Advertisement

ނަޕޯލީ ބަލިވުމުން މިލާނަށް އެއް ވަނަ، އިންޓަ ދެ ވަަނަ އަށް

5 ޑިސެންބަރު 2021 - 07:32 0

ރޭގެ މެޗަށް ފަހު ނަޕޯލީގެ މާޓެންސް.


ނަޕޯލީ ބަލިވުމުން މިލާނަށް އެއް ވަނަ، އިންޓަ ދެ ވަަނަ އަށް

5 ޑިސެންބަރު 2021 - 07:32 0

މިލާން (ޑިސެމްބަރު 5) - އިޓާލިއަން ލީގުގައި ރޭ ނަޕޯލީ ބަލިވުމުގެ ފައިދާނަގައި އޭސީ މިލާން ލީގުގެ އެއް ވަނަ އަށް ޖެހިލިއިރު، އެންމެ ފަހުގެ ޗެމްޕިއަން އިންޓަ މިލާން ވަނީ ދެ ވަނަ އަށް އަރައިފަ އެވެ.

ނަޕޯލީ ބަލިވީ އެޓަލަންޓާ އަތުން 3-2 އިންނެވެ. ހޯސޭ މޮރީނިއޯ ކޯޗުކޮށްދޭ ރޯމާ ދަނޑުގައި އިންޓަ މޮޅުވީ 3-0 އިންނެވެ. އަދި އެންމެ ފުލުގައި އޮތް ސަލެނިޓާނާ އަތުން މިލާން މޮޅުވީ 2-0 އިންނެވެ.

މިލާން އެއް ވަނައިގައި އޮތީ 16 މެޗުން 38 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް އިންޓަ މިލާނަށް 16 މެޗުން 37 ޕޮއިންޓް ލިބިފައިވާއިރު، ނަޕޯލީ ތިން ވަނައިގައި އޮތީ 16 މެޗުން 36 ޕޮއިންޓް ހޯދައިގެންނެވެ. ހަތަރެއްގައި އޮތް އެޓަލަންޓާ އަށް 16 މެޗުން ވަނީ 34 ޕޮއިންޓް ލިބިފަ އެވެ.

ރޭ ފުރަތަމަ ކުޅުނު މެޗުން ރޯމާ ދަނޑުގައި އިންޓަ މޮޅުވިއިރު، މިއީ މޮރީނިއޯގެ ކޯޗުކަމުގައި ކުޅުނު ޓީމެއް އަމިއްލަ ދަނޑުގައި މިހާ ތަފާތު ބޮޑުކޮށް ބަލިވި ދެ ވަނަ ފަހަރެވެ.

އިންޓަ އިން ވަނީ ރޭގެ މެޗުގެ ފުރަތަމަ ހާފުގައި އެ ޓީމުގެ ތިން ގޯލު ޖަހައިފަ އެވެ. ފުރަތަަމަ ގޯލު ޖެހީ މެޗުގެ 15 ވަނަ މިނިޓްގައި ތުރުކީގެ މިޑްފީލްޑަރު ހަކަން ޗަނޮނޮގްލޫ އެވެ. މެޗުގެ 24 ވަނަ މިނިޓްގައި ކުރިން ރޯމާ އަށް ކުރިން ކުޅުނު އެޑިން ޒެކޯ ވަނީ އިންޓަގެ ލީޑު ފުޅާކޮށްދީފަ އެވެ. ތިން ވަނަ ގޯލު ޖެހީ ނެދަލެންޑްސްގެ ފުލްބެކް ޑެންޒެލް ޑަމްފްރީސް އެވެ.

ރޯމާ ވަނީ 2021 ވަނަ އަހަރު އިޓާލިއަން ލީގުގައި 16 މެޗުން ބަލިވެފަ އެވެ. މިއީ 1950 ވަނަ އަހަރުގެ ފަހުން ކަލަންޑަރު އަހަރެއްގައި ރޯމާ މި އަދަަދަށް ލީގު މެޗުތަކުން ބަލިވި ފުރަތަމަ ފަހަރެވެ.

މިލާނުން ވަނީ ފުރަތަމަ 18 މިނިޓް ތެރޭ ފްރޭންކް ކެސިއޭ އާއި އަލެކްސިން ސަލަމާކާގެ ގޯލުތަކުން ފުލުގައި އޮތް ސަލެނިޓާނާ ބަލިކޮށްފަ އެެވެ.

ނަޕޯލީ ރޭގެ މެޗަށް ނުކުތްއިރު ވެސް އެ ޓީމު އޮތީ ތިން ވަނައިގަ އެވެ. އެ ޕްރެޝަރާ ހެދި އަމިއްލަ ދަނޑުގައި އެ ޓީމަށް ނަތީޖާ ނުނެރެވުނެވެ.

ރޭގެ މެޗު ފަށައިގެން ހަތް ވަނަ މިނިޓްގައި ރުސްލާން މަލިނޯވްސްކީ އެޓަލަންޓާ އަށް ލީޑުނަގައިދިނެވެ. ފުރަތަމަ ހާފުގެ ފަހު ކޮޅުގައި ޕިއޮޓްރޭ ޒިއެލިންސްކީ އާއި ދެ ވަނަ ހާފްގެ ކުރީކޮޅުގައި ޑްރީސް މާޓެންސް ޖެހި ގޯލުން ނަޕޯލީން އެ ޓީމު ކޮޅަށް ނަތީޖާ އަނބުރާލި އެވެ. އެކަމަކު، އޭގެ ފަހުން މެރީހް ޑެމައިރަލް އާއި ރެމޯ ފްރެއޮލާ ޖެހި ގޯލުތަކާ އެކު އެޓަލަންޓާ މެޗު ކާމިޔާބުކުރީ އެވެ.

ރޭގެ މެޗުގައި ނަޕޯލީގެ ކެޕްޓަން ލޮރެންޒޯ އިންސީނިއޭ ނުކުޅެ އެވެ. މިއީ މި ފަހަރު ލީގުގައި ލޫޝިއާނޯ ސްޕަލެއްޓީގެ ކޯޗުކަމުގައި ކުޅޭ ނަޕޯލީ ބަލިވި ދެ ވަނަ މެޗެވެ.