Advertisement

ވެސްޓް ހޭމް އިން ފަހަތުން އަރައި ޗެލްސީ ބަލިކޮށްފި

4 ޑިސެންބަރު 2021 - 19:48 0


ވެސްޓް ހޭމް އިން ފަހަތުން އަރައި ޗެލްސީ ބަލިކޮށްފި

4 ޑިސެންބަރު 2021 - 19:48 0

ލަންޑަން (ޑިސެމްބަރު 4) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ވެސްޓް ހޭމް ޔުނައިޓެޑުން ފަހަތުން އަރައި 3-2 އިން ލީގުގެ އެއް ވަަނައިގައި އޮތް ޗެލްސީ ބަލިކޮށްފި އެވެ.

މި ނަތީޖާއާ އެކު ޗެލްސީ ލީގުގެ އެއް ވަނައިގައި އޮތީ 15 މެޗުން 33 ޕޮއިންޓާ އެކު އެވެ. އެކަމަކު، މިރޭ ދެ ވަނައިގައި އޮތް މެންޗެސްޓާ ސިޓީ އާއި ތިން ވަނައިގައި އޮތް ލިވަޕޫލް ކުޅޭ މެޗުތަކަށް ފަހު ޗެލްސީގެ މަގާމަށް ބަދަލު އައުމުގެ ފުރުސަތު އެބައޮތެވެ. ސިޓީ މި ވަގުުތު ދެ ވަނައިގައި އޮތީ 14 މެޗުން 32 ޕޮއިންޓާ އެކު އެވެ. ލިވަޕޫލް ތިން ވަނައިގައި އޮތީ 14 މެޗުން 31 ޕޮއިންޓާ އެކު އެވެ.

ލިވަޕޫލުން ރަށުންބޭރުގައި ކުޅޭނީ ވުލްވްސްއާ އެކު އެވެ. ސިޓީން ކުޅެން އޮތް މެޗު އޮތީ ވަޓްފޯޑާ ދެކޮޅަށް އެ ޓީމު ދަނޑުގަ އެވެ. ލިވަޕޫލާއި ސިޓީ ބަލިވެގެން ނޫން ގޮތަކަށް ޗެލްސީ އަށް އެއް ވަނަ މަގާމު ނުދެމެހެއްޓޭނެ އެވެ.

ލަންޑަން ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗުގައި ޗެލްސީން ލީޑުނެގީ މެޗުގެ 28 ވަަނަ މިނިޓްގައި ތިއާގޯ ސިލްވާ ޖެހި ގޯލުންނެވެ. ކޯނަރަކުން މޭސަން މައުޓް ނެގި ބޯޅަ ސިލްވާ ހުސްކޮށް އަރައި ބޮލުން ފޮނުވާލިއިރު، ބޯޅަ ގޯލަށް ވަނީ ވެސްޓް ހޭމް ކީޕަރު ލޫކަސް ފަބިއަންސްކީ އަތުގައި ޖެހިފަ އެެވެ. ވެސްޓް ހޭމް އިން އެއްވަރުކުރީ ޕެނަލްޓީ އަކުން މެނުއަލް ލަންޒީނީ ވައްދާލި ގޯލަކުންނެވެ. މިއީ ޗެލްސީގެ ކީޕަރު އެޑޮއާޑް މެންޑީ އޭރިއާތެރެއިން ވެސްޓް ހޭމްގެ ޖެރޮޑް ބޮވެން އަށް ކުރި ފައުލަަކަށް ދިން ޕެނަލްޓީ އެކެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން ޗެލްސީން ދެ ވަނަ ފަހަރަށް ލީޑުނެގީ މައުންޓް ޖެހި މޮޅު ގޯލުންނެވެ. މައުންޓް މި ގޯލު ޖެހީ މެޗުގެ 44 ވަނަ މިނިޓްގައި ހަކީމް ޒިޔެޗް ނެގި ހުރަހަކުންނެވެ. ވޮލީ އަކުން މައުންޓް ފޮނުވާލި ބޯޅަ ވަނީ ގޯލުގެ ކައިރީ ކަނަށެވެ.

ދެ ވަނަ ހާފްގެ ކުޅުން ފެށިގެން 11 މިނިޓް ތެރޭ ބޮވެން ވަނީ ގޯލެއް ޖަހައި ވެސްޓް ހޭމް އަށް އެއްވަރުކޮށްދީފަ އެވެ. މެޗުގެ 56 ވަނަ މިނިޓްގައި ބޮވެން ޖެހި ބޯޅަ ވަނީ ގޯލުގެ ދުރުކަނަށެވެ. މިކޭލް އެންޓޯނިއޯ ނެގި ހުރަހަކުން ބޮވެން ވެއްޓިގެންފައި ވެސްޓް ހޭމަށް ލީޑުނަަގައިދޭން ޖެހި ބޯޅަ ދިޔައީ އަރިމަތިން ބޭރުންނެވެ.

ވެސްޓް ހޭމް މޮޅުކޮށްދިން ގޯލު ޖެހީ ވާތު ފުލްބެކް އާތޫރް މަސުއާކޫ އެވެ. މެޗުގެ 87 ވަނަ މިނިޓްގައި އަރިމަތިން މަސުއާކޫ ހުރަހެއް ނަގަން ފޮނުވާލި ބޯޅަ ޗެލްސީގެ ކީޕަރު މެންޑީ އަތުގައި ޖެހިފައި ވަނީ ގޯލަށެވެ. ނަތީޖާ ހަމަހަމަ ކުރަން ޗެލްސީން ކުރި މަސައްކަތް ކާމިޔާބެއްނުވި އެވެ.

މި ފަހަރު ލީގުގައި ވެސްޓް ހޭމް އިން މި ވަނީ އަމިއްލަ ދަނޑުގައި ކުޅެ، ލިވަޕޫލާއި ޗެލްސީ ބަލިކޮށްފަ އެވެ. ވެސްޓް ހޭމް ހަތަރު ވަނައިގައި އޮތީ 15 މެޗުން 27 ޕޮއިންޓާ އެކު އެވެ.

މިއީ މިދިޔަ ޖެނުއަރީ މަހު ޗެލްސީގެ ކޯޗުކަމާ ހަވާލުވި ތޯމަސް ޓުޗެލްގެ ކޯޗުކަމުގައި އެ ޓީމު ކޮޅަށް ލީގުގެ މެޗެއްގައި ތިން ގޯލު ވަން ދެ ވަނަ ފަހަރެވެ. މިރޭގދެ މެޗަށް ފަހު ޓުޗެލް ބުނީ މި މެޗުގައި ވެސްޓް ހޭމްއާ ދެކޮޅަށް ޗެލްސީން ދެއްކި ކުޅުމަށް ބަލާއިރު މޮޅުވެވޭނެ ކަމަށާއި އެކަމަކު، ބަލިވީ އިންޑިވިޖުއަލީ ކުޅުންތެރިން ހެދި ގޯސްތަކެއްގެ ސަބަބުން ކަމަށެެވެ.