޅައެއް ލެންސް ކީޕަރު ލެކާ ވަނީ މަތަކޮށްފަ އެވެ. އެކަމަކު، އިތުރު ވަގުތުގެ ފުރަތަމަ މިނިޓްގައި ވައިނަލްޑަމް ބޮލުން ޖެހި ބޯޅަ ގޯލަށް ވަންއިރު އެ ބޯޅަ ހުއްޓުވަން ލެކާ އަށް މާ ބޮޑު ކަމެއް ނުކުރެވުނެވެ. ވައިނަލްޑަމް މި ގޯލު ޖެހީ އެމްބާޕޭ ނެގި ހުރަހަކުންނެވެ.

އެމްބާޕޭ އާއި ވައިނަލްޑަމް ކުޅެން އެރީ ފަހު 20 މިނިޓަށެވެ. އެއީ ލެއަންޑްރޯ ޕަރޭޑޭސް އާއި މައުރޯ އިކާޑީގެ ބަދަލުގަ އެވެ.

ލެންސް އިން ރޭގެ މެޗުގައި ޕީއެސްޖީގެ ތަރި ލިއޮނަލް މެސީ މާކްކޮށްގެން ރަނގަޅު ކުޅުމެއް ދެއްކި އެވެ. މެސީ އަށް ލިބޭ ބޯޅަތަކުގައި އޭނާ ހުއްޓުވަން އަބަދުވެސް ލެންސްގެ ދެ ކުޅުންތެރިއަކު ކައިރީގައި ހުރެ އެވެ.