Advertisement

ބާސެލޯނާ ބަލިކުރެވޭނެ ކަމުގެ ޔަގީންކަން އެންރީކޭ އަށް އެބައޮތް

16 އޭޕްރީލް 2024 - 15:24 0


ބާސެލޯނާ ބަލިކުރެވޭނެ ކަމުގެ ޔަގީންކަން އެންރީކޭ އަށް އެބައޮތް

16 އޭޕްރީލް 2024 - 15:24 0

ބާސެލޯނާ (އޭޕްރީލް 16) - ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގެ ދެވަނަ ލެގުގައި މިރޭ ރަށުން ބޭރުގައި ބާސެލޯނާއާ ދެކޮޅަށް ޕީއެސްޖީ ނުކުންނައިރު، މި މެޗުގައި ބާސެލޯނާ ބަލިކުރެވޭނެކަމުގެ ޔަގީންކަން އެބައޮތް ކަމަށް ޕީއެސްޖީގެ ކޯޗު ލުއިސް އެންރީކޭ ބުނެފި އެވެ.

މިދިޔަ ހަފުތާގައި ޕީއެސްޖީގެ ދަނޑުގައި ކުޅުނު ފުރަތަމަ ލެގުން ބާސެލޯނާ މޮޅުވީ 3-2 އިންނެވެ. އަދި ދެ ވަނަ ލެގު އަމިއްލަ ދަނޑުގައި ކުޅޭތީ، އެޑްވާންޓޭޖް ބޮޑީ ބާސެލޯނާ އަށެވެ.

ބާސެލޯނާ އަތުން ބަލިވުމުގެ ކުރިން ޕީއެސްޖީން ވަނީ ބަލިނުވެ 27 މެޗު ހަމަަކޮށްފަ އެވެ. ޗެމްޕިއަންސް ލީގުގައި ފުރަތަމަ ލެގުން ބަލިވެ، މިހާތަނަށް ދެ ވަނަ ލެގުގައި ޕީއެސްޖީ އަށް އެ ޓީމު ކޮޅަށް ނަތީޖާ އަނބުރާ ލެވިފައެއްނުވެ އެވެ.

އެކަމަކު، ބާސެލޯނާ އަށް ކުރިން ކުޅެ، އެ ޓީމަށް ކޯޗުކަން ކޮށްދިން އެންރީކޭ ބުނީ މިރޭގެ މެޗުން މޮޅުވެ، ޕީއެސްޖީން ސެމީ ފައިނަލުން ޖާގަ ހޯދާނެކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

"ފުރަތަމަ މެޗުންވެސް އަހަރަމެންނަށް އެންމެ ކުޑަމިނުން ޑްރޯއެއް ހައްގު. އެކަމަކު އެ މެޗަށްވުރެ މި މެޗުގައި ކުޅުން ރަނގަޅުކުރަންޖެހޭ. އަހަރަމެން ދުލެއްނުދޭނަން. ކާމިޔާބުވާނެ ކަމުގެ ޔަގީންކަން އެބައޮތް،" އެންރީކޭ ބުންޏެވެ.

"ފުރަތަމަ މެޗުގައި ފެނުނު ކަހަލަ ކުޅުމެއް މި މެޗުގައިވެސް ދެ ޓީމުގެ ފަރާތުން ފެންނާނެ ކަމަށް ލަފާކުރެވެނީ."

ސަސްޕެންޝަންގެ ސަބަބުން ފުރަތަމަ ލެގުގައި ނުކުޅެވުނު ޕީއެސްޖީގެ ޑިފެންޑަރު އަޝްރަފް ހަކީމީ އަށް މިރޭގެ މެޗުގައި ކުޅެވޭނެ އެވެ.

މެޗުގެ ކުރިން ބާސެލޯނާގެ ކޯޗު ޒަވީ ހެނާންޑޭޒް ބުނީ ޕީއެސްޖީ އަކީ ވަރަށް އެޓޭކިން ގޭމެއް ކުޅޭ ޓީމެއް ކަމަށާއި ފުރަތަމަ ލެގުން ބަލިވެފައި އޮތުމުން މިރޭގެ މެޗުގައި ޕީއެސްޖީން އިތުރަށް އެޓޭކްކުރަން ވިސްނާނެ ކަމަށެވެ.

"ދެ ޓީމަކީވެސް އެޓޭކިން ފުޓްބޯޅަ ކުޅެން ބޭނުންވާ ދެ ޓީމު. މި މެޗުގައި ދެ ޓީމުންވެސް އެޓޭކްކުރާނެ. ވަރުގަދަ މެޗެއް ފެނިގެންދާނެ،" ޒަވީ ބުންޏެވެ،

މިރޭގެ މެޗު ފަށާނީ 00:00 ގަ އެވެ.