Advertisement

ޕީއެސްޖީން ބަދަލުހިފައި ބާސެލޯނާ ޗެމްޕިއަންސް ލީގުން ކަޓުވާލައިފި

17 އޭޕްރީލް 2024 - 07:20 0


ޕީއެސްޖީން ބަދަލުހިފައި ބާސެލޯނާ ޗެމްޕިއަންސް ލީގުން ކަޓުވާލައިފި

17 އޭޕްރީލް 2024 - 07:20 0

ބާސެލޯނާ (އޭޕްރީލް 17) - ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލް ދެ ވަނަ ލެގުގައި ފްރާންސްގެ ޗެމްޕިއަން، ޕީއެސްޖީން ބާސެލޯނާ ކައިރިން ނަތީޖާ އަނބުރާލައި އެ ޓީމު ކަޓުވާލައިފި އެވެ.

ފުރަތަމަ ލެގުން ބާސެލޯނާ ވަނީ މޮޅުވެފަ އެވެ. އެކަމަކު، ދެ ވަނަ ލެގުގައި ނަތީޖާ ހިފަަހައްޓާލެވޭ ގޮތެއްނުވި އެވެ. ޕީއެސްޖީ ދަނޑުގައި، 3-2 އިން މޮޅުވި ބާސެލޯނާ ރޭ އަމިއްލަ ދަނޑުގައި ކުޅުނު ލެގުން ބަލިވީ، 4-1 އިންނެވެ. އެގްރިގޭޓަށް ބަލާއިރު، ޕީއެސްޖީން ކުރިހޯދީ 6-4 އިންނެވެ.

ބާސެލޯނާ އިން ރޭގެ މެޗުގެ 12 ވަނަ މިނިޓްގައި ލަމީން ޔަމާލް ދިން ބޯޅައަކުން ރަފީނިއާ ޖެހި ގޯލާ އެކު ލީޑެއް ނެގި އެވެ. އެކަމަކު، ބާސެލޯނާ ޕްރެޝަރަށް ވެއްޓުނީ މެޗުގެ 29 ވަނަ މިނިޓްގައި އެ ޓީމުގެ ރޮނާލްޑް އަރައުހޯ އަށް ސީދާ ރަތް ކާޑެއް ދެއްކުމުން މެޗުގެ ބޮޑުބައި ކުޅުންތެރިއަކު މަދުކޮށް ކުޅެން ޖެހުމުންނެވެ. ސީދާ ރަތް ކާޑެއް ދެއްކީ ޕީއެސްޖީގެ ބްރެޑްލީ ބަކޯލާ ގޯލެއް ޖަހަން ހުސްކޮށް ދަނިކޮށް ހުރަސް އެޅި ކަމަށް ބަލައިފަ އެވެ.

ބާސެލޯނާގެ ކުޅުންތެރިއަކު މަދުވުމުގެ ފައިދާނަގައި، ފުރަތަމަ ހާފު ނިމުމުގެ ކުރިން ޕީއެސްޖީން އެއްވަރުކުރީ، ކުރިން ބާސެލޯނާ އަށް ކުޅުނު އޮސްމާން ޑެމްބެލޭ ޖެހި ގޯލުންނެވެ. އަދި ދެ ވަނަ ހާފު ފެށިގެން، ނުވަ މިނިޓް ތެރޭ، މެޗުގެ 54 ވަނަ މިނިޓްގައި ވިޓީނިއާ ވަނީ ލަނޑެއް ޖަހައި، ނަތީޖާ އަނބުރާލައިފަ އެވެ. އޭގެ އިރުކޮޅެއް ފަހުން، މެޗުގެ 61 ވަނަ މިނިޓްގައި ކީލިއަން އެމްބާޕޭ ވަނީ ޕެނަލްޓީ އަކުން ޕީއެސްޖީގެ ތިން ވަނަ ގޯލު ޖަހައިފަ އެވެ. މިއީ، ބާސެލޯނާގެ ޔޮއާއޯ ކަންސޭލޯ އެ ޓީމުގެ އޭރިއާތެރެއިން ޕީއެސްޖީގެ ޑެމްބެލޭ އަށް ފައުލުކުރުމުން، ދިންް ޕެނަލްޓީ އެކެވެ.

އަދި މެޗުގެ ފަހު މިނިޓްގައި އެމްބާޕޭ އިތުރު ގޯލެއް ޖަހައި، ޕީއެސްޖީ އަށް ސެމީގެ ޖާގަ ކަށަވަރުކޮށްދިނެވެ. މިއީ ފާއިތުވި ތިން އަހަރު ތެރޭ ޕީއެސްޖީން މުބާރާތުގެ ސެމީގައި ކުޅޭނެ ފުރަތަމަ ފަހަރެވެ. ސެމީގައި މި ފަހަރު، ޕީއެސްޖީ ކުޅޭނީ، އެތުލެޓިކޯ މެޑްރިޑް ކަޓުވާލި، ބޮރޫޝިއާ ޑޯޓްމަންޑްއާ އެެވެ. ސެމީގެ ފުރަތަަމަ ލެގުތައް އޮންނާނީ، އޭޕްރީލް 30 އާއި މެއި 1 ގަ އެވެ. ދެ ވަނަ ލެގު ކުޅޭނީ މެއި 7 އާއި މެއި 8 ގަ އެވެ.

މިއީ، 2017 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ގަދަ 16 ބުރުގައި ފަހު ވަގުތު ބާސެލޯނާ އިން ޕީއެސްޖީ ކައިރީގައި ނަތީޖާ އަނބުރާލި ގޮތުގެ ބަަދަލުހިފުމެއްގެ ގޮތުގައި ޕީއެސްޖީން ދެކެ އެވެ.